ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ބޭސްފަރުވާ އަށް ތިން މަސް ދުވަަސް ވަންދެން ސިންގަޕޫރުގައި މަޑުކުރަން އޭނާ ބެއްލެވި ޑޮކްޓަރު ލަފާދެއްވައިފި އެވެ.
ހިތުގެ ބައްޔަކަށް އައިޖީއެމްޗުގައި އެޑްމިޓްކޮށްގެން ފަރުވާ ދިން ގާސިމް އިތުރު ފަރުވާއަށް މިދިޔަ ބުދަ ދުވަހުގެ ރޭ ވަނީ ސިންގަޕޫރަށް ފުރުވާލައިފަ އެވެ. ރިޝްވަތުގެ މައްސަލައެއްގައި ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ގާސިމަށް، ބޭރުން ފަރުވާ ހޯދަން ދިނީ 10 ދުވަހެވެ.
ގާސިމް ބެއްލެވި ސިންގަޕޫރުގެ ހާޓް ސްޓޯކް، އެންޑް ކެންސާ ޑިޕާޓްމަންޓުގެ ޑޮކްޓަރު މައިކަލް ލިމް ސޮއިކުރައްވައި ގާސިމަށް ދެއްވި ލިޔުމުގައި ވިދާޅުވީ، ގާސިމްގެ ހިތަށް ލޭ ފޮނުވާ މައި ނާރުތަކަށް މައްސަލަ ދިމާވެފައިވާ ކަމަށެވެ. އަދި ގާސިމަށް ކުރިމަތިވެފައި ވަނީ "ވެސަލް ކޮރޮނަރީ އާޓެރީ ޑިސީސް" ކަމަށް ޑޮކްޓަރު ވިދާޅުވެފައިވެ އެވެ.
ގާސިމަށް އަންނަ ހުކުރު ދުވަހު ހާއްސަ ފަރުވާތަކެއް ފެށުމަށް ނިންމާފައިވާއިރު، ސިއްހީ ހާލަތު ބެލުމަށާއި ފަރުވާ ދިނުމަށް ކުރިއަށް އޮތް ތިން މަހު ސިންގަޕޫރުގައި މަޑު ކުރުމަށް ޑޮކްޓަރު ވަނީ ލަފާދެއްވައިފަ އެވެ.
އަދި ދަތުރު ކުރެއްވޭ ވަރަށް ސިއްހީ ހާލަތު ރަނގަޅު ވާނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
ގާސިމަށް އިތުރު ފަރުވާދިނުމަށް ފުރާވަޑައިގެންނެވޭ ގޮތް ދިވެހި ސަރުކާރުން ހަދައި ދިނީ އެތައް ފަހަރަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވަނިކޮށެވެ. އަދި އޭނާގެ ބައެއް ޓެސްޓްތައް ބޭރުން ހަދަން ޖެހޭ ކަމަށް އެތައް ޑޮކްޓަރުންނެއް އެކި ފަހަރު މަތިން ލަފާ ވެސް ދިނެވެ.
އިދިކޮޅު ހަރަކާތުގެ މައި ޖަގަހަ އަދި ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒްގައި ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެން، ގާސިމަށް ހުކުމް އިއްވީ ވެސް، ސިއްހީ ހާލަތު ގޯސްވެ އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްފައި އޮއްވަ އެވެ. ގާސިމްގެ ޓެސްޓުތަކެއް ހަދަން ސިންގަޕޫރަށް ގެންދިއުމުގެ ހުއްދަ ސަރުކާރުން ދިނީ، ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތަށް، އޭނާ ބޭސްފަރުވާ އަށް ނުފޮނުވައި ލަސްކުރުމުން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.
ރާއްޖެ އިން ބޭރުން ފަރުވާކުރެވޭނެ އިންތިޒާމް ހަމަޖައްސަން ކްރިމިނަލް ކޯޓުގެ ހުކުމުގައި ވާ ބައި ބަންޑާރަ ނައިބުގެ އޮފީހުން ހައި ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ. އެކަމަކު އެ މައްސަލައިގެ އަޑުއެހުންތައް އަދިއެއް ނުފަށަ އެވެ.
ގާސިމް ބޭސްފަރުވާ އަށް ތިން މަހަށް ސިންގަޕޫރުގައި މަޑުކުރަން ޑޮކްޓަރު ލަފާދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ