މޯލްޑިވްސް އެކްސްޕޯގެ ސަރުކާރު ކުންފުނިތަކުގެ ބައިން 1 ވަނަ ސްޓެލްކޯއަށް

މޯލްޑިވްސް އެކްސްޕޯ 2025ގައި ބައިވެރިވި ސަރުކާރު ހިއްސާވާ ކުންފުނިތައް ނުވަތަ އެސްއޯއީތަކުގެ ބައިން ސްޓެލްކޯއަށް އެއް ވަނަ ރޭ ލިބިއްޖެ އެވެ.
ވީ ކިހިނެއް؟ - މި އިނާމު ދިނީ މޯލްޑިވްސް އެކްސްޕޯގެ އިނާމު ދިނުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. އެ ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު ދެއްވި އިނާމާ ހަވާލުވެވަޑައިގަތީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ އެވެ.
ތަފްސީލް - މި އެކްސްޕޯގައި ސްޓެލްކޯ އިން ދައްކާލަނީ އެ ކުންފުނިން އަލަށް ތައާރަފުކޮށްފައިވާ 'ރީޖަނަލް ސްކާޑާ' ނިޒާމެވެ. މިއީ ސްޓެލްކޯގެ ދަށުން ހިންގާ ހުރިހާ ރަށެއްގެ ކަރަންޓު އުފެއްދުމާ ގުޅޭ އެންމެހާ ކަންކަން މޮނިޓަރުކޮށް ބެލެހެއްޓުމަށް ތައްޔާރުކޮށްފައިވާ ހާއްސަ ނިޒާމެކެވެ.
މި ނިޒާމުގެ ފައިދާތަކުގެ ތެރޭގައި:
ކަރަންޓު ހިދުމަތުގައި ދިމާވާ މައްސަލަތައް އަވަހަށް ދެނެގަނެވުން 
އެ މައްސަލަތައް ރަނގަޅުކުރުމަށް ފަސޭހަވުން 
ކުއްލި ކުއްލިއަށް ކަރަންޓު ކެނޑުން މަދުކުރެވުން 
މުސްތަގުބަލުގައި ކަރަންޓަށް ބޭނުންވާނެ މިންވަރު ލަފާކުރަން ފަސޭހަވުން
"މި ކާމިޔާބީއަކީ ސްޓެލްކޯގެ ހުރިހާ މުވައްޒަފުންގެ މިންނެތް މަސައްކަތާއި ވަފާތެރިކަމުގެ ނަތީޖާ. މި ކާމިޔާބީގައި ހުރިހާ މުވައްޒަފުންގެ ދައުރެއްވޭ،" ސްޓެލްކޯ އިން 'އެކްސް'ގައި ކުރި ޕޯސްޓެއްގައިވެ އެވެ.
ފާހަގަކޮށްލެވޭ - މޯލްޑިވްސް އެކްސްޕޯ ކުރިއަށްދަނީ މިރެެއިން ފެށިގެން މި މަހުގެ ނިޔަަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ. މިއީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ވިޔަފާރި ފުޅާ ކުރުމުގެ މަގްސަދުގައި އިކޮނޮމިކް މިނިސްޓްރީ އާއި ބީސީސީ ގުޅިގެން ބާއްވާ މައުރަޒެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ