އަނގަމަތީ އަތްއަޅައިގެން ނޫސްވެރިން މަޖިލީހުގައި އިހުތިޖާޖުގައި
ރައީސުލްޖުމްޙޫރިއްޔާ އައްޔަނުކުރައްވާ މެންބަރުންތަކެއް ވެސް ތިއްބަވާ މީޑިއާ ރެގިއުލޭޓްކުރާ ކޮމިޝަނަކަށް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހެޅި ބިލާ ދެކޮޅަށް ނޫސްވެރިން އަނގަމަތީ އަތްއަޅައިގެން އިހުތިޖާޖުކޮށްފިއެވެ. ސަރުކާރަށް އެއްބާރުލުން ދެއްވައި، ގާތް ގުޅުމެއް ބާއްވަވާ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ވަނީ މީޑިއާތައް ކޮންޓްރޯލްކުރެވޭ ބާރު ސަރުކާރަށް ލިބިދޭ ގޮތަށް މަޖިލީހަށް ބިލެއް ހުށަހަޅައިފައެވެ. https://x.com/MickailNaseem/status/1957659304942796845 އޭނާ ވަނީ މީގެ ކުރިން ވެސް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް މަޖިލީހަށް ބިލެއް ހުށަހެޅިއެވެ. ނަމަވެސް، އެތައް ނޫސްވެރިންނަކާއި، ޖަމިއްޔާތަކަކުން އެ ބިލު އަނބުރާ ގެންދަން ގޮވާލާފައި ވަނިކޮށް ހަންނާން ވަނީ އަނބުރާ އެ ބިލު ގެންގޮސްފައެވެ. އޭގެ ފަހުން އަނެއްކާވެސް މިއަދު މަޖިލިސް ތަޅުމަށް ވަނީ އެފަދަ ދެވަނަ ބިލެއް ހުށަހަޅައިފައެވެ. އެ ބިލާ ދެކޮޅަށް ހަމަހިމޭން އިހުތިޖާޖެއް ކުރުމަށް, މަޖިލީހުގެ ޖަލްސާ ކުރިއަށް ދިޔަ ވަގުތު ގިނަ ނޫސްވެރިންތަކެއް މަޖިލީހުގެ ގެލަރީގައި މިއަދު ތިއްބެވެ. އެ ބިލަށް ބަހުސް ކުރަމުންދިޔައިރު ބައެއް ނޫސްވެރިން ޕޯސްޓަރުތަކެއް ހިފަހައްޓައިގެން ތިބިއިރު، އަނެއްބައި ނޫސްވެރިން ތިބީ އަނގަ މަތީގައި އަތް އަޅައިގެންނެވެ. މަޖިލީހުގައި ނޫސްވެރިން -- ފާހަގަކޮށްލެވޭ ގޮތުގައި އިދިކޮޅު ފަރާތްތަކުންނާއި ނޫސްވެރިންގެ ޖަމިއްޔާތަކުން ތަކުރާރުކޮށް މީގެ ކުރިން ހުށަހެޅި ބިލާ ދެކޮޅަށް ވަކާލާތުކުރި ނަމަވެސް ސަރުކާރުން ރަސްމީ ސިފައެއްގައި އެކަން ކުށްވެރިކޮށްފައެއް ވެސް ނުވެއެވެ. ކަން އެހެން އޮއްވައި އަނެއްކާވެސް މިވަނީ އެފަދަ ދެވަނަ ބިލެއް ހުށަހަޅުއްވާފައެވެ. މި ފަހަރު ވެސް، ސަރުކާރުގެ ވާހަކަ ހުރީ ބިލާ އެއްކޮޅަށެވެ. އެގޮތުން ބިލާއެކު މީޑިއާގެ މިނިވަންކަން ކަށަވަރު ކުރެވި، މިޑިއާތައް ބާރުވެރިކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ރޭ ވިދާޅުވިއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުންނާއި، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އަދި މީޑިއާ ކައުންސިލުން ވަނީ އެ ބިލު ކުށްވެރިކޮށް، އަނބުރާ ގެންދިޔުމަށް ގޮވާލައިފައެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒު އިސްމާއިލް ވަނީ މަޖިލީހަށް މީޑިއާތަކާ ގުޅޭ ބިލެއް ހުށަހެޅީ، ސަރުކާރުން އަޑީގައި އޮވެގެން، ނޫސްވެރިކަމުގެ މިނިވަންކަން ނިގުޅައިގަތުމަށް ކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވި ގޮތުގައި ހުދުމުޚުތާރު ވެރިކަމެއްގެ އެންމެ އަސާސީ އެއް ސިފައަކީ މިނިވަން ނޫސްވެރިކަން ނެތިކޮށްލުން ކަމަށާއި ނޫސްވެރިން ތާއަބަދު ބިރުވެރިކަމާއި ނުތަނަވަސްކަންމަތީ ބޭތިއްބުން ކަމަށެވެ. އަދި އެތައް ގުރުބާނީއަކުން މިއަދާ ހަމައަށް ދަތުރު ކޮށްފައި އޮތް ދިވެހި ނޫސްވެރިކަމުގެ މިނިވަންކަން ނަގާލުމަށް މި ސަރުކާރަށް ފުރުސަތު ނުދިނުމަށް އެންމެހާ ނޫސްވެރިންނަށާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ޝާހިދު ވަނީ ގޮވާލައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ