ކުރިއަށް އޮތް ދެދުވަހު މޫސުން ގޯސްވާނެ

ކުރިއަށް އޮތް 2 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރަމުންދާނެ ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި، ރާޅުގެ އުސްމިނުގައި 4 ފޫޓާއި 7 ފޫޓު ހުންނާނެކަމަށްވެސް މޫސޫމާބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ކުރިއަށް އޮތް ދެދުވަހު އާންމުކޮށް ހުރިހާ ފަރާތްތަކުން އަދި ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް
ވަރަށްބޮޑަށް ސަމާލުވުމަށް އެއިދާރާއިންވަނީ އިލްތިމާސް ކުރައްވާފައެވެ.
މޫސުމާބެހޭ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ލޯޕްރެޝަރ ޓްރަފްގެ ސަބަބުން ގިނައަދަދަކަށް ބޯވިއްސާރަވިލާ އަތޮޅުތަކުގެ މަތީ އަންނަނީ އުފެދެމުންނެވެ. އެހެންކަމުން، މިވިއްސާރައިގައި މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި އާންމުވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް އެއިދާރާއިންވަނީ ލަފާކޮށްފައެވެ. އަދި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެކަމަށްވެސްވަނީ ލަފާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ