ޑްރޯންއެއް އަރުވަން ހުރި މީހަކު ހައްޔަރުކޮށް ފުލުހުން އަނިޔާކުރިކަމުގެ ތުހުމަތު ޑްރޯންއެއް އަރުވަން ހުރި މީހަކު ހައްޔަރުކޮށް ފުލުހުން އަނިޔާކުރިކަމުގެ ތުހުމަތު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރޭ ޑްރޯން އެއް އަރުވަން ހުރި މީހަކު ހައްޔަރުކޮށް ފުލުހުން އޭނާއަށް އަނިޔާކުރި ކަމަށް ތުހުމަތުކޮށްފި އެވެ.
ފުލުހުން އަނިޔާ ކުރި ކަމުގެ ތުހުމަތު ކޮށްފައިވަނީ ވަން އޮންލައިން ގައި މަލްޓި މީޑިއާ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ ހަމްދާން އަހުމަދެވެ.
އޭނާގެ ފޭސްބުކް އެކައުންޓުން ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ ޑްރޯން އެރުވީ ޓެސްޓު ކުރުމުގެ ބޭނުމަށް ކަމަށާއި ޑްރޯން އަރުވާފައި ހުންނާނީ ހަތް ފޫޓަށް ކަމަށެވެ. ޑްރޯން އަރުވަނިކޮށް ދެ ފުލުހަކު އައިސް ޑްރޯން އަރުވަނީތޯ ސުވާލުކޮށް ހުއްދަ ނެތް ނަމަ އެކަން ނުކުރަން އެންގި ކަމަށް ހަމްދާން ބުނެފައިވެ އެވެ.
"ދެން އައިސް ހުއްދަ ދައްކަން އެދުމުން އެ ނެތް ކަމަށް ބުނުމުން މައުލޫމާތު ދިނުމަށް ބުނި. އައިޑީ ކާޑު ވޮލެޓާއެކު ދެއްކުމުން ތިއީ މައުލޫމާތު ކަމަށް ބަލައިނުގަނެވޭނެ ކަމަށް ބުނެ ހަޑިހުތުރު ބަހުން ވާހަކަދައްކަން ފެށީ،" ހަމްދާން ބުނެފައިވެ އެވެ.
ހަމްދާން ތުހުމަތު ކުރާ ގޮތުގައި އޭނާގެ ޕްރެސް ކާޑު ފެނުމުން ފުލުހުން ވަނީ ނޫސްވެރިޔަކަސް "ނުފުއްޕޭނެ" ކަމަށް ބުނެ ހަޑިހުތުރު ބަހުން މުހާތަބުކޮށްފަ އެވެ.
ފުލުހުންނާ ދެމެދު ދެކެވުނު ބައެއް ވާހަކަތައް ހަމްދާން ފޭސްބުކްގައި ލައިވްކޮށްފައިވާއިރު، ފުލުހުން އަދި ހަމްދާން ވެސް ހަޑިހުތުރު ބަހުން ވާހަކަދައްކާ އަޑު ވީޑިއޯއިން ސާފުކޮށް އިވެ އެވެ. މީގެ އިތުރުން، ސީނަށް ހާޒިރުވި ފުލުހުންގެ ބޮޑީ ކެމެރާ ނުޖައްސާ ހުރިކަން ވީޑިއޯ އިން ފާހަގަވެ އެވެ.
ހަމްދާން ބުނި ގޮތުގައި އޭނާ ހައްޔަރުކުރީ އެތަނުން ގެއަށް ދާން ހިނގައިގަތުމުން ފުލުހުންގެ ކާރެއް ގެނެސްގެން ކަމަށެވެ. ބިޑި އެޅުވުމަށްފަހު ކާރަށް އޭނާ ވެއްދީ ބާރުގެ ބޭނުންކޮށްގެން ކަމަށް އޭނާ ބުނެފައިވެ އެވެ.
ހައްޔަރަށް ގެންގޮސް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ޕޮލިސް ސްޓޭޝަނުގެ މެސް ރޫމަށް އޭނާ ވައްދައި، މޫނު މަތީ ތަޅާ އަނިޔާކުރި ކަމަށާއި ކަރުގައި ހިފާ ނޭވާ ހާސްކުރި ކަމަށް ވެސް ހަމްދާން ބުނެފައިވެ އެވެ. އޭނާ ގައިގައި ފަސް ފުލުހަކު ތެޅި ކަމަށް ހަމްދާން ބުނެ އެވެ.
ހަމްދާން ގެ ފޭސްބުކުގައި ލައިވްކުރި ވީޑިއޯ ޑިލިޓުކުރުވަން ފުލުހުން މަސައްކަތް ކުރި ކަމަށާއި އެކަން ނުވުމުން ފުލުހަކަށް ހަމަލާދިން ކަމުގެ ދައުވާކުރާނެ ކަމަށް ބުނެ ބިރުދެއްކި ކަމަށް ހަމްދާންގެ ޕޯސްޓުގައި އޭނާ ބުނެފައިވެ އެވެ.
"ނޫސްވެރިއެއް ވީމަ ރަނގަޅަށް ތަޅާލަން ވާނެ ކަމަށް ބުނެ ވަރަށް ރަނގަޅަށް ތަޅާލި. ނޫސްވެރިންނަކީ ފުލުހުންނަށް އޮތް ބަލާވެރިކަމެއް ކަމަށް ބުނި،" ހަމްދާންގެ ޕޯސްޓުގައި ބުނެފައިވެ އެވެ.
މި މައްސަލާގައި ފުލުހުން ބުނެފައިވަނީ ހަމްދާން ހައްޔަރުނުކުރާ ކަމަށާއި އޭނާ ޕޮލިސް ސްޓޭޝަނަށް ގެންދިޔައީ މައުލޫމާތު ދިނުމަށާއި ޑްރޯން އެރުވުމުގެ ހުއްދަ ދެއްކުމަށް ދެކޮޅު ހަދައި ހުތުރު ބަހުން ވާހަކަދެއްކުމުން ކަމަށެވެ. ހުއްދަނެތި ޑްރޯން ނާރުވާން ނަސޭހަތްތެރިވެފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ހަމްދާން އަށް އަނިޔާކުރި ކަމަށް ބުނެ ކުރާ ތުހުމަތާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި ނަމަވެސް މިހާތަނަށް ބެލި ބެލުމުން އެފަދަ ކަމެއް ހިނގާފައިވާ ކަމަށް ނުބެލެވޭ ކަމަށް ފުލުހުންގެ މީޑިއާ ޓީމުން މިއަދު ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ