ކޯވިޑް-19: އެއް މަސް ނުވާ ތުއްތު ކުއްޖަކު ޕޮޒިޓިވްވެއްޖެ

ވިހޭތާ މަސް ދުވަސްވެސް ނުވާ ތުއްތު ކުއްޖަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މެޑިކަލް އޮފިސަރ ޑރ. ނަޒްލާ ރަފީގް މިރޭ ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ކޯވިޑްގެ އަލާމާތްތައް ފެނުމާއި ގުޅިގެން ޓެސްޓްކުރި ވިހޭތާ އެއް މަސް ނުވާ ކުއްޖަކު ކޯވިޑަށް ޕޮޒިޓިވް ވެފައި ވާކަމަށެވެ.
“އެކުއްޖާ އަޅުގަނޑުމެން ޓެސްޓުކުރީ އެއީ ޕޮޒިޓިވް މީހެއްގެ ކޮންޓެކްޓެއް، ފަހުން އޭނާ ޕޮޒިޓިވްވީ. އެމީހާ ހުރީ މިކުއްޖާއާ ކޮންޓެކްޓްވެފައި. ދެން އެކުއްޖާގެ ކޮންމެވެސް ވަރަކަށް އަލާމާތްތައް ފެނުމާ އެއްކޮށް، އަޅުގަނޑުމެން ޓެސްޓުކުރީ،” ޑރ. ނަޒްލާ ވިދާޅުވި އެވެ.
ނަޒްލާ ވިދާޅުވީ ކުއްޖާ ޕޮޒިޓިވްވުމާއި ގުޅިގެން އެ ކުއްޖާގެ މަންމަގެ ސާމްޕަލް ނެގުމަށްފަހު ޓެސްޓް ކުރަމުންދާ ކަމަށެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނާއި އެ މީސްމީހުން އުޅޭ ގޭގޭގައި އުޅޭ މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާ ކަމަށެވެ.
” އުމުރުން ދުވަސްވީ ބައެއް މީހުން އެބަ ބުނޭ ކީއްވެހޭ ތިމަންނަގެ ސާމްޕަލް ނަގަނީ ތިމަންނަ ހުންނަނީ ގޭގައޭ. އެކަމަކު އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، އެ އުމުރުން މަތީގެ ގިނަ ބޭފުޅުންގެ މި ބަލި ޖެހިއްޖިއްޔާ ނުރައްކާ ބޮޑު ފަރާތްތަކެއް މި އުމުރުގެ ބޭފުޅުންނަކީ. އެ ބޭފުޅާ ނުކުމެ ވަޑައިނުގަތަސް، ގެއިން އެހެން ބޭފުޅެއްގެ ފަރާތުން ވެސް ބަލި ޖެހުމުގެ ރިސްކް އެބައޮތް.” ޑރ. ވިދާޅުވިއެވެ.
ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނިކޮށް ސިޒޭރިއަން ހެދި މީހާގެ ދަރިފުޅު ވަނީ ވައިރަހަށް ނެގެޓިވް ވެފަ އެވެ. އަދި މީގެ ކުރިން ހަތް މަހުގެ ކުއްޖަކު ވެސް ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، އެކުއްޖާގެ އާއިލާ މެމްބަރުން ވެސް ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.
ރާއްޖޭގައި މިހާތަނަށް ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1078 އަށް އަރާފައިއެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ