ގާޒީ އިބްރާހިމް އަލީ އިސްތިއުފާ ދެއްވައިފި

ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އަލީ ފަނޑިޔާރުކަމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވަނިކޮށް އެ މަގާމުން އޭނާ އިސްތިއުފާ ދެއްވައިފިއެވެ.
ގާޒީ އިބްރާހިމް ވަނީ އިސްތިއުފާ ދޭން ނިންމައި އެކަމުގެ ސިޓީ ޖޭއެސްސީ އަށް ފޮނުވާފައެވެ.
ގާޒީ އިބްރާހިމް އަލީއާ ގުޅޭ ގޮތުން ޖޭއެސްސީ އަށް ހުށަހެޅި ބަލަމުން ދިޔައީ ގާނޫނުއަސާސީއާ ހިލާފަށް ކޯޓު އަމުރު ނެރުމުގެ މައްސަލައެކެވެ.
އެ މައްސަލައަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމަށް 10 މީހެއްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި، ޝަރީޢަތް ނިމެންދެން މައްސަލައިގައި ތުޚުމަތު ކުރެވުނު މީހުން ބަންދުގައި ބޭތިއްބުމަށް އަމުރުކުރުމަށްފަހު، މައްސަލައިގެ އަޑުއެހުންތައް ފެށި މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ދައުވާލިބޭ ފަރާތްތަކުގެ އެދުމުގެމަތިން އެ ހުރިހާ ފަރާތްތަކެއް ބަންދުން ދޫކޮށްލި އަމުރުތަކެއް ހައިކޯޓުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އިސްތިޢުނާފްކުރުމުން، ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލުމަށް ގޮތް ނިންމި އުސޫލުތައް ގޯސްކަމަށާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެމީހުންގެ ބަންދާ ގުޅޭގޮތުން މުރާޖަޢާ ކުރުމަށް ކްރިމިނަލް ކޯޓުގައި އެދެފިނަމަ، އެމީހުންގެ ބަންދު މުރާޖަޢާކޮށް އެމައްސަލައިގައި އަލުން ގޮތެއް ކަނޑައަޅަން ވާނެ ކަމަށް ހައިކޯޓުން ނިންމި ނިންމުންތަކާ އެއްގޮތަށް ޢަމަލުކުރުން ޤާޟީ އިބްރާހީމް ޢަލީ ގަސްތުގައި ލަސްކޮށްފައިވާ މައްސަލައެކެއެވެ.
ޖޭއެސްސީ އިން ބުނީ އެ މައްސަލާގައި ހިމެނޭ 10 މީހުންގެ ތެރެއިން އެންމެ ފަހު ފަރާތް ކަމަށްވާ ބުލޫނިޔާއާގެ މޫސާ އިބްރާހީމްގެ މައްސަލައިގައި، އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި ކޯޓު އަމުރު ހައިކޯޓުގެ ޤަޟިއްޔާއިން 17 އޭޕްރީލް 2019 ދުވަހު ބާޠިލުކޮށް ނިންމި ނިންމުމުގައި، ވ.ބުލޫނިޔާއާގެ މޫސާ އިބްރާހީމްގެ މައްޗަށް ހުށަހެޅިފައިވާ ދަޢުވާގެ ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ލަސްވެގެން 5 ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް އަލުން ހުށަހަޅައިފިނަމަ، ކްރިމިނަލް ކޯޓަށް އެމައްސަލަ ހުށަހަޅާ ތާރީޚުން ފެށިގެން 5 ދުވަހުގެ ތެރޭގައި ވ.ބުލޫނިޔާއާގެ މޫސާ އިބްރާހީމްގެ ބަންދާމެދު ކްރިމިނަލް ކޯޓުން އަލުން ގޮތެއް ނިންމަންނެކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން، ހައިކޯޓުގެ ޙުކުމުގައި ކަނޑައަޅާފައި މުހުލަތުގައި ކްރިމިނަލް ކޯޓަށް އެމައްސަލަ ހުށަހެޅިކަމުގައި ވީނަމަވެސް، އެމައްސަލައިގައި ހިމެނޭ އެހެން ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލަތައް ހައިކޯޓުގެ ނިންމުންތަކާ އެއްގޮތަށް މުރާޖަޢާނުކޮށް ބޭއްވި ގޮތަށް، ހައިކޯޓުގެ ޙުކުމުގައި ކަނޑައަޅާފައިވާ މުހުލަތު ފާއިތުވެ އެތައް ދުވަހެއް ދިޔައިރު ވ.ބުލޫނިޔާއާގޭ މޫސާ އިބްރާހީމްގެ މައްސަލައިގައި ވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ހުށަހެޅުމާމެދު ގޮތެއް ނުނިންމައި، ޤާޟީ އިބްރާހީމް ޢަލީ ގަސްތުގައި، ހައިކޯޓުގެ ޙުކުމާ އެއްގޮތަށް ޢަމަލުނުކޮށް އެމައްސަލަ ލަސްކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައި، ޤާޟީ އިބްރާހީމް ޢަލީގެ ބަސްމަގު ހުރިގޮތުން ދައުވާލިބޭ މީހުންނަށް ހިތްވަރު ލިބޭފަދަ މޭރުމަކުން ވާހަކަ ދައްކާފައިވާކަން ފާހަގަކުރެވޭކަމާއި، އެ މީހުން ބަންދުކުރަނީ ފަނޑިޔާރު ބޭނުންވެގެން ނޫން ކަމާއި އަދި މަތީ މަރުޙަލާގެ ކޯޓަކުން އެގޮތަށް އަމުރުކޮށްފައި ވާތީ މަޖުބޫރީ ޙާލަތެއްގައިކަން ދޭހަވާފަދަ މޭރުމަކުން ހައިކޯޓުގެ ޙުކުމުގެ ހުރުމަތަށް އަސަރުކުރާ ގޮތަށް ޤާޟީ އިބްރާހީމް ޢަލީގެ ބަސްމަގު ބައްޓަން ކޮށްފައިވާ ކަންވެސް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ޖޭއެސްސީ އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ