ޔަހޫދީ ވައިގެ ބަނދަރުގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތައް ހުރުމުން މިލިޔަނުން ގެއްލުން

ޔަހޫދީންގެ ބެން ގުރިއޮން ވައިގެ ބަނދަރުގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތައް ހުރުމުން ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ޔަހޫދީންގެ އެއާޕޯޓު ކުންފުންޏަށް 248 މިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުންވެއްޖެއެވެ.
ޔަހޫދީންގެ މައި ބައިނަލްއަޤްވާމީ ދޮރާށި ކަމަށްވާ ބެން ގުރިއޮން ވައިގެ ބަނދަރުގައި އެމެރިކާގެ ގިނަ ޢަދަދެއްގެ ޓޭންކަރ މަތިންދާބޯޓު ޤާއިމްކޮށްފައި އެބަ ހުއްޓެވެ.
ޔަހޫދީންގެ އެއާޕޯޓު ކުންފުނީގެ ޑިރެކްޓަރ ޖެނެރަލް ޝެރޮން ކެޑްމީ ބުނީ އެމެރިކާގެ އަސްކަރިއްޔާގެ ރިފިއުލިން މަތިންދާބޯޓުތައް ބެން ގުރިއޮން ވައިގެ ބަނދަރުގައި އޮތުމުން އެ ވައިގެ ބަނދަރުގެ މަސައްކަތްތައް ތިންބައި ކުޅަ އެއްބަޔަށް މަޑުޖެހިފައިވާ ކަމަށެވެ. އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް ބޭނުންވާ ޖާގައާއި ވަސީލަތްތަކުގެ ސަބަބުން ވައިގެ ބަނދަރުގެ ޙަރަކާތްތަކުގެ 70 އިންސައްތަ ކުރިއަށް ގެންދިޔުމަށް ހުރަސްއެޅިފައިވާ ކަމަށް އޭނާ ބުނެއެވެ.
ކެޑްމީ ބުނީ އެ ޙާލަތު އިތުރަށް ދެމިގެންދާ ނަމަ ލިބޭ ގެއްލުމުގެ އަގު އެތައް ބިލިޔަން ޑޮލަރަށް އަރާނެ ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ފްލައިޓްތައް ކެންސަލްވާނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. މި އަހަރުގެ ތެރޭަގައި 18 މިލިއަން ފަސިންޖަރުން ބެން ގުރިއޮން ވައިގެ ބަނދަރު ހުރަސްކުރާނެ ކަމަށް ކުރިން އަންދާޒާ ކުރި ނަމަވެސް މިހާރު ބެލެވޭ ގޮތުގައި މި އަހަރު އެ ވައިގެ ބަނދަރު ހުރަސްކުރާނީ ގިނަވެގެން 15 މިލިޔަން މީހުން ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
ބޭރުގެ އެއާލައިންތަކުން ވެސް އެ ވައިގެ ބަނދަރަށް އަވަސް މުސްތަޤުބަލެއްގައި އަލުން ދަތުރުތައް ފަށާނެ ކަމަށް ނުބެލެވޭ ކަމަށް ކެޑްމީ ބުންޏެވެ. ފްލައިޓްތައް ޑިލޭ ވުމާއި ކެންސަލްވުމުގެ ސަބަބުން 3 މިލިޔަން ފަސިންޖަރުންނަށް އަސަރުކުރާނެ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
އެމެރިކާގެ އަސްކަރީ މަތިންތާ ބޯޓުތައް ބެން ގުރިއޮން ވައިގެ ބަނދަރުގައި ހުރުމުގެ ސަބަބުން އާންމު ދަތުރުފަތުރަށް ބުރޫ އަރާ ކަމަށް މި މަހުގެ ކުރީ ކޮޅު ޔަހޫދީންގެ މަދަނީ ވައިގެދަތުރުފަތުރާ ބެހޭ އިދާރާގެ އިސްވެރިޔާ ޝްމުއެލް ޒެކޭ ވެސް ވަނީ ބުނެފައެވެ. އޭގެ ސަބަބުން ޔަހޫދީ އެއާލައިންތަކަށް ގެއްލުން ލިބެމުންދާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ