މަސްވެރިކަމާބެހޭ ސެމިނާރގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅު

އާދެ، އަޅުގަނޑު މިއަދު މިތަނަށް މިއައީ ކޮންމެހެން މި ސެމިނާރުގައި އިތުރު ވާހަކައެއް ދައްކަން ޤަޞްދުކޮށްގެންނެއް ނޫން. އެހެންނަމަވެސް، ސެމިނާރުގެ މުހިންމުކަން ބޮޑުކަމުން މި ސެމިނާރުގައި ފާޅުކުރެވޭ ޚިޔާލުތަކުގެ ކިތަންމެ ކުޑަބައެއް ނަމަވެސް ހަމަސީދާ އަޅުގަނޑަށް އެހެން ފަރާތެއް މެދުވެރިނުވެ ލިބޭގޮތެއް މެދުވެރިވެއްޖެނަމަ، އަޅުގަނޑަށްވެސް އެކަމުން އިތުރު މަޢުލޫމާތު ލިބޭނެކަމަށް ވަރަށްބޮޑަށް ޔަޤީންކުރެވިގެން. އާދެ، އެހެންނަމަވެސް މި ސެމިނާރުގައި މި ޚިޔާލު ފާޅުކުރެވެމުންދާ ކަންތައްތަކަކީ ހަމަ އަޅުގަނޑުމެންގެ ކޮންމެ މީހެއްގެވެސް ޙަޔާތާ ވަރަށްބޮޑަށް ގުޅިފައިވާ ކަމަކަށްވާތީ، އެއްޗެއް ދަންނަވާލަން މިއަދުވެސްޖެހެނީ.
ދެންމެ އިލްޔާސް ދެއްކެވި ވާހަކަފުޅަކީ ވަރަށް މުހިންމު ވާހަކަފުޅެއް ކަމަށް އަޅުގަނޑު ދެކެން. އަޅުގަނޑު ކުރީރޭވެސް ދެންނެވިން، މިހާރު އަޅުގަނޑުމެން ކުރިމަތިލާ ދައުރަކީ ނުވަތަ ދެތިން އަހަރަކީ އިޤްތިޞާދީ ގޮތުން ވަރަށް މުހިންމު ނިންމުންތަކެއް އަޅުގަނޑުމެން ނިންމަންޖެހޭނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ ދެތިން އަހަރޭ.
ރާއްޖޭގައި ތަފާތު މަސައްކަތްތައް ފެށިގެން ހިނގަމުން އެބަދޭ. އެ މަސައްކަތްތަކުގެ ތެރޭގައި ކޮންމެވެސްވަރަކަށް ވާދަވެރިކަމެއްވެސް އެބަހުރި. އެއް މަސައްކަތަކުން އަނެއް މަސައްކަތަކަށް އުނިކަން ލިބޭގޮތްވެސް އެބަވޭ. އެހެންވީމާ، އަޅުގަނޑުމެން އެބަ ނިންމަންޖެހޭ، ރާއްޖޭގެ އެންމެ މުހިންމު މަސައްކަތަކީ ކޮން މަސައްކަތެއްކަން، ސަރުކާރުން އެންމެބޮޑު އަހަންމިއްޔަތެއް ދޭންވީ ކޮން ކަމަކަށްކަން. ނޫނީ، ރާއްޖޭގައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން އިސްކަންދޭންވީ ތަރުތީބަކީ ކޮބައިކަން. ނަންބަރު 1 މަސްވެރިކަން. ނަންބަރު 2 ޓޫރިޒަމް. އެކަހަލަ ގޮތަކަށް، ނޫނީ އޭގެ އިދިކޮޅަށްނަމަވެސް، މިކަހަލަ ނިންމުންތަކެއް އަޅުގަނޑުމެން ނިންމަންވެއްޖެ. އެހެންނޫނީ ވާގޮތަކީ، ކުރިންވެސް މިދެންނެވިހެން، މި ތަފާތު ތަރައްޤީގެ ދާއިރާތަކުގެ މެދުގައި ވާދަވެރިކަން މިހާރު މިއޮތްގޮތަށް ހިނގަމުންދާ ކަމަށްވަންޏާ އެއްވެސް ފަރާތަކަށް ފައިދާއެއް ނެތް. ހުރިހާ ފަރާތަކަށްވެސް ލިބެނީ ގެއްލުން.
އެހެންވީމާ، ދެންމެ އިލްޔާސް އެދެއްކެވި ވާހަކަފުޅަށް އަޅުގަނޑަށް ތާއީދުކުރެވޭ. އެކަމަކީ ހަމައެކަނި މި ސެމިނާރުން ނުނިންމި ކަމެއް ކަމުގައިވިޔަސް މިސެމިނާރުންވެސް އެކަމާ ދޭތެރޭގައި ޚިޔާލުފާޅުކުރައްވައި ވީހާގިނަ ޚިޔާލެއް ލިބުން ބޭނުން. އޭގެފަހުގައި އަދި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުންވެސް އެކަމާ ދޭތެރޭގައި ޚިޔާލު ކުރައްވައި، އަދި ތެދުތެދަށް ދަންނަވަންޏާ ރާއްޖޭގެ އާންމު ރައްޔިތުންވެސް މިކަމާ ދޭތެރޭގައި ޚިޔާލުކޮށް، އެމީހުންގެ މަޝްވަރާވެސް ލިބެންވާކަހަލަ މުހިންމު ކަމެއް އަޅުގަނޑުމެން މިހާރު މި ކުރިމަތިލާ ކަމަކީ. ޤައުމީ ފެންވަރުގައި، ކުރެވެންވާނެ ކަމެއް. އެހެންވީމާ، އެހުރިހާ ފަރާތެއްގެ ޚިޔާލުތައް ލިބިގެން، އެ ޚިޔާލުތަކުގެ އަލީގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުންވެސް މަޝްވަރާ ކުރައްވައިގެން އެކަމަކީ ޤާނޫނެއް އޮންނަންޖެހޭ ކަމަކަށްވަންޏާ ޤާނޫނެއްވެސް ފާސްކޮށްގެން، ޤާނޫނެއް އޮންނަންޖެހޭ ކަމަކަށްނުވަންޏާ، އެނޫންގޮތަކުން ނަމަވެސް ކޮންމެވެސް ގޮތަކަށް އެކަމެއް ހަމަޖެހިގެން ކުރިއަށްދާންވީ.
އާދެ، އެހެންވީމާ، އަޅުގަނޑުގެ ބޭނުމަކީ ނުވަތަ އެދުމަކީ މިސެމިނާރު އިފްތިތާޙު ކުރެވުނު ރޭވެސް އަޅުގަނޑު ދެންނެވިފަދައިން، ހުރިހާ ބައިވެރިންވެސް އިޚްލާސްތެރިކަމާއި އަދި ޞަރީޙަކަމާއެކު ޚިޔާލު ފާޅުކުރައްވަމުން ގެންދެވުން. އެއްވެސްކަމަކާ ޖެހިލުންވެވަޑައިނުގަތުން. މިސެމިނާރުގައި ފާޅުކުރައްވާ ޚިޔާލަކުން އެއްވެސް ބޭފުޅަކަށް އެއްވެސްކަހަލަ ކަމެއް ދިމައެއްނުވާނެ. އެހެންވީމާ، ކޮންމެ މީހަކުވެސް ތެދުތެދަށް ބުނަންވީ އެމީހެއްގެ ހިތުގައި އޮތް ޚިޔާލެއް. މިހާރު މިވާހަކަ ދެކެވޭ ކަންތައްތަކުގައި އެންމެބޮޑަށް އުޅެންޖެހޭ ބަޔަކީ މަސްވެރިން. އެއީ މަސްވެރިކަން ބިނާވެފައިވާ އަސްލު މައިގަނޑަކީ. އެމީހުންކުރާ މަސައްކަތުގެ މައްޗަށް ދެން ތިބި މީހުންގެ ކަންތައްތައް ބިނާކުރަމުން އެގެންދަނީ. އެމަސް އެމީހުން އަތުން ގަނެގެން އޭގެ ވިޔަފާރި ކުރާމީހުން އެކުރަނީ އަޞްލު މަސްވެރިކަންކުރާ މަސައްކަތުގެ ފައިދާ ހޯދުމަށްޓަކައި. އެހެންވީމާ، މީގެ އެންމެ ޙަޤީޤީ އަހުލުވެރިންނަކީ ހަމަ މަހަށްދާ މީހުން.
ފަތިހުން ފެށިގެން، ކޮންމެ ރެޔަކުވެސް ފަތިސްވުމުން ކަނޑަށް ނުކުމެ، މިދެންނެވީ އެންމެ ފުރަތަމަ އެމަށްގޮސް އެންދަމައިގެން ކަނޑުމައްޗަށް ނުކުމެ މަސްވެރިކަން ކޮށްގެން އިރުއޮއްސޭއިރަށް ނުވަތަ އެއަށްވުރެ މާ ދަންވާފަހުން އެނބުރި އެމީހުންގެ ރަށްރަށަށް އަންނަ މީހުން އެއީ މިކަމުގެ އެންމެބޮޑު ބަޔަކީ، މައިގަނޑަކީ. އެހެންވީމާ، އެމީހުންނަށް މަސްވެރިކަމަށް މިހާރު ދިމާވާ ދަތިތަކާއި، މަސްވެރިކަން ކުރިޔަށް ގެންދިއުމަށްޓަކައި އެމީހުން ބޭނުންވާ ކަންތައްތައް އޮޅުންފިލުވުން އެއީ އަޅުގަނޑު ހިތުން އެންމެ ބޭނުންތެރިކަން. އެމީހުންގެ ޚިޔާލު އެންމެ ބޮޑަށް ބޭނުންވަނީ.
އެހެންވީމާ، އަޅުގަނޑުގެ އެދުމަކީ މިތާނގައި ތިއްބެވި މަސްވެރިން، ނޫނީ މަސްވެރިންގެ މަންދޫބުން އަތޮޅުތަކުން ވަޑައިގެން ތިއްބެވި ބޭފުޅުންނާއި އަދި މާލޭގެވެސް މަސްވެރިން ނުވަތަ މާލޭގެވެސް މަންދޫބުން މިކަންކަމާ ދޭތެރޭގައި ފިސާރި މިނިވަންކަމާއެކު ޚިޔާލު ފާޅުކުރައްވަމުން ގެންދެވުން. އެބޭފުޅުންނަށް އެދިމާވަނީ ކޮންކަހަލަ ދަތިތަކެއްކަން އަޅުގަނޑުމެން އެންމެންނަށް އޮޅުންފިލުވައި ދެއްވަންވީ. އަޅުގަނޑުމެންނަށް އަދި މިތިބެވެނީ ނޭނގުމެއްގެތެރޭގައި. އަޅުގަނޑުމެންނަކަށް ޙަޤީޤީ ސަބަބުތަކެއް ނޭނގޭ. ކުރީރޭވެސް އަޅުގަނޑު ދެންނެވިހެން އަޅުގަނޑުމެންނަށް ހީކުރެވޭނީ މަސްވެރިކަން ކުރިއަށް ދާންވެއްޖެ ކަމަށް. އެއީ، ސަރުކާރުން އިތުރު ދޯނިފަހަރުގައި އިންޖީނު ބަހައްޓައިދީ، ތެޔޮ ލިބޭނޭގޮތް ހަމަޖައްސައިދީ އަދި ތެލުގެ އަގުވެސް ވަކިވަރެއްގައި ހިފަހައްޓައި، މަހުގެ އަގު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވެ، މިކަހަލަ ކަންތައްތަކެއް ސަރުކާރުން ކުރަމުން އެބަގެންދޭ. އެކަމަކު އެއިން ލިބެންވާނެކަމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހީކުރެވޭ ނަތީޖާތަކެއް ނުލިބޭ. އެހެންވީމާ، ދޭތެރޭގައިވެއްޖެ ގެއްލިފައިވާ ބޮޅެއް. އަދި އަޅުގަނޑުމެންނަށް އޭގެ އަތްނުޖެއްސޭ، އެއީ، ކޮން އެއްޗެއްކަން ނޭނގޭ ސަބަބެއް އެބައުޅޭ. އެ ސަބަބު އެނގުން އެއީ އެންމެ މުހިންމު ކަމަކީ.
އަޅުގަނޑު އެހެން މިދެންނެވީ މަސްދޯނިފަހަރު ފުރާ އަދަދަށް ބަލައިލާއިރުވެސް މިނުކުތާ ފާހަގަކުރެވޭތީ. އެއް އަހަރުން އަނެއް އަހަރަށް ދޯނިފަހަރު މަހަށްފުރާ އަދަދުވެސް ދަނީ މަދުވަމުން. މީގެ ދެއަހަރެއް ކުރިން އެވްރެޖްކޮށް، އިންޖީނު ބެހެއްޓި މަސްދޯންޏެއް ކޮންމެ އަހަރަކު 103 ފަހަރު ފުރާފައިވާކަމަށް ބައެއް ހިސާބުތަކުން ދައްކާ. މިދިޔަ އަހަރު ފުރާފައިވަނީ 90 ފަހަރު މަސްދޯންޏެއް އެވްރެޖްކޮށް. އަހަރެއްގައި އޮންނަ 365 ދުވަހުގެ ތެރޭގައި މިދިޔައަހަރު ފުރާފައިވަނީ 90 ދުވަހު. ދެން އޮތް 270 ދުވަސް ނުވަތަ 275 ދުވަސް އެއީ މަހަށް ނުފުރާއޮތް ދުވަސްތަކެއް. އެދުވަސްތަކުގައި އެދޯނިފަހަރު މަހަށް ނުފުރީ ކީއްވެގެންކަމެއް އަދި ސާފެއްނުވޭ.
އާދެ، އަޅުގަނޑުވެސް އެއްބަސް، އޭގެތެރެއިން ވިއްސާރަ ދުވަސްދުވަސް ކިތަންމެވަރަކަށްވެސް އަންނާނެ. ކޮންމެވެސްވަރަކަށް ވިއްސާރަވެގެން މަހަށްނުދެވޭވަރުގެ ދުވަސްތައް އަންނާނެ. އެކިއެކި ބަންދު ދުވަސްތައް އަންނާނެ، މީހުން މަހަށް ނުދާކަހަލަ. އަދި ރަމަޟާންމަހުގެ ދުވަސްތަކުގައިވެސް މަހަށްދިޔުން މަދުވާނެކަންނޭނގެ. އެކަހަލަ އެކިއެކި ސަބަބުތަކާހުރެ މަހަށް ނުދެވޭކަހަލަ ދުވަސްތައްވެސް އަހަރުގެތެރޭގައި އަންނާނެ. އެކަމަކު އެދުވަސްތައް ކަނޑާފައި ދެންވެސް އަޅުގަނޑު ހިތުން އެފަދަ ސަބަބުތަކެއްނެތި މަހަށްނުގޮސް ހުރި ކިތަންމެ ދުވަހެއް އެބަދޭ. އެހެންވީމާ، އެދުވަސްތަކުގައި މަހަށް ނުދިޔައީ ކީއްވެގެންކަންވެސް އަޅުގަނޑުމެންނަށް އެނގެން ބޭނުންވޭ. އެއީ ބައެއް މީހުން ބުނާނެ މަސްވެރިކަން ނެތީއޭ. ކަނޑުގައި މަސްނެތީއޭ. ނުވަތަ އެން ނެތީއޭ. މިކަހަލަ ވާހަކަތައް ހިސާބަކަށްއިވޭ. އެކަމަކު އޭގެވެސް ޙަޤީޤަތެއް އޮތް މިންވަރު ސަރުކާރަށް ނުވަތަ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ސާފުކޮށް ނޭނގޭ.
ދެން ބައެއް މަސްވެރިން ޚިޔާލުކުރާގޮތުގައި، ބޭރުގެ ބޯޓުފަހަރު ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގައި މަސްވެރިކަން ކުރާތީ ކަނޑުގައި މަސް ނުހުންނަނީ. އެއީ ތެދަކަށްވެސް ވެދާނެ. އެހެންނަމަވެސް، އެއީ ތެދެއްކަމަށް އަޅުގަނޑުމެން ނިންމަންޖެހޭނީ އޭގެ ޙަޤީޤީ ސަބަބުތަކެއް އަޅުގަނޑުމެންނަށް އެނގިގެން. އަދި ބޯޓެއްގެ އަލި ފެނުނު ކަމުގައިވިޔަސް އެހިސާބުގަނޑުން މުޅިން މަސް ހުސްވެގެން ދިޔައީކަމަށް އަޅުގަނޑު ހިތުން ގަބޫލުކުރެވޭކަށެއް ނޯންނާނެ.
އެހެންވީމާ، އަޅުގަނޑު އެންމެބޮޑަށް ބޭނުންވަނީ އަޅުގަނޑުމެން މިތާމިތިބި، މިހާރު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ބޭފުޅުން ޚިޔާލު ފާޅުކުރެއްވުމަށްވުރެ ޙަޤީޤީ މަސްވެރިން، މަސްވެރިންގެ މަންދޫބުން ޚިޔާލު ފާޅުކުރެއްވުން. މި ބޭފުޅުންވެސް ޚިޔާލު ފާޅުކުރައްވާނެ. އެ ބޭފުޅުން އެކަމަށް ތައްޔާރުވެވަޑައިގެން ތިއްބެވީ. އެހެންވީމާ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މިސެމިނާރުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންވެސް ޚިޔާލު ފާޅުކުރައްވަމުން ގެންދަވާނެ. އޭގެއިތުރަށް އެންމެ ބޮޑަށް ބޭނުންވަނީ ހަމަ މަސްވެރިންގެ ޚިޔާލު. އެހެންނޫނީ އެހެން ބޭފުޅުންގެ ޚިޔާލު އެއީ އަޅުގަނޑުމެންނަށް އަބަދުވެސް ލިބެންހުރި އެއްޗެއް. އަދި ހަމަ ދޭތެރެދޭތެރެއިން ހޯދެންވެސް ހުރި އެއްޗެއް. ވަރަށް ފަސޭހައިން މަސްވެރިކަމާބެހޭ ކަންކަމުގައި ސަރުކާރުގެ މިނިސްޓްރީތަކުގެ މެދުގައި ސިޓީ ބަދަލުކުރެވޭ. އެކިއެކި ޖަލްސާތައް ބޭއްވޭ. ރައީސް އޮފީހަށްވެސް އެކި މިނިސްޓްރީތަކުންނާއި ޑިޕާޓްމަންޓްތަކުންނާއި، އެކި ފަރާތްތަކުން ސިޓީއާދޭ. އެހެންވީމާ، އެބޭފުޅުންގެ ޚިޔާލު އަބަދު ދަނީ އެނގެމުން. ސަރުކާރުގެ މަސްވެރިކަމާބެހޭ ދާއިރާތަކުގެ ޚިޔާލު އެއީ އަބަދު ސަރުކާރަށް ލިބެމުންދާ އެއްޗެއް. އެކަމަކު މަސްވެރިންގެ ޚިޔާލު، މަހަށްދާ މީހުންގެ ޚިޔާލު އެއީ އަބަދުއަބަދު ސަރުކާރަށް ލިބޭ އެއްޗެއް ނޫން.
އަޅުގަނޑު ރާއްޖެތެރެއަށް މިކުރާ ދަތުރުތަކުގައިވެސް ސުވާލުކުރަން، ހިސާބަކަށް. ބައެއް މަސްވެރިން ސާފުކޮށްބުނޭ. އަނެއްބައި މީހުންނަށް ކޮންމެވެސް ސަބަބަކާހުރެ ބުނަން ނުކެރިފައި ތިބޭ. ކޮންމެ ގޮތެއްގައިވެސް އެ ޚިޔާލުތައް އެއީ އަބަދުއަބަދު ސަރުކާރަށް ލިބެމުންދާ އެއްޗެއް ނޫން. މިކަހަލަ ފުރުޞަތެއްގައި ނޫނީ އެ ޚިޔާލެއް ނުލިބޭނެ. އެހެންވީމާ، އަޅުގަނޑުގެ އެދުމަކީ މިފުރުޞަތު ނަންގަވައިނުލެއްވުމަށް. ރާއްޖެތެރެއިން ވަޑައިގެން ތިއްބެވި މަންދޫބުންވެސް އަދި މާލޭގެ މަސްވެރިންގެ މަންދޫބުންވެސް މިފުރުޞަތު ނަންގަވައިނުލައްވައި، މި ފުރުޞަތުގައި ތިޔަބޭފުޅުން ވިދާޅުވާން ބޭނުންވާ ހުރިހާ އެއްޗެއް ވިދާޅުވުން. އެއިރުން އޭގެ މައްޗަށް ބިނާކޮށް، ވިސްނައިގެން ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާވެސް އެކުގައި ނިންމަންޖެހޭނެ ކަންތައްތައް ނިންމޭނީ.
އާދެ، ޝުކުރިއްޔާ!
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅަށްފަހު، ސެމިނާރުގެ ބައިވެރިން ދެއްކެވި ވާހަކަތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަލުން ދެއްކެވި ވާހަކަފުޅު
އާދެ، އަޅުގަނޑު ދަންނަވަން ބޭނުންވާ އެއްޗަކީ، އަޅުގަނޑަށް ހީވަނީ އަޅުގަނޑު ދެއްކި ވާހަކަ މުޅިން ސާފުވެވަޑައިނުގަންނަވަނީހެން. އެއީ، ދެންމެ ފިޝަރީޒް ކޯޕަރޭޝަންގެ ފަރާތުން އެވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެއްޗަކުން އެހެން އަޅުގަނޑަށް މިހީވީ.
އާދެ! އަޅުގަނޑު ދެންނެވި ވާހަކައަކީ، ރާއްޖޭގެ މި ތަފާތު އިޤްތިޞާދީ ދާއިރާތަކުގެ އިސްކަންދެވޭ ތަރުތީބެއް ހަމަޖައްސަން ވެއްޖެއޭ. އޭގެ މުހިންމުކަމުގެ ވާހަކަ އަޅުގަނޑު ދެންނެވީ. އެ އިސްކަންދޭ ތަރުތީބު ހަމަޖެއްސުމާއި އަދި އޭގެކުރިން އެ ތަފާތު ދާއިރާތަކާބެހޭ މަޝްރޫޢުތައް ރާވައި ހިންގުމާ އެއީ މުޅިން ތަފާތު ދެކަމެއްހެން އަޅުގަނޑަށް ހީވަނީ. އެހެން މިދެންނެވީ އެ ވިދާޅުވީ މަސްވެރިކަމަށް ސަރުކާރުން 10 މިލިއަންގެ މަޝްރޫޢެއް މިހާރު ހިންގަވާ ވާހަކަޔާއި، 12 މިލިއަންގެ މަޝްރޫޢެއް ހިންގާ ވާހަކަ. އޭގެކުރިން ސަރުކާރުން 30 މިލިއަންގެ މަޝްރޫޢެއް ހިންގައި ނިންމާފައި އެބައޮތް. އެއީ، އެއަރޕޯޓު. އޭގެ އެންމެބޮޑު ފައިދާ އަޅުގަނޑު ހިތުން ލިބެނީ ޓޫރިޒަމަށް.
ރާއްޖޭގެ މީހުންނަށް ދަތުރުފަތުރު ކުރުމުގެ ފަސޭހަކަން ލިބުމުގެ އިތުރަށް، އިޤްތިޞާދީ ޙައިޘިއްޔަތަކުން ބަލާއިރު އެއީ ކަނޑައެޅިގެން ޓޫރިޒަމަށް ސަރުކާރުން ހަމަޖައްސައި އަދި ޚަރަދުކޮށް ނިންމާފައި އޮތް މަޝްރޫޢެއް. އެހެންވީމާ، ޓޫރިޒަމަށް އެހާބޮޑު ޚަރަދު ކުރެވިފައި އެބައޮތް، އޭގެކުރިން. މަސްވެރިކަމަށްވެސް މިހާރު އެދަނީ ކުރެވެމުން. ވީމާ ޤައުމީ ފެންވަރުގައި ޚިޔާލު ފާޅުކޮށްގެން، މިދެންނެވި އިސްކަންދޭ ތަރުތީބު ނިންމުމަކީ އަދި މިއަދަކު އަޅުގަނޑަށް ކުރެވޭނެ ކަމެއްނޫން. ކަމުގެ މުހިންމުކަން، އަދި އޭގައި ހިމެނޭ ސަބަބުތައް ގިނަކަމާއެކު. އެހެންވީމާ، ވާހަކަދައްކައިގެން އެކަންތައްތައް އަޅުގަނޑުމެން ނިންމަންދެން އެއްވެސްކަހަލަ މަޝްރޫޢަކަށް ފައިސާ ޚަރަދުނުކޮށް އެހެން ތިބުމަކީ އަޅުގަނޑު ހިތުން ވާނެކަމެއް ނޫން. ވެގެންވާނެ ކަމެއްވެސް ނޫން. ސަރުކާރުން މަސައްކަތް ކުރަނީ ހުރިހާ ދާއިރާތަކެއް ތަރައްޤީކުރަން. ޓޫރިޒަމްވެސް ތަރައްޤީކުރަން. މިހާރު ވަރަށްގިނަ މަޝްރޫޢުތައް ރޭވިގެން ހިނގަމުން އެބަދޭ. އަރިއަތޮޅުގެ ޓޫރިޒަމް ޒޯން އައިޑެންޓިފައިކޮށް އަދި އެތާނގައި ހިންގާނެ ޓޫރިޒަމް ކަންތައްތައް ކަނޑައަޅައި، އެކަންކަން ތަރައްޤީކުރުމަށްޓަކައި ފައިސާ ހޯދާނޭ ގޮތްތަކާ ދޭތެރޭގައި ސަރުކާރުން ވިސްނަމުން މަސައްކަތް ކުރަމުން އެބަގެންދޭ. ހަމައެއާއެކުގައި އެވިދާޅުވި މަސްވެރިކަމުގެ ދާއިރާތައް ތަރައްޤީ ކުރުމަށްވެސް ތަފާތު މަޝްރޫޢުތައް ރާވައި ހިނގަމުންދަނީ. އެހެންވީމާ، އަޅުގަނޑު މިދެންނެވި އިސްކަންދޭ ތަރުތީބެއް ނިންމުމާއި، އިޤްތިޞާދީ ކަންތައްތަކާ ބެހޭގޮތުން އެ މުހިންމު، ޤައުމީ ފެންވަރުގައި ނިންމަންޖެހޭ ނިންމުންތަކެއް ނިންމުމާއި، މިހާރު ހިނގަމުންދާ މަޝްރޫޢުތަކާ އެއްވެސް ފުށުއެރުމެއް އޮތް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ.
ޝުކުރިއްޔާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ