ޕީޕީއެމް ކޮންގްރެސް: "ޓީމް އުމަރު" ކެމްޕެއިން ރަސްމީކޮށް ލޯންޗުކޮށްފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކޮށްފައިވާ އުމަރު ނަސީރު އާއި އެޕާޓީގެ ކޮންގްރެސްގައި ތާއީދުކުރައްވާ ކެންޑިޑޭޓުންގެ ނަންތައް އިއުލާންކޮށް "ޓީމް އުމަރު" ގެ ކެމްޕެއިން މިރޭ ރަސްމީކޮށް ލޯންޗުކޮށްފި އެވެ.
ޓީމު އުމަރުގެ ކެމްޕެއިން ލޯންޗުކޮށްފައިވަނީ އާޓިފިޝަލް ބީޗުގައި "ނަތީޖާ ނެރެދިނީމެވެ، ނަތީޖާ ނެރެދޭނަމެވެ،" މިޝިޔާތުގެ ދަށުންނެވެ.
ޓީމް އަމާނާތްތެރިންގެ ގޮތުގައި ވެސް މަޝްހޫރުވެފައިވާ މިޓީމުގެ ފަރާތުން 26 ކެންޑިޑޭޓަކަށް ކޮންގްރެސްގައި ތާއީދުކުރާކަން އިއުލާންކޮށްފައިވެ އެވެ.
އުމަރު ޓީމުގެ ފަރާތުން ތާއީދުކުރައްވާ ބޭފުޅުންގެ ތެރޭގައި މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް ތާއީދުކުރައްވާ "ޓީމް ޔަގީން" އިން ތާއީދުކުރައްވާ ރައީސް މައުމޫންގެ 3 ބޭފުޅުން ކަމުގައިވާ ޢައްސާން މައުމޫން އާއި ދުންޔާ މައުމޫން އާއި ފާރިޝް މައުމޫން ހިމެނިވަޑައިގަންނަވަ އެވެ.
މީގެއިތުރުން މިރޭގެ ޖަލްސާގައި ބައިވެރިވެޑައިގަންނަވާ ހަމައެކަނި މަޖިލިސް މެންބަރުން ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) ގެ ކުރީގެ މެންބަރު ނަހުލާ އަލީ ހިމެނިވަޑައިގަންނަވަ އެވެ.
ޓީމު އުމަރުގެ ކެމްޕެއިން ލޯންޗުކުރުމުގެ ގޮތުން ޖަލްސާގައި އުމަރު ގައުމަށް ކޮށްދީފައިވާ ހިދުމަތްތަކާއި ގުޅޭ ދިގު ރިޕޯޓެއް ދައްކާފައިވެ އެވެ.
އަދި ކުރީގެ ރައީސް މައުމޫން ސަރުކާރުގައި ދައުލަތަށް ގިނަ ދުވަހެއް ވަންދެން ހިދުމަތްކޮށްދެއްވި އަދި ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި އުމަރު ޒާހިރާއި ޒުވާނުންގެ ގޮފީގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވާ އިބްރާހިމް ނާޒިމް އާއި ޒުވާނުންގެ ގޮފީގެ ނައިބު ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ޝައްމޫން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި މި ޖަލްސާގައި ދަންމާނު ބޮޑުބެރު ގްރޫޕުން އައިޓަމްތަކެއް ހުށައެޅި އެވެ.
ޓީމު އުމަރުގެ ކެމްޕެއިން ލޯންޗުކުރުމުގެ ޖަލްސާގައި ފޮރިން މިނިސްޓަރާއި ރައީސް މައުމޫން ސަރުކާރުގައި ގިނަ މަގާމުތަކެއް ފުރުއްވާފައިވާ އައްބާސް އިބްރާހިމް އާއި ޕީޕީއެމްގެ އިންތިގާލީ ކައުންސިލްގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ.
މިޖަލްސާގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ދަނީ ބައިވެރިވަމުންނެވެ. މީގެކުރިން ލޯންޗުކުރި ޔާމީންއަށް ތާއީދުކުރައްވާ ޓީމް ޔަގީންގެ ކެމްޕެއިން އާއި އިލްހާމް ގެ %100 ޕީޕީއެމް ކެމްޕެއިން ލޯންޗުކުރުމުގެ ހަފްލާތަކުގައި ވެސް ގިނަ އަދަދެއްގެ ޕީޕީއެމްގެ އާންމު މެންބަރުން ބައިވެރިވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ