ހޯމް މިނިސްޓަރު އުމަރު ނަސީރު މަގާމުން އިސްތިއުފާ ދެއްވުމަށް ފޮނުއްވި ސިޓީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގަބޫލްފުޅު ކުރައްވައިފި އެވެ.
އުމަރުގެ އިސްތިއުފާ ރައީސް ގަބޫލްފުޅު ކުރެއްވިކަން ސަރުކާރުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީވެސް ވަނީ ޔަގީންކޮށްދެއްވާފައެވެ. މީގެ ކުޑަ އިރުކޮޅެއް ކުރިން މުއާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އުމަރު މަގާމުން އިސްތިއުފާ ދެއްވުމަށް ފޮނުއްވި ސިޓީ ރައީސް ގަބޫލްފުޅު ކުރައްވާފައިވާ ކަމަށެވެ.
އުމަރު މިރޭ ވަނީ މަގާމުން އިސްތިއުފާދެއްވިކަން ވީނިއުސްއަށް ވެސް ކަށަވަރު ކޮށްދެއްވާފައެވެ.
އުމަރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް އަބްދުﷲ ޔާމީނާއި އެހެނިހެން ފަރާތްތަކުން އެމަނިކުފާނަށް ދެއްވި ސަޕޯޓަށް ޝުކުރުވެސް އަދާކުރައްވާފަ އެވެ.
އުމަރު ވަޒީރުކަމުން އިސްތިއުފާ ދެއްވި ނަމަވެސް އިސްތިއުފާ ދެއްވި ވަކި ސަބަބެއް އަދި ވިދާޅުވެފައެއް ނުވެއެވެ.
އުމަރު ނަސީރު އިސްތިއުފާ ދެއްވުމުން އިދިކޮޅު އިއްތިހާދުން ވަނީ އުމަރުގެ ނިންމުމަށް މަރުހަބާ ކިޔައި، މިރޭ ބަޔާނެއްވެސް ނެރެފައެވެ. އެގޮތުން އެބަޔާނުގައި ބުނެފައި ވަނީ ރައީސް ޔާމިންގެ އަނިޔާވެރިކަމާއި ތަކުރާރުކޮށް ގާނޫނުއަސާސީއާ ހިލާފުވެވަޑައިގަންނަވާ މަންޒަރު ބެއްލުވުމަށް ނުހުންނަވައި އުމަރު ނިންމެވި ނިންމެވުމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން މަރުހާބާ ކިޔާ ކަމަށެވެ.
އުމަރު މަގާމުން އިސްތިއުފާ ދެއްވިއިރު ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އޭނާއަށް ލިބިވަޑައިގަންނަވަންޖެހޭ ބައެއް ބާރުތައް ރައީސް އަބްދުﷲ ޔާމީން ވަނީ ހަނިކުރައްވާ އަދި ހިފަހައްޓަވާފައެވެ. ގޭންގްތަކުގެ ހަރަކާތްތައް ހުއްޓުވުމަށްޓަކައި މޮނިކޮން އަމުރު ނެރެ ވަރުގަދަ މަސައްކަތްތަކެއް ގޭންގްތަކާއި ދެކޮޅަށް އުމަރު ކުރައްވަމުން ގެންދަވަނިކޮށް ރައީސް ވަނީ އުމަރުގެ އަތްޕުޅުން އެ ބާރު ނަންގަވާ އުމަރު ހިމެނިވަޑައިގަންނަވާ ވަކި ހާއްސަ ކޮމިޓީއަކުން އެކަން ކުރަންޖެހޭ ގޮތަށް މިހަފްތާ ތެރޭގައި ހަމަޖައްސަވާފައެވެ.
އުމަރުގެ އިސްތިއުފާއާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ފްރޭމް ކުރެވިފައިވާ ކަމަށް ބުނާ މައްސަލައާއި ވެސް ގުޅުންތަކެއް ހުރި ކަމަށް ސަރުކާރުގެ ބައެއް އިސްފަރާތްތަކުން ދަނީ ބުނަމުންނެވެ.
ރައީސް އަބްދުﷲ ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގެން ހޯމް މިނިސްޓަރު ކަމަށް އައްޔަންކުރެއްވި ފުރަތަމަ ބޭފުޅަކީ އުމަރު ނަސީރު އެވެ. އުމަރު މި މަގާމާ ހަވާލުވެވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ.
އުމަރު މަގާމުން އިސްތިއުފާ ދެއްވުމަށް ފޮނުއްވި ސިޓީ ރައީސް ގަބޫލްފުޅު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ