ސިޓީގެ މައްޗަށް ކުރި ހޯދާ ކޮމިއުނިޓީ ޝީލްޑް އާރސެނަލް އިން ކާމިޔާބުކޮށްފި

ޕްރިމިއަރ ލީގުގެ އާ ސީޒަން ފެށުމުގެ ގޮތުން މިރޭ ކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗު މެންޗެސްޓަރ ސިޓީގެ މައްޗަށް 0-3 ގެ ނަތީޖާއަކުން ކުރި ހޯދާ އާރސެނަލް އިން ކާމިޔާބުކޮށްފި އެވެ.
މިރޭގެ މި މި މެޗުގައި ދެ ޓީމުގެ ވެސް މުހިއްމު ގިނަ ކުޅުންތެރިން ނުކުޅޭކަން ފާހަގަކޮށްލަންޖެހެ އެވެ. މި މެޗުގައި ދެ ޓީމުގެ ވެސް ހިމެނޭ މުހިއްމު ގިނަ ކުޅުންތެރިން ނުކުޅުނީ ވޯލްޑްކަޕްގައި އެ ކުޅުންތެރިން ބައިވެރިވެފައި ޓީމާ ގުޅިފައިވަނީ މި މެޗު ފެށެން ކުޑަދުވަސްކޮޅަކަށް ވެފައިވަނިކޮށް ކަމަށްވާތީ އެވެ.
އިނގިރޭސި ވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ރަނގަޅަށް ކުޅެފައިވަނީ އާރސެނަލް އިންނެވެ.
އެގޮތުން މެޗުގެ 21 ވަނަ މިނެޓްގައި އާރސެނަލް އިން ވަނީ މި މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑްނަގާފަ އެވެ. ވިލްޝެއަރ ދިން ޕާހަކުން މި ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފިލްޑަރު ސެންޓި ކަޒޯލާ އެވެ. މި ގޯލް ޖެހިތާ މާގިނަ އިރުތަކެއް ނުވެ އާރސެނަލް ޒުވާން ފޯވާޑް ޔާޔާ ސަނޯގޯއަށް ވަނީ ލީޑް ފުޅާކޮށްލަން ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް އޭނާ ކުރިއަށް ފޮނުވާލި ބޯލަ ދިޔައީ ގޯލުގެ ދަޑިކައިރިން ބޭރަށެވެ.
މެޗުގެ 42 ވަނަ މިނެޓްގައި އާރސެނަލް އިން ވަނީ އެޓީމުގެ ދެވަނަ ގޯލްޖަހާ ލީޑް ފުޅާކޮށްލާފަ އެވެ. ސަނޯގޯ ދިން ޕާހަކުން މި ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ހުނަރުވެރި މިޑްފިލްޑަރު އާރަން ރަމްސީ އެވެ..
2 ގޯލުގެ ލީޑަކާއެކީ އާރސެނަލް އިން މެޗުގެ ފުރަތަމަ ހާފް ނިންމާލިއިރު ދެވަނަ ހާފް ފެށިގެނ މާގިނަ އިރުތަކެއް ނުވެ ސިޓީއަށް ވަނީ ގޯލުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. އެހެންނަމަވެސް އެޓީމުގެ ފޯވާޑް ޔޮވެޓިޗް ކުރިއަށް ފޮނުވާލި ބޯޅަ އާރސެނަލްގެ ކީޕަރު ޝެޒްނީ ވަނީ ހުޝިޔާރުކަމާ އެކީ ދިފާއުކޮށްފަ އެވެ.
މެޗުގެ 62 ވަނަ މިނެޓްގައި އާރސެނަލް އިން ވަނީ އެޓީމުގެ 3 ވަނަ ގޯލު ކާމިޔާބުކޮށްފަ އެވެ. މި ގޯލް ކާމިޔާބުކޮށްދިނީ މި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އެޓީމުގެ ފްރާންސް ފޯވާޑް އޮލިވިއޭ ޖިރޫޑް އެވެ.
މިއީ އާރސެނަލް އިން ކޮމިއުނިޓީ ޝީލްޑް ހޯދި 13 ވަަނަ ފަހަރުކަން ފާހަގަކޮށްލަންޖެހެ އެވެ.
މިއަހަރުގެ ޕްރިމިއަރ ލީގު ސީޒަން ފަށަން ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ