ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ވަދެވަޑައިގަތުމަށް މެންބަރު އަލީ ހުސައިނަށް ފުރުސަތެއް ނުދިން

ސުޕްރީމް ކޯޓުގައި މިއަދު ފަށާ ދުސްތޫރީ މައްސަލައިގެ އަޑުއެހުމަށް ވަދެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ކޯޓަށް ހާޒިރުވުމުން އޭނާއަށް އެފުރުސަތު ނުދިނުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ޖޭޕީއަށް ނިސްބަތްވާ އަލީ ހުސައިން ވިދާޅުވީ ސުޕްރީމް ކޯޓުގައި މިއަދު ފަށާ ދުސްތޫރީ މައްސަލައިގެ އަޑުއެހުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ގުޅުންހުރި މައްސަލައެއް ކަމަށް ބުނެ ވާހަކަތައް ދެކެވޭތީ އޭނާ މިއަދުގެ އަޑުއެހުމަށް ވަދެވަޑައިގަތުމަށް މަސައްކަތް ކުރެއްވީ މަޖިލިސް މެންބަރަކަށް ވާތީއާއި ގާނޫނީ ވަކީލަކަށް ވާތީ ކަމަށެވެ.
އަލީ ހުސައިން ވިދާޅުވީ ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ވަދެވަޑައިގަތުމަށް ކޯޓަށް ހާޒިރުވުމުން މައުލޫމާތު ސާފުކުރުމަށްފަހު އެ ފުރުސަތު ނުދެއްވި ކަމަށެވެ. ފުރުސަތު ނުދެއްވި ވަކި ސަބަބެއް ބުނެފައި ނުވާ ކަމަށްވެސް އަލީ ހުސައިން ވަނީ ވިދާޅުވެފަ އެވެ.
ސުޕްރީމް ކޯޓުގެ މިއަދުގެ އަޑުއެހުމަށް ވަދެވަޑައިގަތުމަށް މެންބަރު އަލީ ހުސައިނަށް ފުރުސަތު ނުދިން މައްސަލާގައި ކޯޓުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ސުޕްރީމް ކޯޓުގައި މިވަގުތު ތިބި ބައެއް ނޫސްވެރިން ބުނީ މިއަދުގެ އަޑުއެހުމަށް ވަދެވަޑައިގަތުމަށް އަލީ ހުސައިނަށް ފުރުސަތު ނުދިން ނަމަވެސް ނޫސްވެރިންނަށާއި ބައެއް އާންމުންނަށް އެ ފުރުސަތު ދިން ކަމަށެވެ.
ސުޕްރީމް ކޯޓުގައި މިއަދު ފަށާ ދުސްތޫރީ މައްސަލައިގެ އަޑުއެހުމަކީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ވިޕް ލައިނާ ހިލާފުވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެޓާނީ ޖެނަރަލްގެ އޮފީހުން ހުށަހެޅި މައްސަލައަކާއި ގުޅިގެން ބާއްވާ އަޑުއެހުމެއް ކަމަށް މައުލޫމާތު ލިބެ އެެވެ.
މިއަދު ބާއްވާ ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗްގައި ތިއްބަވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާއި، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ އިތުރުން ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ