ބިލެއްދޫ ދާއިރާގެ މެމްބަރު މުބީނަށް ހަމަލަދީފި

ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަހުމަދު މުބީނަށް މިރޭ ހަމަލަދީފި އެވެ. ޖޭޕީގެ ތަރުޖަމާން އަލީ ސޯލިހު ވިދާޅުވި ގޮތުގައި މިރޭ 9:30 ހާއިރު މުބީނަށް ހަމަލަދިނީ މާފަންނު ބިސް ބުރު ކައިރީގައި ހުންނަ އެމްޑީޕީގެ "ޖަޒްބާތު ޖަގަހަ" ކައިރީގައި ހުންނަ ކެފޭއެއްގެ ދޮރުމަތީގައި ސައިކަލް ކައިރީގައި ހުންނަވަނިކޮށެވެ. މުބީންގެ ކަނާތު ކަންކަށި މަތީގައި އެމީހާ ދެ ފަހަރަކު ޖަހާފައިވާއިރު އޭނާގެ ލޯ ވެސް ދުޅަވެފައިވާ ކަމަށް އަލީ ސޯލިހް ވިދާޅުވި އެވެ. އަދި މުބީންގެ ސައިކަލަށް ވެސް ކޮންމެވެސް ވަރަކަށް ގެއްލުން ދިން ކަމަށް އަލީ ސޯލިހް ވިދާޅުވި އެވެ. "އެއީ ސީދާ ކާކު ކަމެއް ނޭނގޭ. އެކަމަކު ބެލެވޭ ގޮތުގައި އެއީ ޖަޒްބާތު ޖަގަހަ އިން ނުކުތް މީހެއް،" އޭނާ ވިދާޅުވި އެވެ. އަލީ ސޯލިހް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަށް ގާނޫނު އަސާސީގެ 105 ވަނަ މާއްދާގެ ދަަށުން ސަލާމަތީ ބާރުތަކަށް ލާޒިމްވާއިރު އެކަން ނުކުރާތީ ޖޭޕީން ކަންބޮޑުވާ ކަމަށެވެ. "ވަކި ޖޭޕީއެއް ނޫން. ކޮންމެ ޕާޓީއެއްގެ މެމްބަރަކަށް ވިޔަސް ދެރަގޮތެއް ވާކަށް ޖޭޕީން ބޭނުމެއް ނުވޭ. އެހެންވެ މިކަން ބެލުމަށް އަޅުގަނޑުމެން ސަލާމަތީ ބާރުތަކަށް ގޮވާލަން. މުބީން މި މައްސަލަ ދޫކޮށްލިޔަސް އަޅުގަނޑުމެން ޖޭޕީން މިކަމާއިގެ ކުރިއަށް ދާނަން،" އޭނާ ވިދާޅުވި އެވެ. މުބީނަށް ހަމަލަދިން މައްސަލަ އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވެސް ވަނީ ކުށްވެރި ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ