ޑޮކްޓަރ އަބްދުﷲ އަބްދުލްހަކީމް އަވަހާރަވުމަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ޑރ. އަބްދުﷲ (އެންޑީ އަބްދުﷲ) ރޭ އަވަހަރާވުމާ ގުޅިގެން ފޮނުއްވި ތައުޒިޔާގެ މެސެޖުގަ އެވެ.
ރައީސްގެ މެސެޖުގައި ވިދާޅުވީ ޑރ. އަބްދުﷲ އަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ވަރަށް ދިގު މުއްދަތެއްގައި ވަރަށް އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި ޑރ. އަބްދުﷲ އަވަހާރަވުމަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމާއި، އަބްދުﷲ އަކީ ލޮލުގެ ހާއްސަ ޑޮކްޓަރަކަށްވުމާ އެކު އެ ރޮނގުން ރާއްޖޭގެ ވަރަށް ގިނަ އަދަދެއްގެ ބަޔަކަށް ހިދުމަތް ދެއްވާފައިވާ ޑޮކްޓަރެއްކަން ވެސް ރައީސްގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފަ އެވެ.
ޑޮކްޓަރ އަބްދުﷲ އަބްދުލްހަކީމަކީ، ރާއްޖެއިން ބޭރުން ކިޔަވައި ވިދާޅުވެގެން ވަޑައިގެންނެވި ފުރަތަމަ ދިވެހި ޑޮކްޓަރެވެ. 1964 ވަނަ އަހަރުގެ އެޕްރީލް މަހުގެ 18 ވަނަ ދުވަހު ސަރުކާރު ހޮސްޕިޓަލްގެ ޑޮކްޓަރެއްގެ ގޮތުގައި ހިދުމަތް ކުރައްވަން ފެއްޓެވީއްސުރެ އޭނާގެ ހިދުމަތް ރާއްޖޭގެ އެކިކަންކޮޅުތަކަށް ދިޔައީ ލިބެމުންނެވެ.
ހިދުމަތް ފެއްޓެވިއިރު އޭރު ކުރިމަތިވެވަޑައިގެންނެވި އެންމެބޮޑު ދަތިކަމަކީ ލޮލުގެ އެއްވެސް ބާވަތެއްގެ ބޭހެއް އޭރު ރާއްޖޭގައި ނެތުމާ ލޮލުގެ އޮޕަރޭޝަނަށް ބޭނުންވާ ސާމާނުވެސް ރާއްޖޭގައި ނެތުމެވެ. އެހެންކަމުން އޭނާއަށް ޖެހިވަޑައިގަތީ އާންމު ބަލިތަކަށް ފަރުވާދެއްވަމުން ގެންދެވުމަށެވެ. އޭގެ ދުވަސްތަކެއް ފަހުން ބަލިމީހުންނަށް ފަރުވާދެއްވުމަށްޓަކައި ކޮންމެ ތިންމަހުން އެއްމަހު ރާއްޖޭގެ އެކި ރަށްރަށަށް ވަޑައިގަންނަވަން ފެއްޓެވި އެވެ.
ޑޮކްޓަރ އަބްދުﷲގެ ފާހަގަކުރެވޭ ހިދުމަތްތަކުގެ ތެރޭގައި ދިރޭ ލޯޖެހުން، 1981 ވަނަ އަހަރު ރާއްޖެއަށް ތައާރުފް ކުރެއްވުން ހިމެނެ އެވެ. އަދި 1983 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެކިހިސާބުތަކުގައި ސަރުކާރުން ހިންގަވަމުން ގެންދެވި އައި ކޭމްޕް މަޝްރޫއު ފެށުނު ދުވަސްވަރު، އެކަމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވީވެސް އޭނާ އެވެ.
އަބްދުﷲ 41 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދުމަތް ކުރެއްވިއިރު ހޮސްޕިޓަލްގެ މުހިއްމު މަގާމުތަކެއް ވަނީ ފުރުއްވާފަ އެވެ. މިގޮތުން، ރަޖިސްޓްރަރ އިން އޮފްތަލްމޮލޮޖީގެ މަގާމާއި، އައި ކޮންސަލްޓަންޓްގެ މަގާމު ފުރުއްވި އެވެ. އޭގެއިތުރަށް މެޑިކަލް ސުޕްރިންޓެންޑެންޓެއްގެ ގޮތުންވެސް ހިދުމަތް ކުރެއްވިއެވެ. 14 ޖަނަވަރީ 2007 ގައި ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ސީނިއަރ މެޑިކަލް ސުޕްވައިޒަރުގެ މަގާމުގަ އެވެ. ޑޮކްޓަރ އަބްދުﷲ އަކީ އޭނާގެ ހިދުމަތް، ސަރުކާރުގެ ދާއިރާގެ އިތުރުން އަމިއްލަފުޅު ގޮތުންވެސް ގިނަ އަދަދެއްގެ ބަޔަކަށް ދެއްވާފައިވާ ބޭފުޅެކެވެ.
ޑޮކްޓަރ އަބްދުﷲ އަކީ ރައްޔިތުންގެ މަޖިލީހުގެ ފާދިއްޕޮޅުގެ މެންބަރުކަން ވެސް 14 އަހަރުދުވަސް ވަންދެން ކުރެއްވި ބޭފުޅެކެވެ. ޑޮކްޓަރ އަބްދުﷲ ދިވެހި ދައުލަތަށް ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، އޭނާއަށް ވަނީ ނިޝާން ރެހެންދީގެ ޝަރަފުގެ އިއްޒަތް (ނ.ރ.ޝ.ޢ)، 2011 ވަނަ އަހަރު އަރުވާފަ އެވެ.
އެންޑީ އަބްދުﷲ އަވަހާރަވުމަކީ ސިއްހީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ