މި ހަފުތާގައި އޭސީސީ އަށް ހާޒިރުވެވިދާނެ: މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ރިޔާސީގަނޑުވަރު ތީމުގެ އަށް ކުރި ހަރަދުތަކާ ގުޅޭ ގޮތުން ނެރެފައިވާ އޮޑިޓް ރިޕޯޓްތަކެއްގެ މައްސަލައިގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން، އެ މަނިކުފާނުގެ ފަރާތްޕުޅުން ސާފު ކުރަން ބޭނުންވާ މައުލޫމާތުތައް ދެއްވުމަށް އަންނަ ބުދަ ދުވަހު އޭސީސީ އަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށް މައުމޫން މިއަދު ވިދާޅުވެއްގެ އެވެ.
އެ މަނިކުފާން މިކަމާ ގުޅިގެން އޭސީސީގެ ރައީސް ހަސަން ލުތުފީ އަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ތީމުގޭގެ 2007 އާއި 2008 ގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ދެ މައްސަލައެއްގެ ތަހުގީގަށް ބަޔާން ދެއްވުމަށް އަންނަ އަންގާރަ ނުވަތަ ބުދަ ދުވަހުގެ މެންދުރު ފަހު 1:00 ގައި އޭސީސީ އަށް ހާޒިރުވެވަޑައިގެންނެވި ދާނެ ކަމަށެވެ.
އެ މަނިކުފާން ވިދާޅުވީ އޭސީސީ އަށް އަމިއްލަފުޅަށް ހާޒިރުވެވަޑައިގަންނަވަނީ އޭސީސީގެ ތަހުގީގު ޓީމަށް އެ މަނިކުފާންގެ އަރިހަށް ވަޑައިގަތުމަށް ވުރެ އެ ގޮތް މާ ރަނގަޅު ވާނެތީ ކަމަށެވެ.
"އަޅުގަނޑު ތިޔަ ކޮމިޝަނަށް ހާޒިރުވާ އިރު، އަޅުގަނޑާ އެކީގައި އަޅުގަނޑުގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ވަޑައިގަންނަވާނެ ވާހަކަ ވެސް ދެންނެވީމެވެ." ސިޓީގައި މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ