ގާޒީ ހައްޔަރުކުރުމުގެ ހުރިހާ ޒިންމާއެއް ނަޝީދު އާއި ޑިފެންސް މިނިސްޓަރު ނަންގަވަންޖެހޭ - އެޗްއާރުސީއެމް

ޖެނުއަރީ 16 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި ދިފާއީ ބާރުން ހައްޔަރުކޮށްގެން ގެންދިޔަ ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމުގެ ޒިންމާ ކުރީގެ ރައީސް ނަޝީދު އާއި ކުރީގެ ޑިފެންސް މިނިސްޓަރު ތަލްހަތު އިބްރާހިމް ކަލޭފާނު އުފުއްލަވަން ޖެހިވަޑައިގަންނަވާ ކަމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކުރި ތަހުޤީގުން އެނގިފައިވާ ކަމަށް އެޗްއާރްސީއެމް އިން ބުނެފި އެވެ.
މަދަނީ އަދި ސިޔާސީ ހައްޤުތަކާބެހޭ މުއާހަދާގެ ޝެޑޯ ރިޕޯޓް އެޗްއާރުސީއެމް އިން ޔޫއެން އަށް ހުށަހެޅިއިރު ރާއްޖޭގައި ޤާނޫނުތަކާއި ހިލާފަށް ހައްޔަރުކުރި މީހުންގެ މައްޗަށް އަލިއަޅުވާލަމުން އެޗްއާރުސީއެމް އިން ބުނެފައިވަނީ އަބްދުﷲ ގާޒީ ހައްޔަރުކުރުމުން އެކޮމިޝަނުން ކުރި ތަހްޤީގް މޭ 27 ވަނަ ދުވަހު ނިންމާ ރިޕޯޓް ކަމާބޭހޭ ފަރާތްތަކަށް ފޮނުވާފައިވާ ކަމަށާއި އެތަހްޤީގުން އިސް ޤާޒީ ހައްޔަރުކުރުމުގައި ހިންގާފައިވާ ހުރިހާ ކަމެއްގެ ޒިންމާ ކުރީގެ ރައީސް އާއި ކުރީގެ ޑިފެންސް މިނިސްޓަރު ނަންގަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.
އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ވަނީ ސީދާ ރައީސް ނަޝީދުގެ އަމުރު ކުރައްވައިގެން ކަން ތަހްޤީގަށް އެނގިފައިވާ ކަމަށާއި އަދި އެމްއެންޑީއެފް އިން ކޯޓުތަކުގެ ހުރުމަތް ކެނޑި މައްސަލައިގަ އެމްއެންޑީއެފް އާއިމެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.
އެޗްއާރްސީއެމް އިން ކުރި ތަހްޤީގުގައި އަބްދުﷲ ގާޒީ ޤާނޫނާ ހިލާފަށް ހައްޔަރު ކުރުމަށްފަހު އިސްތިއުފާ ދެއްވަން މަޖުބޫރު ކުރެއްވިކަން އެނގިފައިވާ ކަމަށާއި ޤާނޫނު އަސާސީގެ 159 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، ފަނޑިޔާރުންނަށް ފިޔަވަޅު އެޅުމަކީ ޖޭ.އެސް.ސީގެ މަސްއޫލިއްޔަތަކަށް ވީހިނދު، އަބްދުﷲ މުޙައްމަދު ހައްޔަރުކޮށްގެން އިސްތިއުފާ ދެއްވުމަށް މަޖުބޫރު ކުރުމަކީ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ނ.) އާއި ޚިލާފު ކަމެއްކަމަށްތަހުޤީގަށް ފާހަގަވާ ކަމަށް ބުނެފައިވެ އެވެ.
''ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުޙައްމަދު އެމް.އެން.ޑީ.އެފުން ގިރިފުށީގައި ހައްޔަރުކޮށްގެން ގެންގުޅުނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 24 ވަނަ މާއްދާއިން ލިބިދޭ ޒާތީ ދިރިއުޅުން ރައްކާތެރިކުރުމުގެ ޙައްޤާއި، ޤާނޫނު އަސާސީގެ 33 ވަނަ މާއްދާއިން ލިބިދޭ ނަމާއި އަބުރު ރައްކާތެރި ކުރުމުގެ ޙައްޤާއި، 45 ވަނަ މާއްދާއިން ލިބިދޭ ޤާނޫނާއި ޚިލާފަށް ހައްޔަރުނުކުރުމާއި ބަންދު ނުކުރުމުގެ ޙައްޤާއި، 46 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހައްޔަރުކުރުމާއި، ބަންދުކުރުމުގެ ބާރާއި ޚިލާފަށެވެ. އަދި ޤާނޫނު އަސާސީގެ 47 ވަނަ މާއްދާގައި ބުނެފައިވާ ހިފެއްޓުމާއި ފާސްކުރުމާއި މުދާ އަތުލުމުގެ ބާރު ލިބިދޭ މާއްދާއާއި ޚިލާފަށް ކަމަށާއި، 48 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހައްޔަރުކުރެވޭ މީހުންނާއި ބަންދުކުރެވޭ މީހުންނަށް ލިބިދޭ ޙައްޤުތަކާއި ޚިލާފަށެވެ''.
''އަދި ޤާނޫނު އަސާސީގެ 20 ވަނަ މާއްދާއިން ލިބިދޭ ހަމަހަމަކަމާއި، 21 ވަނަ މާއްދާއިން ލިބިދޭ ދިރިހުރުމުގެ ޙައްޤާއި، ޤާނޫނު އަސާސީގެ 41 ވަނަ މާއްދާއިން ލިބިދޭ ދަތުރު ފަތުރުކުރުމާއި ވަޒަންވެރިވުމުގެ ޙައްޤާއި، 43 ވަނަ މާއްދާއިން ލިބިދޭ ޢަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅު އެޅުމުގެ ޙައްޤާއި، ޤާނޫނު އަސާސީގެ 48 ވަނަ މާއްދާއިން ލިބިދޭ ހައްޔަރުކުރެވޭ މީހުންނާއި ބަންދުކުރެވޭ މީހުންގެ ޙައްޤުތަކާއި، 53 ވަނަ މާއްދާއިން ލިބިދޭ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤާއި، 54 ވަނަ މާއްދާއިން ލިބިދޭ ލާއިންސާނީ އަދަބު ނުދިނުމުގެ ޙައްޤާއި ޚިލާފަށެވެ''.
މީގެ އިތުރުން ޤާނޫނު އަސާސީގެ 69 ވަނަ މާއްދާގައި ބަޔާންކުރާ ޙައްޤެއް ނުވަތަ މިނިވަންކަމެއް ނިގުޅައިގަނެވޭފަދަ ގޮތަކަށް ޤާނޫނު އަސާސީ މާނަކުރުން މަނާކުރާ މާއްދާއާއި ޚިލާފަށާއި، ޤާނޫނު އަސާސީގެ 245 ވަނަ މާއްދާގައި ބަޔާންކުރާ ޣައިރުޤާނޫނީ އަމުރު ނުކުރުމާއި އަމުރަށް ތަބާނުވުމުގެ މާއްދާއާއި ޚިލާފަށާއި، ޤާނޫނު އަސާސީގެ 246 ވަނަ މާއްދާގައި ބަޔާންކުރާ ހަމަހަމަ ކަމާއި އެކު ޢަމަލުކުރުމުގެ މާއްދާއާއި ޚިލާފަށެވެ. މީގެ އިތުރުން ކޯޓްތަކާއި ބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާއި، ހަމަ އެ ޤާނޫނުގެ 48 ވަނަ މާއްދާއާއި، ސިފައިންގެ ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކުރާ ސިފައިންގެ ވާޖިބާއި މަސްއޫލިއްޔަތުތަކާއި، ހަމަ އެ ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކުރާ ޣައިރު ޤާނޫނީ އަމުރުތަކަށް ތަބާ ނުވުމާއި ބެހޭ މާއްދާއާއި ޚިލާފަށް ކަމަށް ވެސް އެޗްއާރްސީއެމް އިން ޔޫއެން އަށް ފޮނުވި ރިޕޯޓްގައިވެ އެވެ.
އެޗްއާރްސީއެމުން ކުރި ތަހްޤީގް ރިޕޯޓްގައި އެމްއެންޑީއެފް އިން ޤާނޫނު އަސާސީގެ 26 ވަނަ މާއްދާއާއި ހިލާފް ވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އެމާއްދާގައި ބުނަނީ ހިއުމަންރައިޓްސް ކޮމިޝަނުން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ކޮންމެ މީހަކު ވެސް އެކޮމިޝަނަށް ހާޒިރު ކުރެވިދާނެ ކަމަށާއި އަދި އެކޮމިޝަނުން ބޭނުންވާ މައުލާމާތު ފޯރުކޮށްދޭންވާނެ ކަމަށެވެ.
އެޗްއާރްސީއެމް އިން ޔޫއެންއަށް ފޮނުވި ރިޕޯޓްގައި ޤާނޫނާ ހިލާފަށް އަބްދުﷲ ޔާމީން އަބްދުލްޤަޔޫމް ހައްޔަރު ކުރި މައްސަލަ ވެސް ފާހަގަކޮށްފައިވެ އެވެ.
ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އިންޓަރނޭޝަނަލް ކޮވަނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރ) މުއާހަދާގެ ދަށުން ހިއުމަން ރައިޓްސް ކޮމިޝަނުން ތައްޔާރުކުރި ޝެޑޯ ރިޕޯރޓް އދ. ގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހަޅާފައިވާއިރު، މިރިޕޯރޓަކީ 19 ސެޕްޓެމްބަރ 2006 ގައި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މަދަނީ އަދި ސިޔާސީ ޙައްޤުތަކާބެހޭ މުއާހަދާގެ ދަށުން ލިބިދޭ ޙައްޤުތައް ދިވެހިރާއްޖޭގައި ކަށަވަރުކޮށްދިނުމަށް އެޅިފައިވާ ފިޔަވަޅުތަކާއި އަދި މުޢާހަދާ ތަންފީޒު ކުރާ މިންވަރާ ބެހޭގޮތުން ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓެކެވެ.
މިމުއާހަދާގައި ބައިވެރިވާ ކޮންމެ ޤައުމަކުން މުއާހަދާގައި ބައިވެރިވާތާ 1 އަހަރު ފަހުން އދ. ގެ އޮފީސް އޮފް ދި ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް (އޯއެޗްސީއެޗްއާރ) އަށް 'އިނީޝިއަލް ރިޕޯޓްއެއް' ފޮނުވަންޖެހެއެވެ. މިގޮތުން ރާއްޖެއިން އިނީޝިއަލް ރިޕޯޓް ފޮނުވާފައިވަނީ 2010 ވަނަ އަހަރުއެވެ. ދައުލަތުގެ އިތުރުން މިމުއާހަދާގެ ދަށުން އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޤައުމީ މުއައްސަސާތަކާއި މަދަނީ ޖަމިއްޔާތަކުން މިކޮމިޓީއަށް ރިޕޯޓު ހުށަހެޅުމުގެ ފުރުސަތު އޮވެއެވެ.
ހިއުމަން ރައިޓްސް ކޮމިޓީއަށް ދިވެހިރާއްޖެއިން ހުށަހަޅާ ރިޕޯޓްތަކަށް ރިޢާޔަތްކޮށް ދިވެހި ދައުލަތުން ހުށަހަޅައިފައިވާ ރިޕޯރޓް ބެލުމަށް ހަމަޖެހިފައިވަނީ މިއަހަރު ޖުލައި މަހު ޖެނީވާގައި ބާއްވާ ހިއުމަން ރައިޓްސް ކޮމިޓީގެ 105 ވަނަ ސެޝަންގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ