ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސްރީ ލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސާއާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.
ސެކްރެޓޭރިއޭޓް އޮފް ދަ ފޯމަ ޕްރެޒިޑެންޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ލަންކާގެ ރައީސް އަރިހަށް މައުމޫން ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައި، ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރު ބަދަލުވުމާއި މިހާރުގެ ރައީސް މުހަންމަދު ވަހީދު މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، ރާއްޖެ އާއި ލަންކާއާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ މެދު ވަނީ މަޝްވަރާ ކުރައްވާފައި ކަމަށެވެ.
މައުމޫންގެ ވާހަކަފުޅުގައި ލަންކާގެ ފޮރިން މިނިސްޓަރު ޖީ.އެލް. ޕީރިސް ދާދި ފަހުން ރާއްޖެ ވަޑައިގެން ކޮށްދެއްވި މަސައްކަތްޕުޅަށްޓަކައި ރައީސް ވަހީދުގެ ފަރާތްޕުޅުން ރާޖަޕަކްސަ އަށް ޝުކުރު އަދާކުރެއްވި އެވެ.
މައުމޫން ވަނީ ރާއްޖޭގެ އިގުތިސާދު އިތުރަށް ހަރުދަނާ ކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައްވައި ލަންކާގެ އިންވެސްޓަރުން ރާއްޖޭގައި ވިޔަފާރިތައް ފެށުމުގެ ބޭނުންތެރިކަން ފާހަގަކުރައްވާފައިވާ ކަމަށް މައުމޫންގެ އޮފީހުގެ ބަޔާނުގައިވެ އެވެ.
ގާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ދެން އެންމެ އަވަހަށް ރިޔާސީ އިންތިހާބެއް ބޭއްވޭނީ އަންނަ އަހަރުގެ ޖުލައިގައި ރައީސް ވަހީދު ވިދާޅުވެފައި ވާތީ މައުމޫން ވަނީ އެކަމަށް ތާއީދުކުރައްވައިފަ އެވެ. އަދި ރައީސް ވަހީދުގެ ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތްތައް އޮމާން މާހައުލެއްގައި ކުރިއަށް ގެންދިއުމަށް މަގު ފަހިވުމުގެ މުހިންމުކަން ރާޖަޕަކްސައާ އެކު މައުމޫން ބޭއްވެވި ބައްދަލުވުމުގައި މައުމޫން ފާހަގަކުރެއްވި އެވެ.
މައުމޫން ވިދާޅުވެފައި ވަނީ ލަންކާގެ ރައީސް ރާޖަޕަކްސާއާ ބައްދަލުވުމަކީ އެ މަނިކުފާނަށް އަބަދުވެސް ހާއްސަ އުފާފުޅެއް ލިބިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި އެ މަނިކުފާނު ލަންކާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ އިންތިޒާމުތައް ލަންކާ ސަރުކާރުން ހަމަޖައްސައިދީފައިވާ ފުރިހަމަ ކަމަށްޓަކައި ޝުކުރު އަދާކުރެއްވި ކަމަށް މައުމޫން އޮފީހުގެ ބަޔާނުގައިވެ އެވެ.
ރާޖަޕްކްސަ ވަނީ ދިވެހި ސަރުކާރާ އެކު މުހިންމު މަސައްކަތްތަކެއް ކުރައްވަން ބޭނުންފުޅު ކަމަށް ވިދާޅުވެ ރައީސް ވަހީދަށް ހެޔޮ އެދުންތައް ފޮނުއްވައިފަ އެވެ. މީގެ އިތުރުން އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ދާދި ފަހުން ލަންކާ ސަރުކާރަށް ތާއީދުކޮށް ރާއްޖެ އިން ވަކާލާތު ކޮށްދިން ކަމަށްޓަކައި ދިވެހި ސަރުކާރަށް ރާޖަޕަކްސަ ޝުކުރު އަދާކުރެއްވި ކަމަށް މައުމޫން އޮފީހުން ބުނެ އެވެ. އަދި ރާއްޖޭގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި ލަންކާ އަބަދުވެސް އޮންނާނީ އެހީތެރިކަމާއި މަދަދު ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މައުމޫން ލަންކާ އަށް ފެއްޓެވި ދަތުރުފުޅުގައި ރާޖަޕަކްސަގެ އިތުރުން އެ ގައުމުގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މައުމޫންގެ ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ޔޫތު މިނިސްޓަރު މުހަންމަދު ހުސެއިން ޝަރީފު (މުންދު) އާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި މައުމޫންގެ ދަރިކަލުން މުހަންމަދު ޣައްސާން މައުމޫން އާއި ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފް އަދި މައުމޫން އޮފީހުގެ އެސިސްޓެންޓް ޕްރިންސިޕަލް ސެކްރެޓަރީ އިސްމާއީލް ފާއިޒް ހިމެނެ އެވެ.
މައުމޫން ލަންކާގެ ރައީސްއާ ބައްދަލު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ