އެންމެ ލަސްވެގެން މިރެއަށް ކަރަންޓު ދެވޭނެ: ތިނަދޫ ކައުންސިލް

ތިނަދޫއަށް ވަގުތީ ގޮތުން ކަރަންޓު ދިނުމަށް ދެ ޖަނެރޭޓަރު ގެންގޮސް ކަރަންޓު ދިނުމުގެ މަސައްކަތް ފަށައިފިއެވެ.
ތިނަދޫއަށް ވަގުތީ ގޮތުން ކަރަންޓު ދިނުމަށް މާލެއިން ދެ ޖަނެރޭޓަރު މިއަދު ވަނީ އެރަށަށް ގެންގޮސްފައެވެ. އެއީ އެމްޑަބްލިޔުއެސްސީގައި ބޭނުންކުރި އެއްޗަކާއި ސްޓެލްކޯގައި ބޭނުންކުރި އެއްޗެކެވެ.
މި ޖަނެރޭޓަރުތައް އިންޖީނުގެއަށް ގެންދިޔައީ ދަގަނޑު ހޮޅިތައް ބޭނުންކޮށްގެން އޭގެ މަތީގައި ރޯލްކުރަމުންނެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލް މެމްބަރު ސައުދު އަލީ ވިދާޅުވީ ދެ ޖަނެރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މަސައްކަތް ކުރަމުންދަނީ އެންމެ ލަސްވެގެން މިރޭ ކަރަންޓު ދޭން ފެށޭވަރުވޭތޯ ކަމަށް ސައުދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެންމެން މި މަސައްކަތް ކުރަނީ ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ކަރަންޓު ދިނުމަށް. މިއަދު ހަވީރުވެސް ކަރަންޓު ލިބިދާނެ. އެންމެ ލަސްވެގެން މިރޭ ކަރަންޓު ދެވޭނެ ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ" ސައުދު ވިދާޅުވިއެވެ.
ތިނަދޫގައި މިވަގުތަށް ކަރަންޓު އޮތީ ހޮސްޕިޓަލާއި ބޭންކާއި ފެން ޕްލާންޓު ފަދަ ތަންތަނުގައި އެކަންޏެވެ.
މީގެ އިތުރަށް ތިނަދޫއަށް ތިންވަނަ ޖަނެރޭޓަރެއް ވެސް ގެންދިއުމަށް ވަނީ ނިންމާފައެވެ.
ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ ދެންވެސް ގެންދަނީ 1.4 މެގަވޯޓުގެ ޖަނެރޭޓަރެއް ކަމަށެވެ.
ތިންވަނަ އެއްޗެއް ގެންދަން ނިންމީ ދިމާވެދާނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ކަމަށް ވެސް އޭނަ ވިދާޅުވިއެވެ.
ނިމާލް ވިދާޅުވީ މި ޖަނެރޭޓަރު ތިނަދޫއަށް ފޯރާވަރުވާނީ އާދީއްތަ ދުވަހު ކަމަށެވެ.
އަނދިރިކަމުގައި ތިނަދޫ ރައްޔިތުން ހަތަރު ރޭ ހޭދަކޮށްފައިވާއިރު ފެނަކައިން ބުނެފައިވަނީ ޖެނަރޭޓަރުތައް އިންޖީނުގެއަށް ގެންދެވޭތާ 12 ގަޑިއިރު ފަހުން މުޅި ރަށަށް ދާއިމީ ގޮތެއްގައި ކަރަންޓް ލިބޭނެ ކަމަށެވެ.
ގދ. ތިނަދޫން ކަރަންޓު ކެނޑުމާއެކު ސްކޫލުތަކުގެ ކިޔެވުން ވެސް ވަނީ މެދުކަނޑާލާފައެވެ. ނަމަވެސް ތިނަދޫ ސުކޫލުތަކުގެ ކިޔެވުން މާދަމާ ފެށޭނެ ކަމަށް ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޒީމާ އަބްދުﷲ ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ