ރާއްޖޭގެ މިނިވަންކަމަށް އިހުސާސް ނުކުރެވޭވަރުގެ ގެއްލުން ވަނީ ލިބިފަ: ޖަމީލް

ނިމިގެންދިއަ 2016ވަނަ އަހަރަކީ، އިހުސާސް ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ރާއްޖޭގެ މިނިވަންކަމާއި ޤައުމިއްޔަތަށް ލިބިގެންދިއަ އަހަރެއްކަމަށް، ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ކަމުގެ މަޤާމު ފުރުއްވި އަދި މިހާރު ޔުނައިޓެޑް އޮޕޮޒިޝަންގެ ލީޑަރުގެ މަޤާމު ފުރުއްވަމުން ގެންދަވާ ޑރ.ޖަމީލް މިހެން ވިދާޅުވީ، އާ އަހަރުގެ ތަހުނިޔާ ފޮނުއްވުމަށް ދިވެހި ރައްޔިތުންނަށްފޮނުއްވެވި މެސެޖުގައި އެވެ.
ޑރ. ޖަމީލްގެ މެސެޖުގައި ވިދާޅުވެފައިވަނީ، ރައީސް ޔާމީންގެ ސަރުކާރުން ރާއްޖޭގެ ބިންތައް ވިއްކައި، ޢާއްމު ރައްޔިތުންނާއި، ކިޔަވާކުދިންގެ ބޭނުމަށް ވަޤުފުކޮށްފައި އޮތް ފޭދޫ ފިނޮޅު ވިއްކާލާފައިވާކަމަށެވެ. އަދި ސަރުކާރުގެ ކުންފުނިތަކުން ބޮޑެޔި ޢަދަދުތަކުގެ ފައިސާ އެކިގޮތްގޮތަށް ނެގުމަކީ ނިމިގެންދިއަ އަހަރު ދިވެހިރައްޔިތުންނަށް ލިބިގެންދިއަ ގެއްލުމުގެ ތެރެއިން ފާހަގަކޮށްލެވޭ ބޮޑެތި ޖަރީމާތައް ކަމަށެވެ.
ޑރ. ޖަމީލްގެ މެސެޖުގައި އިތުރަށް ބުނެފައިވަނީ، ރާއްޖޭގެ ސަލާމަތް އޮތީ، އައު އަހަރާއެކު ކާބަފައިން މާޒީގައި ގެންގުޅު ބަދަހި ދިވެހިވަންތަ ރޫޙު އާލާކޮށް، ޤައުމަށް ދިމާވެފައިވާ ގޮންޖެހުމުން ސަލާމަތްވުމަށް އެންމެން އެކީ އަތުކުރި އޮޅާލައިގެން ކަމަށެވެ. އަދި އައު އަހަރުގެ ތަހުނިޔާ އެންމެހާ ރައްޔިތުންނަށް އަރިސްކުރަނީ، އެ ޢަޒުމުގައި އިހުލާސްތެރިކަމާއި އެކު މަސައްކަތް ކުރުމަށް ގޮވާލަމުންކަމަށްވެސް ޑރ. ޖަމީލް ފޮނުއްވެވި މެސެޖުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ