އިޖުތިމާޢީ އެންމެބޮޑު އެއްހަރަކާތް "ސްކައުޓް"އަށް 70 އަހަރު

ދިވެހިރާއްޖޭގެ ތަޢުލީމީ އަދި އިޖުތިމާޢީ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އެއް ބިންގަލަކީ، ކުޑަކުދިންނާއި ޒުވާނުން ބިނާކުރުމަށް ފެށި ސްކައުޓް ހަރަކާތެވެ. މިއަދަކީ، ދިވެހިރާއްޖޭގެ ސްކައުޓް ހަރަކާތް ފެށުނުތާ ފަޚުރުވެރި 70 އަހަރު ފުރުނު ދުވަހެވެ. ޤައުމު ގޮވާލާ ކޮންމެ ދަނޑިވަޅެއްގައި، ނިކުންނަން ތައްޔާރަށް ތިބޭ މި ލަޝްކަރަކީ މިއަދު ފުރަތަމަ ސަފުން ގުނާލެވޭ ހިތްވަރުގަދަ ލަޝްކަރެކެވެ.
ދިވެހިރާއްޖޭގައި ސްކައުޓް ހަރަކާތުގެ ބިންގާ އެޅީ، 30 މެއި 1956 ގައެވެ. މި ހަރަކާތް އެންމެ ފުރަތަމަ ފެށީ، މަޖީދިއްޔާ ސްކޫލުގައެވެ. މަޖީދިއްޔާ ސްކޫލުގައި އުފެދުނު ސްކައުޓު ގްރޫޕް ކުރިއަރަމުން ގޮސް، 1963 ވަނަ އަހަރު ވަނީ ލަންޑަންގެ އިމްޕީރިއަލް ހެޑްކުއާޓާސްގައި ރަޖިސްޓަރީ ކޮށްފައެވެ. މިއީ، ބައިނަލްއަޤުވާމީ ފެންވަރުގައި ދިވެހި ސްކައުޓް ހަރަކާތް ބަލައިގަތުމުގެ ފެށުމެވެ.
އޭގެ 21 އަހަރު ފަހުން، 20 ޖަނަވަރީ 1984 ގައި "މޯލްޑިވްސް ބޯއި ސްކައުޓް އެސޯސިއޭޝަން"ގެ ނަމުގައި ދިވެހިރާއްޖޭގެ ޖަމްޢިއްޔާއެއްގެ ގޮތުގައި މި ހަރަކާތް ރަޖިސްޓަރީ ކުރިއެވެ. ދިވެހި ސްކައުޓް ހަރަކާތަށް ލިބުނު އެންމެ ބޮޑު އެއް ކުރިއެރުމަކީ، 23 ޖުލައި 1990 ގައި ދުނިޔޭގެ ސްކައުޓް ހަރަކާތުގެ މައި ޖަމްޢިއްޔާ ކަމުގައިވާ "ވޯލްޑް އޯގަނައިޒޭޝަން އޮފް ދަ ސްކައުޓް މޫވްމަންޓް"ގެ ފުރިހަމަ މެންބަރަކަށް ރާއްޖެ ވުމެވެ.
މަޖީދިއްޔާ ސްކޫލުން މީގެ 70 އަހަރުކުރިން ފެށި މި ހަރަކާތް މިހާރު ވަނީ، މުޅި ރާއްޖެއަށް ފުޅާވެފައެވެ. މީގެކުރިން ހަމައެކަނި ސެކަންޑަރީން ފެށިގެން ހަޔަރ ސެކަންޑަރީއާ ހަމައަށް ސްކައުޓުން ހަރަކާތްތެރިވި ނަމަވެސް، މިއަދު މިއީ ސްކޫލު ކުދިންގެ މެދުގައި އެންމެ މަޤުބޫލު އިތުރު ހަރަކާތެވެ. ޕްރީ-ކަބް ސްކައުޓުން ފެށިގެން އެޑަލްޓް ލީޑަރުންނާ ހަމައަށް މި ހަރަކާތް ވަނީ ފުޅާކޮށްފައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިހާރު ރާއްޖޭގައި 160 އަށްވުރެ ގިނަ ސްކައުޓް ގްރޫޕް ހަރަކާތްތެރިވެއެވެ. އަދި މި ހަރަކާތުގައި 18,000 އަށްވުރެ ގިނަ ސްކައުޓުން އަންނަނީ، ހަރަކާތްތެރި ވަމުންނެވެ. މި ދިގު ދަތުރުގައި ރާއްޖޭގެ ސްކައުޓުން ވަނީ، ބައިނަލްއަޤުވާމީ ގިނަ ޖަމްބޮރީތަކުގައި ބައިވެރިވެ، ރާއްޖޭގައިވެސް ކާމިޔާބު ޖަމްބޮރީތަކެއް ބާއްވާފައެވެ.
ސްކައުޓުންނަކީ، ޒަމާނުއްސުރެ މުޖުތަމަޢުގައި ހުންނަ ގިނަ ކަންކަމުގައި އެހީތެރިވުމުގެ ނަމޫނާ ދައްކަމުން އަންނަ ބައެކެވެ. ޤައުމަށް ބޭނުންޖެހޭ ކޮންމެ ދަނޑިވަޅެއްގައި ޤުރުބާނީތަކެއް ވާންޖެހޭ ކޮންމެ ހިނދެއްގައި އެންމެ ކުރީ ސަފުގައި ތިބޭ އެއްބަޔަކީ ސްކައުޓުންނެވެ. 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއާއި، ދާދިފަހުން ކުރިމަތިވި ކޮވިޑް-19ގެ އާލަމީ ވަބާގެ ތެރޭގައި ސްކައުޓުން ދެއްކި ހިތްވަރަކީ މުޅި ޤައުމު ބަލައިގަތް ފަޚުރުވެރި ޚިދުމަތްތަކެކެވެ. މީގެ އިތުރުން، އިޖުތިމާޢީ އަދި ދީނީ ހަރަކާތްތަކުގައި ސްކައުޓުން އަދާކުރާ ދައުރަކީ ދަރިވަރުންގެ ކިބައިގައި ދީނީ ރަނގަޅު ސިފަތަކާއި، ދިރިއުޅުމުގެ ހުނަރުތައް އަށަގެންނެވުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.
ދިވެހި ސްކައުޓުން މިއަދު ދަނީ، ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން، ސްކައުޓް ހަރަކާތުގެ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ޗެއަރމަން ދެއްވާ ޝަރަފުވެރި އެވޯޑު ރާއްޖޭގެ ސްކައުޓް ޖަމިއްޔާގެ ބޭފުޅަކަށް ލިބިލެއްވުމަކީ ދިވެހި ސްކައުޓް ހަރަކާތަށް ލިބުނު ރަންވަނައެކެވެ.
ސްކައުޓް ހަރަކާތް ރާއްޖޭގައި ފުޅާކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުވެސް ވަނީ ވިދާޅުވެފައެވެ. އަދި މިހާތަނަށް ރާއްޖޭގައި މި ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ ވަރަށް ގިނަ ގޮންޖެހުންތަކަކާއި އެކުގައި ކަމަށާއި، ވަންނާނެ އިމާރާތެއް ނެތި ބާވެފައި ހުންނަ އެއް އިމާރާތުން އަނެއް އިމާރާތަށް ބަދަލުވުމަކީ ވާންޖެހޭނެ ގޮތް ނޫންކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ކުރިއަށް އޮތްތަނުގައި ރާއްޖޭގައި ސްކައުޓް ހަރަކާތް ފުޅާކުރުމަށް ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ލިބިގެންދާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ. އެގޮތުން އުމްރާނީ ވަސީލަތްތަކުގެ އިތުރުން މާލީ އެހީތެރިކަންވެސް ދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
70 އަހަރުގެ މި ދިގު، ކާމިޔާބު ދަތުރަށްފަހު ދިވެހި ސްކައުޓް ހަރަކާތުގެ މިއަދުގެ އަމާޒަކީ ޒިންމާދާރު، އަޚްލާޤު ރަނގަޅު އަދި ޤައުމަށް ފައިދާހުރި ޖީލެއް ބިނާކުރުމުގައި ދެގޮތެއްނުވެ ދެމިތިބުމެވެ. މިއީ، ހަމައެކަނި ސްކޫލް ހަރަކާތެއް ނޫނެވެ. މިއީ، ޤައުމު ބިނާކުރުމުގެ އެންމެ ވަރުގަދަ އެއް ތަނބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ