ރައީސް ޔާމީން މީހަކަށް ހެއްދެވީ ރައީސް މައުމޫން: ނާދިރާ

ރައީސް ޔާމީން ވެރިކަމަށް އައިއިރު މިގައުމުގައި ރައީސް ޔާމީން ދަންނަ މީހަކު ނެތްކަމަށާ ޕީޕީއެމްގެ އަސްލު ރައީސް މައުމޫން އަބްދުލް ގައްޔޫމް އެހީތެރިވެ ނުދެއްވިނަމަ ރައީސް ޔާމީނަށް ވެރިކަމަށް ނާދެވުނީސް ކަމަށް އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން ހިންނަވަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނާދިރާ ވިދާޅުވީ ރައީސް ޔާމީން 2013 ވަނަ އަހަރުގެ އިންތިހާބަށް ކުރިމަތި ލެއްވިއިރު މިދިވެހި ގައުމުގައި ރައީސް ޔާމީން ދަންނަ މީހަކު ނެތްކަމަށާ ރާއްޖޭގެ ރައްޔިތުން އޭރު ދިން ވޯޓެއް ދިނީ ރައީސް މައުމޫނުގެ އެދުމުގެމަތިން އެމަނިކުފާނަށް ކަމަށެވެ. އެވޯޓަކީ ދިވެހި ރައްޔިތުން ޕީޕީއެމްގެ އަސްލު ރައީސް މައުމޫނަށް ދެއްވި ވޯޓެއް ކަމަށެވެ.
އެހެން ނަމަވެސް ވެރިކަމަށް އާދެވުމުން ޕާޓީގެ އަސާސީ ގަވާއިދު އެއްވެސް އެއްޗަކަށް ނުހެދި ކަމަށާ، ޕާޓީގެ ގޮފިތައް އެމީހުން ބޭނުންވާ ގޮތަކަށް ބަދަލުކޮށްލިކަމަށް ނާދިރާ ވިދާޅުވިއެވެ.
ޕާޓީ ރަނގަޅުކުރުމަށް ރައީސް މައުމޫން އެތައް މަސައްކަތެއް ކުރިކަމަށާ، މިގައުމު ދިވެހިންގެ އަތްމަތީ ތާއަބަދަށް ބޭއްވުމަށް އެމަނިކުފާނު ޕާޓީ ތެރޭންވެސް އެތައް މަސައްކަތެއް ކުރެއްވިކަމަށް ނާދިރާ ވިދާޅުވިއެވެ.
ދިވެހި ބިމަކީ ދިވެހީންގެ މިލްކެއް ކަމަށް ރައީސް މައުމޫނު އަބަދުވެސް ވިދާޅުވަމުން ގެންދެވި ކަމަށާ، މިފަސްގަނޑުގައި ދިވެހިންގެބާރު ނޫން އެހެންބާރެއް ހިނގައިގެން ނުވާނެ ކަމަށް އަބަދުވެސް ރައީސް މައުމޫން ވިދާޅުވަމުން ގެންދެވި ކަމަށް ނާދިރާ ވިދާޅުވިއެވެ.
އެހެން ނަމަވެސް ރައީސް ޔާމީނާ ބައްދަލުކުރަން އެދުމުން ދެއްވީ ބީރު ކަންފަތެއް ކަމަށް ނާދިރާ ވިދާޅުވިއެވެ.
ރައީސް މައުމޫން ގައުމު އިސްލާހުގެ މަސައްކަތަށް ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެމަނިކުފާނު މިއަދު އިންނަވަން ޖެހުނީ ހުރަގޭގައި ކަމަށް ނާދިރާ ވިދާޅުވިއެވެ.
ނާދިރާ ވިދާޅުވީ ރައީސް މައުމޫނާ އެހެންވެސް ސިޔާސީ ބޭފުޅުން މިނިވަންކުރުމަށް އިބްރާހީމް މުހައްމަދު ސޯލިހަށް ވޯޓު ދެއްވުމަށް އެދޭ ކަމަށެވެ.
ރާއްޖެ އަމާން އައްސޭރިއަކަށް ގެންދެވޭނީ އިބްރާހީމް މުހައްމަދު ސޯލިހަށް ކަމަށާ މިމަސައްކަތުގައި ރައްޔިތުން ވިސްނުންތެރި ކަމާއެކު ބަސްބުނުމަށް ނާދިރާވަނީ އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ