އަލިފާނުގެ ހާދިސާއަކީ ރޭވިގެންދިން ޓެރަރިސްޓް ހަމަލާއެއް ކަމަށް މެމްބަރު މުއިއްޒު ވިދާޅުވެއްޖެ

މިދިޔަ ހުކުރު ދުވަހު އަބަދަށް ފެހި މަގުގައި ހުރި ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއަކީ ރޭވިގެންދިން ޓެރަރިސްޓް ހަމަލާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެމްބަރު މުއިއްޒު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، މާލޭގައި ހިނގި އަލިފާނުގެ ހާދިސާއަކީ "ރޭވި އިންތިޒާމް ވެގެން ދެވިފައިވާ ޓެރަރިސްޓް ހަމަލާއެއް" ކަމަށެވެ.
އޭނާގެ ފޭސްބުކް ޕޯސްޓުގައި މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ޝަމާލް ވަނީ ޓެގް ކުރައްވައިފައެވެ.
އަބަދަށް ފެހި މަގުގައި ހުންނަ ހ. ތިލަފުށި ގޭގެ ތިރީގައި ހުރި ކެމިކަލް ރައްކާކުރާ ގުދަނެއްގައި މިދިޔަ ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާއަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ސަރުކާރު ހިންގާ މައި ޕާޓީގެ މެމްބަރަކު ވިދާޅުވި ނަމަވެސް އެކަމާ ގުޅޭގޮތުން އެމްއެންޑީއެފްގެ ބަހެއް އަދި ނުލިބެއެވެ.
ނަމަވެސް ޓެރަރިސްޓް ޖަމާއަތްތައް ކަމަށް މި ސަރުކާރަށް ގަބޫލުކުރާ 17 ޖަމާއަތެއްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އަލިފާނުގެ ހާދިސާގެ އެއް ދުވަސް ކުރިން ހާމަ ކުރައްވައިފައެވެ.
އެކަމާ ގުޅިގެން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވެސް ވަނީ، ޓެރަރިސްޓް ޖަމާއަތްތަކުގެ ނަންތަކުގެ ލިސްޓް ހާމަކުރުމުން ލިބޭނެ ފައިދާއަށްވުރެ ނުރައްކާ ބޮޑުވެދާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ