ގާސިމް އިބްރާހީމް ހިތްޕުޅުގެ އޮޕަރޭޝަނެއް ކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ކުރިމަތިވެވެޑައިގެންފައިވާ ހިތްޕުޅުގެ އާލާސްކަންފުޅަށް ފަރުވާ ދިނުމުގެ ގޮތުން މިއަދު ހިތްޕުޅުގެ އޮޕަރޭޝަން ކުރައްވައިފި އެވެ.
ގާސިމްގެ ހިތްޕުޅުގެ އޮޕަރޭޝަން ކުރައްވާފއިވަނީ މިއަދު ހެނދުނު ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ނޮވެނާ ހޮސްޕިޓަލްގަ އެވެ.
ދޮޅު ގަޑިއެއްހާ އިރަށް ދިގު ދެމިގެންދިޔަ މި އޮޕަރޭޝަން ﷲގެ އިރާދަފުޅުން ކާމިޔާބުކަމާއި އެކު ނިންމާލެވިފައިވާއިރު، ގާސިމްގެ ހާލުކޮޅު ރަނގަޅު ކަމަށް މައުލޫމާތު ލިބެ އެވެ.
މި އޮޕަރޭޝަނަކީ ގާސިމް އިބްރާހީމްގެ ހިތްޕުޅުގައި ހުރި ތިން ބްލޮކް ނައްތާލުމަށް ކުރެވުނު އޮޕަރޭޝަނެއް ކަމަށް އާއިލާ އިން ބުނެ އެވެ.
ގާސިމް އިބްރާހިމްގެ ހިތްޕުޅުގެ އޮޕަރޭޝަނާ ގުޅިގެން އެމަނިކުފާނަށް ހެޔޮއެދޭ ދިވެހި ރައްޔިތުން ގެންދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެމަނިކުފާނަށް ހެޔޮ ދުޢާ ފޮނުވަމުންނެވެ.
ޖުމުހޫރީ ޕާޓީން ބުނެފައިވަނީ ގާސިމަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކާއި ގުޅިގެން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގެންނެވުނީ ވެސް ދިވެހި ރައްޔިތުންގެ އިޚްލާސްތެރި ދުއާގެ ސަބަބުން ކަމަށެވެ.
ގާސިމް އިބްރާހިމާއި މެދު ދިވެހި ރައްޔިތުން ބަހައްޓަވާ ގާތްކަމާއި އޯގާތެރިކަން އެޕާޓީން އަބަދުވެސް ޝުކުރުވެރިކަމާއެކު ފާހަގަކުރާ ކަމަށާ، ގާސިމަށް އަވަސް ޝިފާއެއް ދެއްވުން އެދި ހެޔޮ ދުއާކުރުމަކީ އެޕާޓީގެ އެންމެ ބޮޑު އިލްތިމާސް ކަމަށްވެސް ޖުމްހޫރީ ޕާޓީން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ