ތައުލީމީ ހިދުމަތްތެރިއެއްގެ ވަކިވެދިއުން، ހިތާމައިގެ ދުވަހެއް

ހުޅުމާލޭގެ ފިހާރައަކުން ނުކުންނަވަނިކޮށް ފެނިގެން ގޮސް ސަލާންކޮށްލީމެވެ. "ކޮން ދަތުރެއްތޯ" ދެންނެވި ސުވާލަށް، ހިނިތުންވުމާ އެކު ޖަވާބު ދެއްވީ، "މިހާރު މި އުޅެނީ ހުޅުމާލޭގައި" ކަމަށް ވިދާޅުވަމުންނެވެ. އެއީ އޭނާގެ އަބަދުގެ ވެސް ހިނިތުންވުމެވެ.
މާލެއަށް ދިރިއުޅުން ބަދަލުކުރައްވާނެ ކަމަށް އަޅުގަނޑަށް ގަބޫލުނުކުރެވޭ ބޭފުޅުންގެ ތެރޭގައި އޭނާ ހިމެނެ އެވެ. އެކަމަކު މިއީ އެތައް ބަޔަކު އަމިއްލަ ފަސްގަނޑު ދޫކޮށް، ތޮއްޖެހުން ބޮޑު ވެރިރަށަށް ދިރިއުޅުން ބަދަލުކުރުން އާންމު ދުވަސްވަރެކެވެ. އަޅުގަނޑު ކިޔާ ގޮތުން ނަމަ 'ނަސީރުބެ'، ގިނަ މީހުންގެ ތެރޭގައި މަޝްހޫރު ނަމުން ނަމަ، ހެޑްމާސްޓަރު ނަސީރު، އަސްލު ނަމުން ނަމަ، މުހައްމަދު ނަސީރު ވެސް، ހަޔާތުގެ ބައެއް ސަބަބުތަކާ ހެދި، އެންމެ ފަހުން، ހުޅުމާލޭގައި ދިރިއުޅުން ފެއްޓެވީ އެވެ.
އެކަމަކު އުފަން ރަށް އަދި ގައުމީ ހިދުމަތުގެ މުޅި ހަޔާތް ހޭދަކުރެއްވި ހއ. ދިއްދޫ ދޫކުރައްވައި ހުޅުމާލޭގައި މާ ގިނަ ދުވަހު އުޅުއްވޭނެ ފުރުސަތެއް، ސިއްހީ ގޮތުން ދިމާވި މައްސަލަތަކަކާ ހެދި، ލިބިވަޑައެއް ނުގަތެވެ. އުމުރުން 64ގައި ނަސީރު ވަނީ މިދިއަ ބުދަދުވަހު އަވަހާރަވެފަ އެވެ.
ހިތާމަވެރި ދުވަހެކެވެ. އޭނާގެ ބެލުމުގެ ދަށުން ތައުލީމު ހާސިލްކުރި އެތައް ހާސް ދަރިވަރުންނަށެވެ. ދިއްދޫގެ ރައްޔިތުންނަށެވެ. ރާއްޖޭގެ ތައުލީމީ ދާއިރާގެ އެތައް ބަޔަކަށެވެ.
ނަސީރާ އެކު ވަރަށް ގާތުން ވިއްސަކަށް އަހަރު ސަރުކާރުގައި މަސައްކަތްކުރެއްވި އަބްދުﷲ ނައީމު ފޭސްބުކްގައި ލިއުއްވީ ރަނގަޅަށެވެ.
"ކޮންމެ ނަފްސަކީ ވެސް މަރުގެ ރަހަ ލިބިގަންނާނެ ނަފްސެކެވެ. ނަމަވެސް، ޚިދުމަތްތެރި، އަގުހުރި ބޭފުޅުން ވަކިވެދިއުމަކީ ހިތްތަކަށް ފުން އަސަރުތަކެއް ކުރުވާ ކަމެކެވެ."
މުހައްމަދު ނަސީރަކީ ތައުލީމީ ބޭފުޅެކެވެ. އެ އިލްމުވެރިކަން މެދުވެރިކޮށް ތައުލީމީ އެތައް ދަރިވަރުންނެއް ނެރުއްވި އެވެ. ދިއްދޫގެ ޒަމާނީ ތައުލީމުގެ އެއް ބާނީ އެވެ. އަތޮޅު ތައުލީމީ މަރުކަޒުގެ އެންމެ އިސް ހިންގުންތެރިޔާއަށް ވުމާ އެކު، އޭނާގެ ބެލުމުގެ ދަށުން އެހެން ރަށްރަށުގެ އެތައް ދަރިވަރުންނެއް ވެސް އައީ ކިޔަވަމުންނެވެ. އެހެންކަމުން މުޅި ހއ. އަތޮޅުގެ ތައުލީމީ ތާރީހުން އޭނާއަށް ޖާގައެއް ކަށަވަރެވެ.
"ޒަމާނީ ތައުލީމު ހއ. އަތޮޅުގައި ފެށިގެން ދިޔައީ މުޙައްމަދު ނަޞީރުގެ މޭސްތިރިކަމުގެ ދަށުގަ އެވެ. މިގޮތުން ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެންމެ ފުރަތަމަ ހެޑްމާސްޓަރުގެ ގޮތުގައި ކުރެއްވި ޚިދުމަތްތަކަކީ އަތޮޅުގެ އެތައް ދަރިވަރުންނެއްގެ މުސްތަޤްބަލް އުޖާލާކޮށްދިން ބިންގަލެކެވެ،" ނައީމް ލިއުއްވި އެވެ. 
ދިއްދޫ ފިޔަވައި ސްކޫލެއް ހިންގަވަން ނަސީރު ވަޑައިގަތީ ށ. ކޮމަންޑުއަށެވެ. އެ ރަށުގައި ހުންނަ ށ. އަތޮޅު ތައުލީމީ މަރުކަޒުގެ ހެޑްމާސްޓަރުކަން، އަހަރުތަކެއް ވަންދެން ކުރެއްވި އެވެ. ދެން އަނެއްކާވެސް ވަޑައިގަތީ، ދުރުވުމެއް ނެތް ލޯތްބަކުން ގުޅިފައި އޮތް ދިއްދުއަށެވެ.
ހެޑްމާސްޓަރުންނަކީ އޭރު ސަރުކާރަށް ވެސް ވަރަށް މުހިންމު ބައެކެވެ. ރާއްޖޭގައި ކޮމިޔުނިޓީ ސްކޫލްތަކާއި އަތޮޅު ތައުލީމީ މަރުކަޒުތައް އަޅަމުން އައި ފުރަތަމަ ދުވަސްކޮޅު އެ ތަންތަން ހިންގާނެ އެކަށީގެންވާ މީހުންނެއް ނެތެވެ. އެހެންވެ ސަރުކާރުން އިނގިރޭސި ވިލާތުގެ އެހީގައި ހެޑްމާސްޓަ ކޯހުގެ ފުރަތަމަ ބެޗު 12 ދަރިވަރުންނާ އެކު، 1980ގައި، ސްކޮޓްލެންޑަށް ފޮނުވި އެވެ. މި ބެޗުގެ އެއް ދަރަވަރަކީ ނަސީރެވެ.
އޭނާއާ އެކު ރާއްޖޭގެ ތައުލީމީ ދާއިރާގެ ހިދުމަތްތެރިން ކަމަށްވާ ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ އާއި ވިލާ ކޮލެޖްގެ ރެކްޓަރު ޑރ. އަހުމަދު އަންވަރާއި ޑރ. އަބްދުލް ރަހީމް ހަސަން އާއި މަރިޔަމް އަޒުރާ އަދި ޑރ. އަހުމަދު އަލި ދީދީ ވެސް އެ ކޯސް ފުރިހަމަކުރެއްވި އެވެ.
ހެޑްމާސްޓަރުން ތަމްރީންކުރީ ސީދާ ރަށްރަށުގެ ސްކޫލްތަކަށް އަމާޒުކޮށްގެންނެވެ. އެހެންކަމުން ސަރުކާރުން ގެންގުޅުނީ ވަރަށް ހަރުކަށި ސިޔާސަތެކެވެ. ރަށެއްގެ ސްކޫލަކާ ހަވާލުވުން ނޫން އިހުތިޔާރެއް، އެއްވެސް ބައިވެރިޔަކަށް، ނުދިނެވެ. އެކަން ވިލާ ކުންފުނީގެ ބާނީ ގާސިމް އިބްރާހިމްގެ ބަޔޮގްރަފީގެ ސަފުހާތަކުން ފެންނަން އެބަ އޮތެވެ.
ގާސިމްގެ އަނބިކަނބަލެއް ކަމަށްވާ ޖަލީލާ ފަރުހާނާއަކީ އެ ކޯހުގެ އެއް ބައިވެރިޔާ އެވެ. ދެ ބޭފުޅުން ކައިވެނިކުރެއްވި އިރު، ކޯހުގެ ސަބަބުން ޖަލީލާއަށް ފަސް އަހަރުގެ ސަރުކާރު ބޮންޑެއް އޮތެވެ. ނަމަވެސް ގާސިމް މަސައްކަތްކުރެއްވީ އެއްވެސް ރަށަކަށް ޖަލީލާ ނުފޮނުވާނެ ގޮތެއް ހޯއްދަވާށެވެ. ސަރުކާރުން ކުރި ހަރަދު އަނބުރާ ދައްކަވައިގެން ވިޔަސް މެ އެވެ.
އެކަމަކު ސަރުކާރުގެ ސިޔާސަތު ބަދަލެއް ނުވި އެވެ.
"އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ސަރުކާރުގައި ފައިސާ އެބަ ހުރި ކަމަށެވެ. ނެތީ ކިޔަވައިގެން ތިބި މީހުންނެވެ،" ފޮތުގައި ލިއުނެވެ.
އެންމެ ފަހުން ޖަލީލާއަށް ޖެހިވަޑައިގަތީ ރަށްރަށުގެ ސްކޫލްތައް ހިންގެވުމުގެ ޒިންމާ، ސަރުކާރުން ބޭނުންވި ގޮތަށް، ނަންގަވާށެވެ.
ނަސީރުގެ އަޒުމަކަށް ވެފައި އޮތީ އުފަން ރަށުގައި ހިދުމަތްކުރެއްވުމެވެ. ކޯހުގެ އެހެން ބައިވެރިން އެކި ރަށްރަށުގެ ސްކޫލްތައް ހިންގަވަން އަހަރުތަކެއް ހޭދަކުރެއްވުމަށް ފަހު މާލެއަށް ބަދަލުވެވަޑައިގަތީ އެވެ. ނަމަވެސް ނަސީރު ހުންނެވީ ރަށުގަ އެވެ.
ގާތްގަނޑަކަށް 13 ވަރަކަށް އަހަރަށް ފަހު ސްކޫލް ހިންގެވުމުގެ ޒިންމާއިން ވަކިވެވަޑައިގަތެވެ. ވަޒީފާ ހޯއްދެވީ ދިއްދޫގައި ހުންނަ އަތޮޅު އޮފީހުންނެވެ. ރިޓަޔަކުރެއްވުމާ ހަމައަށް އޭނާ ގެންދެވީ އަތޮޅު އޮފީހާއި ފަހުން އަތޮޅު ކައުންސިލްގެ އެކި މަގާމުތައް ފުރުއްވަމުންނެވެ.
ނަސީރު ސިފަކުރާ ނަމަ ގާތް ރަހުމަތްތެރިންނާއި ދަންނަ މީހުންނަށް ވަރަށް ކުރު ބަސްތަކުން އެކަން ފުރިިހަމަކޮށްލެވެ އެވެ: މަޑުމައިތިރިކަމެވެ. ކެތްތެރިކަމެވެ. އެހެން މީހުންނަށް އިހުތިރާމްކުރުމެވެ. ދެން، އަޅުގަނޑު ކުރިން ލިއުނު ގޮތަށް، އެ ހިނިތުންވުމެވެ.
ގޮންޖެހުންތަކާ ނުލައި ދިރިއުޅުމެއް ނުވެ އެވެ. އެކަމަކު ތަފާތަކީ އެ ގޮންޖެހުންތަކުގެ ހެލުންގަނޑުން ސަލާމަތްވާނެ ހައްލުތަކެވެ. ނަސީރުގެ ހަޔާތުން އޭގެ ފިލާވަޅުތައް ލިބެ އެވެ.
"ކިތަންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ކެތްތެރިކަމާ އެކު އެކަމެއް ޙައްލުކުރުމަކީ އޭނާގެ ޚާއްޞަ ސިފައެކެވެ،" ނައީމު ލިއުއްވި އެވެ.
ފުއްޕާ މޭގެ މައްސަލަތަކެއް ހުއްޓެވެ. އެކަން މި ފަހުން އައީ ގޯސްވަމުންނެވެ. މިދިއަ މަހެއްހާ ދުވަހު ހޮސްޕިޓަލްގައި ހޭދަކުރެއްވި ވަގުތުތައް ގިނަވި އެވެ. އޭގެ ބައެއް ދުވަސްދުވަހު، ހެޑްމާސްޓަ ކޯހުގެ ހަނދާންތައް އާކުރެއްވި އެވެ.
އެހީތެރިވާން އެންމެ ކައިރީގައި އުޅުއްވީ އެއްބަފާ ކޮއްކޮ އަދި ކުރީގެ ހެޑްމާސްޓަރު، މިހާރު ވިލާ ކޮލެޖްގެ ޗީފް އޮފް އެގްޒަމިނޭޝަންސް، އަހުމަދު ނަސީރެވެ. 
"ދޭތެރެއަކުން ކިޔައިދޭނެ އެޑިންބަރާގައި [ސްކޮޑްލެންޑްގެ ވެރިރަށް] ކުރި ތަޖުރިބާ. ކޯހުގެ ވާހަކަތައް. އެތަނުގެ މީހުންގެ ހެޔޮކަމުގެ ވާހަކަ. އެހީތެރިކަމުގެ ވާހަކަ،" އަހުމަދު ވިދާޅުވި އެވެ.
އެއީ ނަސީރުގެ މުޅި ހަޔާތުގެ ވެސް މުހިންމު ދަތުރެކެވެ. ނަސީރުގެ ނަން ހއ. އަތޮޅުގެ ތައުލީމީ ތާރީހާ ގުޅުނީ އެ ކޯހުން ހުޅުވާލަދިން ފުރުސަތުތަކާ ހެދި އެވެ. އޭރު އެފަދަ ކޯހަކަށް ފަހު ރަށުގެ ފަސްގަނޑުގައި ފައިތިލަ އަޅާ ދަރިންނަކީ މުޅި ރައްޔިތުންގެ ފަހުރެވެ.
ނަސީރާ މެދު ފަހުރުވެރިވާން ޖެހޭނީ ދެ ދަރިކަނބަލުން ކަމަށްވާ ޑރ. މަރިޔަމް ޝަހުނީޒާ ނަސީރާއި އާމިނަތު ޝީޒާ ނަސީރު، ނުވަތަ އަހުމަދު ފަދަ އާއިލާގެ ބޭފުޅުން އެކަންޏެއް ނޫނެވެ. އެއީ ދިއްދޫގެ މުޅި ރައްޔިތުން ފަހުރުވެރިވާން ޖެހޭނެ ޝަހުސިއްޔަތެކެވެ. 
އާއެނކެވެ. ކޮންމެ މީހަކު ވެސް މަރުވާނެ އެވެ. އެކަމަކު ބައެއް މީހުންގެ މަރަކީ އުނިވުމެކެވެ. ނަސީރު ނުފެނުނަސް އުނިކަން އިހުސާސްކުރެވޭނެ މީހުން އުޅޭނެ އެވެ. ނަސީރުއާ އަނގަތަޅާލެވޭ ގޮތް ނުވުމުން ވެސް އެ އުނިކަން އޮންނާނެ އެވެ. އޭނާގެ ވާހަކަތައް އަޑުއަހާ ރައްޓެހިންނަށް ދެން އޮތީ އެ އުނިކަމާ އެކު އުޅުމެވެ.
ނަސީރު އަވަހާރަވުމުން އަޅުގަނޑު ފޭސްބުކްގައި ލިއުނީ "ދިއްދޫގެ ތައުލީމީ އެދުރު، ހެޑްމާސްޓަރ ނަސީރުގެ ފުރާނައަށް ރަހުމަތް ލައްވާ, އާއިލާއަށް ކެތްތެރިކަން ދެއްވާށި އެވެ. އާމީން" މިހެންނެވެ. މާ ގިނަ އިރެއްނުވެ އަޅުގަނޑަށް ވަކިން އައީ މެސެޖެކެވެ. އެޑްމާސްޓަ ނަސީރުގެ ބެލުމުގެ ދަށުން ދިއްދޫގައި ކިޔެވި ދަރިވަރެއްގެ ފަރާތުންނެވެ.
"ނަސީރުބެއަކީ ހަމައެކަނި ދިއްދޫގެ ތައުލީމީ އެދުރެއް ނޫން. މުޅި ހއ. ގެ ވެސް އެދުރެއް."
ހިދުމަތްތެރިންގެ މަތިން އެހެން މީހުން ހަނދާންކުރާނީ އެފަދައިންނެވެ. އެ ހިދުމަތްތެރިންނާ އެންމެ އެކަށީގެންވާ ބަސްތަކުން ސިފަކުރަމުން، ގަތަމުން ގެންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ