މިސަރުކާރު ވެރިކަމަށް އައީ މަސްވެރިންނަށް ގިނަ ވައުދުތަކެއް ވެގެން ނަމަވެސް މިވީ މުއްދަތުގެ ތެރޭގައި އެކަންކަން ހާސިލް ވެފައި ނުވާ ކަމަށް ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކްފާނު މިހެން ވިދާޅުވީ މަސްވެރިންގެ ދުވަހާއި ގުޅިގެން މިއަދު ނެރެއްވާފައިވާ ނޫސްބަޔާނެއްގައެވެ.
ރައީސް މައުމޫންގެ ބަޔާނުގައި ވިދާޅުވެފައިވަނީ މި ސަރުކާރު ވެރިކަމަށް އައީ މަސްވެރިންނަށް ވަރަށް ގިނަ ވައުދުތަކެއް ވެގެންކަމަށެވެ. އެގޮތުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އިންޝުއަރެންސް ސްކީމެއް ތައާރަފްކުރުމާއި މަސްނުބާނާ ދުވަސްވަރު ފައިސާ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމާއި މަސްވެރި ސަރަހައްދުތަކުގައި މަސްވެރިކަމުގެ ސިނާއަތަށް ހާއްސަ ބަނދަރުތަކެއް ހަދައިދިނުމަށް ވައުދުވެފައިވާކަން ރައީސް މައުމޫން ވަނީ ފާހަގަކުރައްވާފައެވެ.
"މީގެ އިތުރަށް ފާނައާއި ހުއިފިލަނޑާ، އިއްސާއި، ކަކުނި، އެކުއޭރިއަމް މަސްފަދަ ކަނޑުފަޅުގެ ބާވަތްތައް އުފައްދާ އޭގެ ވިޔަފާރި ފުޅާކުރުމަކީ މި ސަރުކާރު ވެރިކަމަށް އައުމަށް ރައްޔިތުންނަށް ވެފައިވާ ވައުދުތަކެވެ." ރައީސް މައުމޫންގެ ބަޔާނުގައި ވިދާޅުވެފައިއެވެ.
ނަމަވެސް ރައީސް ޔާމީންގެ ވެރިކަމަށް ތިން އަހަރު ވެގެންދިޔައިރު މިކަންކަން ހާސިލްކުރެވިފައިނުވާކަމަށް ރައީސް މައުމޫންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ މެނިފެސްޓޯގައި މަސްވެރިންނަށްޓަކައި ކުރުމަށް ނިންމާފައިވާ ގިނަ ކަންތައްތައް ނުވެހުރުމަކީ، މި ސިނާއަތަށް ޕީޕީއެމްގެ މެންބަރުން ދެކެމުން އައި ހުވަފެންތައް ހަގީގަތަކަށް ނުވުންކަމަށެވެ.
އެހެންކަމުން މި ސަރުކާރުން މަސްވެރިންނަށް ވައުދުވި ކަންތައްތައް އަވަހަށް ފުއްދައިދިނުމަށް ޕީޕީއެމްގެ މެމްބަރުންގެ ނަމުގައި ގޮވާލައްވާކަމަށް ރައީސް މައުމޫންގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
މި ބަޔާނުގައި އިތުރަށް އެމަނިކްފާނު ވިދާޅުވެފައިވަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އަދިވެސް އިތުރަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި މި ސިނާއަތް ކުރިއަށް ގެންދިއުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރަށް ބޮޑުކުރަން ޖެހިފައިވާކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި މިއަދު މަސްވެރިންގެ ދުވަސް ފާހަގަކުރަމުން ގެންދާއިރު، މިއަހަރު މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަމުންދަނީ ގއ ގެމަނަފުށީގައެވެ.
މަސްވެރިނަށް ވައުދުވީ ކަންކަން ނުކޮށްދެވޭ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ