ޔަމަން މީހާ ގޭބަންދަށް ބަދަލުކުރަން ކޯޓުން ވަގުތީ އަމުރެއް ނުދިން
އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގެ ބަންދުގައި ހުންނަ ޔަމަނުގެ ރައްޔިތެއްކަމަށްވާ ޔާސިރު ސޯލިހު ޔަހުޔާގެ ފަރާތުން އޭނާ ގޭ ބަންދަށް ވަގުތީ ގޮތުން ބަދަލުކުރަން ހުށަހެޅި ނަމަވެސް އެފަދަ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ. ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔާސިރު 2017 ވަނަ އަހަރު ރާއްޖެއިން ހައްޔަރުކޮށްފައިވަނީ ހަނގުރާމައަށް މީހުން ފޮނުވުމުގެ ތުހުމަތުގައެވެ. އެ މައްސަލައިގައި ޔާސިރުގެ ކައިވެނީގެ ވިސާ ކެންސަލްކޮށް އޭނާ ޑީޕޯޓްކޮށްލަން ވަނީ ނިންމައިފައެވެެ. އަދި ޑީޕޯޓްކޮށްލެވެންދެން އޭނާ ހުންނަނީ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައެވެ. ޔާސިރު ރާއްޖޭގައި ކުރި ކައިވެންޏަށް ކުއްޖަކުވެސް ލިބިފައިވެއެވެ. ޔާސިރު އިމިގްރޭޝަނާ ދެކޮޅަށް ސިވިލް ކޯޓުގައި ހުށަހެޅި ދައުވާގައި އެދިފައި ވަނީ ވިސާ ކެންސަލްކުރި ކުރުން ބާތިލްކޮށް ޑީޕޯޓްކުރުން ހުއްޓުވައިދިނުމަށެެވެ. އަދި އެ މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން ޑިޓެންޝަން ސެންޓަރުން ގޭ ބަންދަށް ބަދަލުކުރުމަށްއެދި ވަގުތީ އަމުރެއް ނެެރެދިނުމަށް މިމަހުގެ 13 ވަނަ ދުވަހު އޮތީ އެދިފައެވެ. ޔާސިރުގެ ފަރާތުން ހުށަހެޅި މައްސަލައިގައި ބުނީ އޭނާ ބަންދުކޮށްފައި ހުރުމުގެ ސަބަބުން ސިއްހަތަށް ގެއްލުންވަމުންދާ ކަމަށާއި އަދި އޭނާގެ ނަފްސާނީ ބަލިމަޑުކަމެއްވެސް ހުންނަ ކަމަށެެވެ. އަދި އެ މައްސަލައިގައި ގޮތެއް ނިމެންދެން ބަންދުގައި ހުންނަން ޖެހިއްޖެނަމަ ދައުވާ ކުރާ ފަރާތުގެ ފުރާނައަށް ގެއްލުމެއް ލިބިދާނެކަމަށް ބެލެވޭކަމަށްވެސް ވަނީ ބުނެފައެވެ. އެ މައްސަލައިގައި ސިވިލް ކޯޓުން މިމަހުގެ 21 ވަނަ ދުވަހު ނެރުނު އަމުރުގައި ބުނީ ޝަރީއަތްކުރުމަށް ހެދިފައިވާ ގަވައިދުގައިވާ ގޮތަށް ވަގުތީ އަމުރެއް ނެރެން ޖެހޭ ހާލަތުގެ ކަމެއް ޔާސިރުގެ ފަރާތުން ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި މެދުވެރިވެގެން އޮތްކަން އެނގެން ނެތް ކަމަށެވެ. އެހެންކަމުން ޔާސިރުގެ ފަރާތުން އެދިފައިވާ ގޮތަށް ވަގުތީ އަމުރެއް މިހިނދުގައި ނެރެދެވޭނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ. ދޭތެރެ ދޭތެރެއިން ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުންދާ ޔާސިރު މިހާރުވެސް އޮތީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައެވެ. އޭނާގެ ހާލަތު ސީރިއަސްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ