އަދުލުވެރި ވެރިކަމެއް ކުރުމަށް ގޮވާލައި ގއ ވިލިނގިލީގެ ރައްޔިތުން މުޒާހަރާކޮށްފި

ރާއްޖޭގައި އަދުލުވެރި ވެރިކަމެއް ކުރުމަށް ގޮވާލައި ގއ ވިލިނގިލީގެ ގިނަ އަދަދެއްގެ ރައްޔިތުން މުޒާހަރާކޮށްފިއެވެ.
މުޒާހަރާގެ ބައިވެރިން ބުނަމުން ގެންދަނީ ރާއްޖޭގައި މިހާރު ވެރިކަން ކުރަނީ އަދުލުވެރިކަމާއިއެކު ނޫން ކަމަށެވެ. އަދި އެއްވެސް ރައްޔިތަކަށް އަމާންކަމެއް އަދި މިނިވަންކަމެއް ވެސް ނެތް ކަމަށެވެ.
އެމީހުން ގޮވަމުން ގެންދަނީ ބަންދުކޮށްފައިވާ ސިޔާސީ ލީޑަރުން މިނިވަންކުރަންޖެހޭ ކަމަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްއަށް ކުރިމަތިކުރުވަމުން އަންނަ ފިއްތުންތަކުން އެމަނިކުފާނު ސަލާމަތްކުރަންޖެހޭ ކަމަށެވެ. ޤާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާތަކަކީ ހައްޤު ނޫން ދައުވާތަކެއް ކަމަށާއި އެ ދައުވާތައް އަނބުރާ ގެންދިއުމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލައިފައެވެ.
ބަންދުކޮށްފައިވާ އެރަށުގެ ރައްޔިތެއް ކަމަށްވާ އިބްރާހީމް ހަނީފް ދޫކޮށްލުމަށް ވެސް އެމީހުން ވަނީ ގޮވާލައިފައެވެ. މުޒާހަރާގެ ތެރެއިން ވާހަކަ ދެއްކި މީހުން ބުނީ އޭނާ އަކީ މީހުންނަށޗް އަނިޔާކުރުން ފަދަ ކަންކަން ކުރާނެ އަދި ކުރަން ރާވާނެ މީހެއް ނޫން ކަމަށާއި އޭނާގެ މައްޗަށް ކުރަނީ ސިޔާސީ ތުހުމަތުތަކެއް ކަމަށެވެ.
މުޒާހަރާގެ ބައިވެރިން ބުނީ އެރަށުގެ ރައްޔިތުންނަކީ މިހާރުގެ ސަރުކާރު ޤާއިމުކުރަން އެންމެ ވަރުގަދައަށް މަސައްކަތްކުރި ބައެއް ކަމަށާއި ނަމަވެސް ސަރުކާރަށް ކުރާ ތާއީދު އަނބުރާ ގެންގޮސް މުޒާހަރާކުރަން ނުކުންނަން ޖެހުނީ ސަރުކާރުގައި އެއްވެސް ވަރަކަށް އަދުލުވެރިކަމެއް ނެތުމުން ކަމަށެވެ.
ވިލިނިލީގައި ތިބި ރައީސް މައުމޫނަށް ތާއީދުކުރާ ގިނަ ޕީޕީއެމް މެންބަރުންވެސް މިއަދުގެ މުޒާހަރާގައި ބައިވެރިވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ