ޖީއެމްއާރުން އާ ހުށަހެޅުމެއް ހުށަހަޅާ ނަމަ ވާހަކަ ދައްކާނަން: މައުމޫން
ޕީޕީއެމްގެ ވެރިކަމެއްގައި ޖީއެމްއާރުން އާ ހުށަހެޅުމެއް ހުށަހަޅައިފި ނަމަ އެކަމާ މެދު ވާހަކަ ދައްކަން ތައްޔާރު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. އިންޑިއާގެ ބޮޑުވަޒީރުގެ ދައުވަތަކަށް އެ ގައުމަށް ދާދި ފަހުން ކުރެއްވި ދަތުރުފުޅުގައި ޕީޓީއައި ނިއުސް އެޖެންސީ އަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައި ވަނީ ޖީއެމްއާރުގެ މައްސަލައެއް ނެތް ކަމަށާއި މައްސަލަ އަކީ އެ އެއްބަސްވުން ހެދިފައި އޮތް ގޮތް ކަމަށެވެ. އަދި ޕީޕީއެމްގެ ވެރިކަމެއްގައި ޖީއެމްއާރުން އާ ހުށަހެޅުމަކާ އެކު އަތުވެއްޖެ ނަމަ އެކަމާ ވާހަކަ ދައްކާނަންތޯ ސުވާލުކުރުމުން މައުމޫން ވިދާޅުވީ "ކޮންމެ ކަމެއް ވެސް ވުމަކީ އެކަށީގެންވާ" ކަމެއް ކަމަށެވެ. އަދި ޕީޕީއެމްގެ ސަރުކާރެއްގައި ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުންވާ ކޮންމެ ފަރާތަކާ ވެސް ވާހަކަ ދައްކާނެ ކަމަށް މައުމޫން ވިދާޅުވި އެވެ. "[ވާހަކަ ދައްކާނެ ކަން] ހަމަ ޔަގީން. އިންވެސްޓަރުން ކަމަށްވާ، ޖީއެމްއާރު އަދި ޓާޓާ ކުންފުނި ނަމަވެސް ރާއްޖެ އަށް އިންވެސްޓްކުރަން ބޭނުންވާ ކޮންމެ ބަޔަކާ ވާހަކަ ދައްކާނަން،" މައުމޫން ވިދާޅުވި އެވެ. "ދެ ފަރާތަށް ގެއްލުން ނުވާނެ ގޮތަކަށް އޮތް ކޮންމެ އެގްރިމަންޓެއް ހިފައިގެން އަންނަ ބަޔަކަށް އަހަރުމެން މަރުހަބާ ކިޔާނަން." މައުމޫންގެ އިންޑިއާ ދަތުރުފުޅާ އެކު ޖީއެމްއާރުގެ މައްސަލައިގައި ފިނި ވިސްނުމެއް ގެންގުޅުއްވާ ކަން ހާމަކުރެއްވި ނަމަވެސް ޕީޕީއެމަކީ ޖީއެމްއާރުގެ އެއްބަސްވުން ބާތިލް ކުރަން ސަރުކާރަށް ބާރު އެޅި އެއް ޕާޓީ އެވެ. އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަކީ ޖީއެމްއާރުގެ އެއްބަސްވުން އުވާލަން އެންމެ ބޮޑަށް މަސައްކަތްކުރެއްވި އެއް ބޭފުޅެވެ.މައުމޫން ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއްގައި ފޮރިން އިންވެސްޓްމެންޓްތައް ހިމާޔަތްކުރާނެ ކަމަށެވެ. އަދި ސަރުކާރުން ހަދާފައިވާ ހުރިހާ އެގްރިމަންޓަކަށް ވެސް ޕީޕީއެމުން ފުރިހަމަ އަށް އިހުތިރާމް ކުރާނެ ކަމުގެ ޔަގީންކަން އިންޑިއާ އަށް ދެއްވި ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. "އަޅުގަނޑު ބައްދަލުކުރި އެންމެން ކައިރީ އެވާހަކަ ދެންނެވިން. އެބޭފުޅުން އަޅުގަނޑުގެ އެވާހަކަ ގަބޫލުކުރެއްވި،" މައުމޫން ވިދާޅުވި އެވެ. މައުމޫން ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ވެރިކަމެއްގައި އިންޑިޔާ އިން ރާއްޖެއާ އެކު ގުޅުން ރަނގަޅު ކުރާނެ އެވެ. އިންޑިއާގެ ފުރިހަމަ އެހީތެރިކަން ރާއްޖެ އަށް ލިބޭނެ ކަމުގެ ޔަގީންކަން މަންމޯހަން ސިންގަށް ދެއްވި ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. "އިންތިހާބަށް ފަހު އިންޑިޔާ އިން ރާއްޖެއާ ގުޅުންތައް ރަނގަޅުކުރާނެ،" މައުމޫން ވިދާޅުވި އެވެ. މި އަހަރުގެ ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވަނީ ކީއްވެތޯ ސުވާލު ދެންނެވުމުން މައުމޫން ވިދާޅުވީ ވެރިކަންކުރަން އެކަކަށް "30 އަހަރު ފުދޭ" ކަމަށެވެ. އަދި އެމަނިކުފާނަކީ މިހާރު ވެސް ޕާޓީއެއްގެ ލީޑަރަކަށް ވާއިރު ޕާޓީ ވެރިކަމަށް އަތުވެއްޖެ ނަމަ ސަރުކާރަށް އިރުޝާދު ދެއްވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ. "އަޅުގަނޑު އަދިވެސް މިހުރީ. އަޅުގަނޑަކީ ޕާޓީގެ ލީޑަރު. އަޅުގަނޑުގެ ޕާޓީ ވެރިކަމަށް އައިސް އިރުޝާދެއް އެއްޗެއް ބޭނުންވެއްޖެއްޔާ ދޭން އަޅުގަނޑު މިހިރީ ތައްޔާރަށް. އެކަމަކު އަޅުގަނޑު ވެރިކަމަށް އައިސް ގައުމު ހިންގަން ތައްޔާރެއް ނޫން،" މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ