ރައީސް މައުމޫން އޭސީސީއަށް ހާޒިރުކުރަން ނިންމައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ރައީސް މައުމޫން ދިރިއުޅުއްވި އޭރުގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ އޮޑިޓް ރިޕޯޓްގައި ހުރި މައްސަލަތަކާއި ގުޅިގެން ރައީސް މައުމޫން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުކުރަން ނިންމައިފި އެވެ.
އޭސީސީއަށް ރައީސް މައުމޫން ހާޒިރުކުރަނީ ތީމޫގޭގެ އޮޑިޓް ރިޕޯޓްގައި އޮޑިޓާ ޖެނަރަލް ފާހަގަކުރައްވާފައިވާ މައްސަލަތަކާއި ގުޅިގެން އޭސީސީގެ ތަހުގީގަށް ބޭނުންވާ ސުވާލުތައް ކުރުމަށެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ވަނީ ބައެއް މީޑިއާ ތަކަށް މިކަން ޔަގީންކޮށްދެއްވާފަ އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީއާއި ހަވާލާދީ މިއަދު ބައެއް ނޫސްތަކުގައި ބުނެފައިވަނީ އެ މައްސަލައަކީ ކުރިން ފުލުހުންނާ ގުޅިގެން އެ ކޮމިޝަނުން ތަހުގީގު ކުރަމުން އައި މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ގިނަ ބަޔަކާ ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށްށްވެސް ވިދާޅުވި އެވެ.
ރައީސް މައުމޫންގެ ކޮރަޕްޝަންގެ މައްސަލަތަކެއް 2009 ވަނަ އަހަރުގެ ތެރޭގައި ފެންމަތިކުރައްވާ އޭރުގެ އޮޑިޓާ ޖެނެރަލް އިބްރާހިމް ނައީމް ނެރުއްވި ރިޔާސީ ގަނޑުވަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ރައީސް މައުމޫންގެ ވެރިކަމުގައި އެމަނިކުފާނު ކޮރަޕްޝަންގެ އަމަލުތަކެއް ހިންގެވި ކަމަށާއި މަގާމުގެ ބާރު ބޭނުންކޮށްގެން ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރައްވާފައިވާ ކަމަށެވެ. އަދި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ރައީސް މައުމޫނާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން ކުރައްވާފައިވާ ކަމަށް ތުހުމަތުކުުރާ ގިނަ ކަންތައްތަކެއް ފާހަގަކޮށް އެ މައްސަލަތައް ބަލާ އެމަނިކުފާނުގެ މައްޗަށް ޝަރީއަތް ހިންގަންޖެހޭ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
މިމައްސަލައާއި ގުޅިގެން އޭރު ރައީސް މައުމޫން ވިދާޅުވެފައިވަނީ މިއީ ސިޔާސީ ރިޕޯޓެއް ކަމަށާ މިއީ އެވަގުތުގެ ސިޔާސީ ކަންކަމުން ވަކި ބަޔަކަށް ފައިދާ ހޯދާދިނުމަށް ނައީމް ގޮއްވާލާފައިވާ "ޓައިމް ބޮމެއް" ކަމަށެވެ.
މި މައްސަލަތައް އޮޑިޓް ރިޕޯޓްގައި ހިމަނާ އާންމުކުރިތާ ގިނަ ދުވަސްތަކެއް ނުވަނީސް މަޖިލީހަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާ ނައީމް ވަނީ މަގާމުން ދުރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ