އިސްދޫ ބެލެނިވެރިން ނުކުމެ ކިޔެވުން ހުއްޓުވައި ސްކޫލް ތަޅުލައިފި

ޓީޗަރުންގެ މައްސަލައިގައި ހިތްހަމަނުޖެހިގެން ލ. އިސްދޫ ސްކޫލްގެ ދަރިވަރުންގެ ގިނައަދަދެއްގެ ބެލެނިވެރިން ނުކުމެ ސްކޫލްގެ ކިޔެވުން ހުއްޓުވާލައިފި އެވެ. އިސްދޫ ރަށު ކައުންސިލްގެ މެމްބަރު ޔޫސުފް ރިޔާޒް ވިދާޅުވީ އިސްދޫ ސްކޫލްގައި ކިޔަވައިދޭ ގިނަ އަދަދެއްގެ ބޭރު ޓީޗަރުން ފުރުމާ ގުޅިގެން މަތީ ގްރޭޑްތަކުގެ މާއްދާތައް ކިޔަވައި ދިނުމުގައި ދަތިތަށް ކުރިމަތިވެފައިވާ ކަމަށެވެ.
" ވަރަށް ދަތިވާނެތާ ދެއްތޯ ޓީޗަރުން މަދުވީމަ، އިއްޔެވެސް ބެލެނިވެރިން ވަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ، ދެން މިއަދު އަޅުގަނޑުމެން އޮފީހަށް ނުކުތް އިރު ބެލެނިވެރިން ވަނީ ސްކޫލްގައި ތަޅުއަޅުވާފައި،" ރިޔާޒް ވިދާޅުވި އެވެ.
އިސްދޫން ވާހަކަ ދެއްކި މީހަކު ބުނީ ބެލެނިވެރިން މިހާރު ގަސްދުކޮށްގެން ތިބީ ޓީޗަރުން ހަމަނުވަނީސް ސްކޫލް ހުޅުވިޔަނުދިނުމަށް ކަމަށެވެ.
" ސްކޫލްގެ ކިޔެވުން މިހާރު އެވަނީ ހުއްޓުވާފައި، ޓީޗަރުންތައް އެބަތިބި ބޭރުގައި، ބެލެނިވެރިން ބުނަމުން ދަނީ ޓީޗަރުން ހަމަނުވަނީސް ދެން ސްކޫލް ހުޅުވިޔަ ނުދޭނެކަމަށް،" އެމީހާ ބުންޏެވެ.
އިސްދޫ ސްކޫލް ހިންގުމާ ހަވާލުވެ ހުންނެވި ލީޑިން ޓީޗަރު، އަލީ ނިޔާޒު ވިދާޅުވީ ސްކޫލްގެ އަންހެން ބެލެނިވެރިންގެ ތެރެއިން 30 އަކަށް ބެލެނިވެރިން ރޭ ފަތިހު 5.15 އެހާކަށް ހާއިރު ނުކުމެ، ސްކޫލްގައި ތަޅުއަޅުވާފައި ވަނީ ސްކޫލުގެ ވަޒީފާއިން އިސްތިއުފާދިނުމަށް ފަހު ފުރި އިންޑިޔާގެ ދެ ޓީޗަރުންގެ ބަދަލުގައި އެހެން ދެ ޓީޗަރުން އަންނަ ހޮނިހިރު ދުވަހު ފޮނުވައިދޭނެކަން ދެކުނު ސަރައްހަދުގެ އެޑިއުކޭޝަން ޔުނިޓުން އަންގާފައި ވަނިކޮށް ކަމަށެވެ. އަދި އަންހެން ބެލެނިވެރިންގެ ތެރެއިން 30 އަކަށް މީހުން ސްކޫލް ބަންދުކޮށްގެން ބޯޑްތަކެއް ހިފައިގެން ސްކޫލް ދޮރުމަތީގައި ތިބި ނަމަވެސް ފިރިހެން ބެލެނިވެރިން އެކަމާ ހިތްހަމަ ނުޖެހޭކަން ފާޅުކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
" އިއްޔެ ބެލެނިވެރިން ނުރުހުމުގެ ޝުއޫރު ފާޅުކުރުމާ ގުޅިގެން އެޑިއުކޭޝަން ޔުނިޓާ އަޅުގަނޑު ވާހަކަ ދެއްކިން، ދެން އެޑިއުކޭޝަން ޔުނިޓުން ސްކޫލްގެ ޕީޓީއޭގެ ނައިބު ރައީސް މެދުވެރިކޮށް ބެލެނިވެރިންނަށް އަންގާފައި ވަނީ ހޮނިހިރު ދުވަހު ޓީޗަރުން ހަމަކޮށްދޭނެކަން" ނިޔާޒު ވިދާޅުވިއެވެ.
ނިޔާޒު ވިދާޅުވީ ބެލެނިވެރިން ހިތްހަމަނުޖެހިގެން އުޅެނީ އިސްދޫ ސްކޫލްގައި ކެމިސްޓްރީ އާއި ހިސާބު ކިޔަވައިދެމުން ދިޔަ އިންޑިޔާގެ ދެ ޓީޗަރުން ފުރުމާ ގުޅިގެން ކަމަށެވެ.
" ސެކަންޑްރީ ގްރޭޑްތަކަށް ހިސާބު ކިޔަވައި ދެއްވާ ޓީޗަރާއި ކެމިސްޓްރީ ކިޔަވައިދެއްވާ ޓީޗަރު ވަނީ އިސްތިއުފާ ދެއްވުމަށް އޮން އުސޫލާ އެއްގޮތަށް އިސްތިއުފާ ދެއްވުމަށް ފަހު ފުރާފައި. އެ ދެޓީޗަރުން ފުރީ އެޑިއުކޭޝަނުން އެ ދެޓީޗަރުންގެ އިސްތިއުފާ ގަބޫލުކުރީމަ،" ނިޔާޒް ވިދާޅުވިއެވެ.
އިސްދޫ ސްކޫލްގައި މިހާރުވެސް 25 ޓީޗަރުން ކިޔަވައިދެމުނުން އަންނަ ކަމަށާއި ޓީޗަރުން މަދުވެގެން އުޅެނީ ހަމައެކަނި ހިސާބާއި ކެމިސްޓްރީ ކިޔަވައިދޭ ޓީޗަރުން ކަމަށް ވެސް ނިޔާޒު ވިދާޅުވިއެވެ.
ބެލެނިވެރިން ސްކޫލް ބަންދުކުރުމާ ގުޅިގެން އެޑިއުކޭޝަން ޔުނިޓަށާއި ލ. އަތޮޅުގައި ތިބޭ ފުލުހުންނަށް އެކަން އަންގަވާފައިވާނެކަމަށް އަލީ ނިޔާޒު ވިދާޅުވިއެވެ. ނަމަވެސް ފުލުހުން އައުމުގެ ބަދަލުގައި އެޑިއުކޭޝަން ޔުނިޓުން ނިޔާޒް މެދުވެރިކޮށް ބެލެނިވެރިންނާ ވާހަކަދައްކައިގެން މައްސަލަ ހައްލުކުރެވޭތޯ ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިސްދޫ ސްކޫލްގައި 289 ދަރިވަރުން ކިޔަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ