ބީސީސީއައި އަށް ޖަމާކޮށްފައި ހުރި ފައިސާ ނަގަން ފަހު ފުރުސަތު ދީފި

ބަންދުކުރިތާ 27 އަހަރުވެފައިވާ، ބޭންކް އޮފް ކްރެޑިޓް އެންޑް ކޮމާސް އިންޓަނޭޝަނަލް (ބީސީސީއައި) އަށް ޖަމާކޮށްފައި ހުރި ފައިސާ ނެގުމުގެ އެންމެ ފަހު ފުރުސަތު އެމްއެމްއޭ އިން އެތަނުގެ ކަސްޓަމަރުންނަށް ދީފި އެވެ.
1991 ވަނަ އަހަރުން ފެށިގެން ބަންދުކޮށްފައިވާ ބީސީސީ އާއި ގުޅެގޮތުން އެމްއެމްއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ބީސީސީއައިގެ މާލޭ ގޮފީގެ ޑިޕޮސިޓަރުންގެ ތެރެއިން އާންމު ފަރާތްތަކަށް ލިބެންޖެހޭ ފައިސާ 5 އޮގަސްޓް 1998 އިން ފެށިގެން ދޫކުރަމުންދާ ކަމަށާއި، މިފަދަ ފަރާތްތަކުން ފައިސާ ނެގުމަށް ތަކުރާރުކޮށް އިއުލާންކުރުމުންވެސް ބައެއް ފަރާތްތަކުން އަދިވެސް ފައިސާ ނަގާފައިނުވާ ކަމަށެވެ.
އެހެންކަމުން ބީސީސީއައި މާލޭ ގޮފީގެ ޑިޕޮސިޓަރުންގެ ތެރެއިން މިހާތަނަށް ފައިސާ ނަގާފައި ނުވާ އާންމު ފަރާތްތަކުން، މިއަހަރުގެ މާޗް މަހުގެ 31 ގެ ކުރިން ފަައިސާ ނެގުމަށް އެމްއެމްއޭ އިން ވަނީ އެދިފަ އެވެ. އަދި މާޗު 31 ގެ ފަހުން، އެމްއެމްއޭ އިން އެ ބޭންކުގެ ޑިޕޮސިޓަރުންގެ ފައިސާ ދޫކުރުން ހުއްޓާލުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.
އެމްއެމްއޭ އިން ވަނީ ފައިސާ ނުނަގާ ތިބި 2،079 ފަރާތެއްގެ މައުލޫމާތު ވެސް އެ އިިއުލާނާ އެކު އާންމުކޮށްފަ އެވެ.
ބީސީސީއައިއިން މާލޭގައި ހިންގި ބްރާންޗް ބަނގުރޫޓްވެގެން ބަންދުކޮށްފައި ވަނީ 1991 ވަނަ އަހަރެވެ. އެހެން ނަމަވެސް އެ ބޭންކުގެ ބައެއް ބްރާންޗްތައް މިހާރުވެސް ދުނިޔޭގެ ބައެއް ގައުމުތަކުގައި ދަނީ ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ