ފޮޓޯ ޖާނަލިސްޓެއް ހައްޔަރުކޮށް ފުލުހުން އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ

ހުޅުމާލޭގައި ހުއްދަ ނެތި ޑްރޯން އަރުވަން ހުރި ފޮޓޯ ޖާނަލިސްޓެއް އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން އެފަދަ ކަމެއް ހިނގިކަން ނުބެލެވޭ ކަމަށެވެ.
ވީ ކިހިނެއް؟ - 'ވަން އޮންލައިން'ގައި މަސައްކަތް ކުރާ ހަމްދާން އަހްމަދު ރޭ 8:40 ހާއިރު ހައްޔަރުކޮށް، ހުޅުމާލެ ފޭސް 2ގެ ޕޮލިސް ސްޓޭޝަނަށް ގެންގޮސް، ފުލުހުންގެ ފަސް އޮފިސަރުން ވެގެން އޭނާއަށް އަނިޔާ ކުރި ކަމަށް އޭނާ ތުހުމަތު ކުރެ އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ"އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން" ބަލަމުންދާ ކަމަށެވެ.
ފުލުހުންގެ ބަސް - ފުލުހުން ބުނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ "މައުލޫމާތު ދިނުމަށް އިންކާރުކޮށް، ހުއްދަ ދައްކަން ނުޖެހޭނެ ކަމަށް ބުނެ ހަޑިހުތުރު ބަހުން ވާހަކަ ދައްކައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި" ކަމުގެ ތުހުމަތުގައި ކަމަށެވެ.
ފުލުހުން ބުނީ:
އޭނާ ޕޮލިސް ސްޓޭޝަނަށް ގެންގޮސް ސުވާލުކޮށްފައިވޭ
ޑްރޯން އެރުވުމުގެ ހުއްދަ ނެތި ޑްރޯން އެރުވުމުން ނަސޭހަތްތެރިވެފައިވޭ
"މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާއަށް ފުލުހުން އަނިޔާ ކުރި ކަމަށް ތުހުމަތު ކުރާތީ އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން. ނަމަވެސް މިހާތަނަށް ބެލި ބެލުމުން އެފަދަ ކަމެއް ހިނގާފައިވާ ކަމަކަށް ނުބެލެވޭ،" ފުލުހުންގެ މެސެޖްގައި ބުނެފައިވެ އެވެ.
ތަފްސީލު - ހަމްދާން ހައްޔަރު ކުރުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން އޭނާ ވަނީ ފުލުހުން އޭނާއާ ސުވާލު ކުރާ މަންޒަރު ފޭސްބުކުން ލައިވްކޮށްފަ އެވެ. ހަމްދާން ތުހުމަތު ކުރި ގޮތުގައި އެ ތަން ލައިވް ކުރަން ޖެހުނީ ފުލުހުން އޭނާއާ ހަޑިހުތުރު ބަހުން ވާހަކަ ދެއްކުމުންނެވެ. އެ ވީޑިއޯގައި ހަމްދާން ވެސް ހަޑިހުތުރު ބަހުން ވާހަކަ ދައްކާ އަޑުއިވެ އެވެ.
ހަމްދާން ފުލުހުންގެ ހައްޔަރުން ރޭ ދޫކޮށްލި ފަހުން އޭނާ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ:
ޑްރޯން އަރުވަން ހުއްޓާ ދެ ފުލުހަކު އައިސް ހުއްދަ ނެތި ޑްރޯން ނޭރުވުމަށް އެދުނު؛ އެއާ އެކު، ހުއްދަ ނެތުމުން ޑްރޯން ތިރިކުރި
ފުރަތަމަ ވެސް ފުލުހުން ސުވާލު ކުރުމުން ޑްރޯން އެރުވުމުގެ ހުއްދަ ނެތް ކަމަށް ބުނި؛ ނަމަވެސް ހުއްދަ ދައްކަން ފުލުހުން ތަކުރާރުކޮށް އެދުނު އަދި ވޮލެޓްގައި އޮތް ޕްރެސް ކާޑު ފެނުމުން ހަޑިހުތުރު ބަހުން ވާހަކަ ދައްކަން ފެށި
ހައްޔަރު ކުރީ ވެސް އަނިޔާވެރިކޮށް އަދި ޕޮލިސް ސްޓޭޝަނަށް ގެންގޮސް، މޫނު ހިމެނޭހެން ގައިގެ އެކި ތަންތާ ތެޅި
މަސައްކަތް ކުރީ ފޭސްބުކް ލައިވް ވީޑިއޯ ޑިލީޓް ކުރުމަށް އަދި ފޯނު ހުޅުވުމަށް ވެސް މަސައްކަތް ކުރި؛ ނަމަވެސް އެކަން ކުރަން އިންކާރު ކުރިން
"ނޫސްވެރިއެއް ވީމަ މިރޭ ރަނގަޅަށް ތަޅާނެ ކަމަށް ބުނެ، ރަނގަޅަށް ތަޅާލި"
ވީޑިއޯ ޑްލީޓް ނުކުރުމުން ފުލުހެއްގެ ގައިގައި އަތްލި ކަމުގެ ދައުވާ ކުރާނެ ކަމަށް ބުނެ ބިރު ވެސް ދެއްކި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ