ވޯލްޑް ޓްރެވަލް އެވޯޑްސްގެ ރަސްމީ މަންޒިލަކަށް ރާއްޖޭގެ ކްރޮސްރޯޑްސް ހަމަޖައްސައިފި

ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިޔު.ޓީ.އޭ) 2026 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖައްސައި، އެ ހަފްލާގެ ރަސްމީ މަންޒިލަކަށް ކްރޮސްރޯޑްސް މޯލްޑިވްސް ވަނީ ހަމަޖައްސާފައެވެ. މިއީ 2017 ވަނަ އަހަރަށް ފަހު ރާއްޖޭގައި މި އެވޯޑް ބާއްވާ ފުރަތަމަ ފަހަރެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ކަމަށްވާ 27 ސެޕްޓެމްބަރު 2026 ގައި ބޭއްވުމަށް ތާވަލުކޮށްފައިވާ މި ބޮޑު ހަފްލާ މިފަހަރު ވަނީ އިންޑިއާ ކަނޑުގެ އިތުރުން އޭޝިއާ އަދި އޯޝޭނިއާ ސަރަހައްދުގެ ވަނަތައްވެސް ހިމެނޭ ގޮތަށް އިތުރަށް ފުޅާކޮށްފައެވެ. މިއީ ރާއްޖޭގެ ލަގްޒަރީ ފަތުރުވެރިކަމުގެ ބްރޭންޑަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރައިގެން ލޯންޗެއްގައި އެންމެ 15 މިނެޓުން ދެވޭ ދުރުމިނުގައި އޮންނަ ކްރޮސްރޯޑްސް މޯލްޑިވްސް އަކީ ރާއްޖޭގައި ފާހަގަކޮއްލެވޭ އިންޓަގްރޭޓެޑް މަލްޓި-އައިލެންޑް މަންޒިލެކެވެ. މިތަނުގައި ތަފާތު ތިން ރިސޯޓެއް ކަމަށްވާ ސައި ލެގޫން މޯލްޑިވްސް، ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އަދި އެސް.އޯ މޯލްޑިވްސްގެ އިތުރުން ދުނިޔޭގެ ފެންވަރުގެ ކާބޯތަކެއްޗާއި މުނިފޫހިފިލުވުމުގެ ވަޞީލަތްތައް ހިމެނެއެވެ.
ޑަބްލިޔު.ޓީ.އޭ ގެ ފައުންޑަރ ގްރަހަމް ކޫކް ވިދާޅުވި ގޮތުގައި ”ކްރޮސްރޯޑްސް އަކީ ދަތުރުފަތުރުގެ ދާއިރާގެ ކުރިމަގު ބައްޓަންވަމުންދާ އާ އުފެއްދުންތެރިކަމާއި އުންމީދުތައް ވަރަށް ފުރިހަމައަށް ދައްކައިދޭ މަންޒިލެއް“ކަމަށެވެ.
ވިޒިޓް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ފާހަގަކުރެއްވި ގޮތުގައި މި ގާލާ ސެރެމަނީގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މެހެމާންދާރީގެ އިތުރުން ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ރާއްޖެއިން ކުރާ މަސައްކަތްތައް ދުނިޔޭގެ ފަތުރުވެރިކަމުގެ ލީޑަރުންނަށް ދައްކާލުމުގެ ރަނގަޅު ފުރުޞަތެއް ލިބިގެންދާނެއެވެ.
މިވަގުތުވެސް ’ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން‘ ގެ ލަގަބު އޮތް ރާއްޖޭގައި މިފަދަ ތާރީޚީ ހަފްލާއެއް ބޭއްވުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުން ދައްކުވައިދޭ ކަމެއް ކަމަށް ކްރޮސްރޯޑްސްގެ ޖެނެރަލް މެނޭޖަރ އެލެކްސެންޑަރ ޓްރެގަރ ވެސް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ