ބަންޑާރަ ނައިބަށް ފިޔަވަޅު އަޅަން ޖެހިދާނެކަމުގެ އިންޒާރު ސިވިލް ކޯޓުން ދީފި

ބަންޑާރަ ނައިބު މުހައްމަދު އަނިލް ސިވިލް ކޯޓަށް ހާޒިރުކޮށް ފިޔަވަޅު އަޅަން ޖެހިދާނެކަމުގެ އިންޒާރު އެކޯޓުން ދީފިއެވެ.
މިގޮތަށް ސިވިލް ކޯޓުން ބަންޑާރަ ނައިބަށް އިންޒާރުދީފައިމިވަނީ، ހަވީރުގެ މިލްކިއްޔާތާ ގުޅޭ ގޮތުން އެ ކޯޓުންކުރި ހުކުމަށް ފާޑުވިދާޅުވެ، ބަންޑާރަ ނައިބު މީޑިއާތަކުގައި ވާހަކަ ދައްކަވައި، އެއީ ގާނޫނާ ހިލާފު ހުކުމެއް ކަމަށް ވިދާޅުވެ ދައުލަތުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ނިންމުމާ ގުޅިގެންނެވެ.
ސިވިލް ކޯޓުން ބަންޑާރަނައިބަށް އެންގި އެންގުމެއްގައިވަނީ ކޯޓްގެ ހުކުމްތަކަށް ކިޔަމަން ނުވުމަށް ހިތްވަރު ލިބޭ ގޮތަށް އަމަލު ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާ އުސޫލުން ބަންޑާރަނައިބާމެދުވެސް ފިޔަވަޅު އަޅަންޖެހިދާނެ ކަމަށެވެ.
އެ އެންގުމުގައި ކޯޓުތަކުގެ ހުރުމަތް ރައްކާތެރިކުރުމުގެ ގަވައިދުގެ ބާރު ހިންގުމުގައި ދިވެހި ދައުލަތުގެ ބަންޑާރަ ނައިބާއި ބަންޑާރަ ނައިބުގެ އޮފީސް އިސްތިސްނާ ނުވާ ކަމާއި ކޯޓުގައި ހިނގަމުންދާ މައްސަލައެއް ތަންފީޒުނުވެ އިސްތިއުނާފީ މަރުހަލާގެ މަގުމަތީގައި ވަނިކޮށް އެ މައްސަލައަށް ނުފޫޒެއް ނުވަތަ އެފަދަ ބާރެއް ފޯރުވޭނެ ގޮތަކަށް ނުވަތަ ކޯޓުގެ ހުރުމަތް ކެނޑިދާނެ ގޮތަކަށް ކޯޓުގެ ހުކުމްތަކަށް ތަބާނުވުމަށާއި އެ ހުކުމްތަކަށް ކިޔަމަންނުވުމަށް ހިތްވަރު ލިބޭ ގޮތަކަށް އަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާ މަގުން އެފަދަ އަމަލުތައް ކުރާނަމަ ދައުލަތުގެ ބަންޑާރަ ނައިބަށާއި އެކަމުގައި ޝާމިލްވާ ބަންޑާރަ ނައިބު އޮފީހުގެ އެންމެހާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފައެވެ.
އަދި ކޯޓަކުންކުރާ ހުކުމްތައް ސައްހަ ނޫން ކަމަށް އިސްތިއުނާފީ މަރުހަލާގެ ކޯޓަކުން ބުނާ ބުނުމެއް ނޫން ގޮތެއްގައި އެ ހުކުމެއް ސައްހަ ނޫން ކަމަށް ނުވަތަ އެ ހުކުމެއްގެ ބާރު ނަފީކޮށް އެ ހުކުމަކަށް ކިޔަމަންވެ ނުގަތުމަށް ހިތްވަރުދޭ ގޮތަށް އެއްވެސް ވާހަކަ ދައްކާ ހެދުމުގެ ދުސްތޫރީ ބާރު ދައުލަތުގެ ބަންޑާރަ ނައިބަށް ނުވަތަ އެ ނޫން ފަރާތަކަށް ވިޔަސް ލިބިގެންނުވާ ކަމަށްވެސް އެއެންގުމުގައިވެއެވެ.
ސިވިލް ކޯޓުގެ އެންގުމުގައި އިތުރަށް ބުނެފައިވަނީ، ކޯޓުންކުރާ ހުކުމެއް އިސްތިއުނާފުކުރުމުގައި ދައުލަތުގެ ބަންޑާރަ ނައިބުގެ ފަރާތުން މީގެކުރިން އަމަލުކޮށްފައިވާ ގޮތުގައި ހުކުމެއް އިސްތިއުނާފުކުރެވޭ ނުކުތާތައް ލިޔެ ބަޔާނެއްގެ ގޮތުގައި އާންމުކޮށްފައިވާނުވާ ކަމަށާއި ނަމަވެސް ހަވީރު މައްސަލާގައި އެކަން އެގޮތަށް ކޮށްފައިވުމަކީ ހަމަހަމަ ކަމާއި އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅު އެޅުމުގެ ހަމަތަކާއި ހިލާފުވާ ގޮތަށް ބަންޑާރަ ނައިބު ތަފާތުކޮށް ކުރި އަމަލެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ