ގަޑި ހެދި އަހުމަދަށް ސްކޫލް ކުއްޖަކަށް ނުލިބޭހާ ގިނަ ދައުވަތުތަކެއް

ވޮޝިންޓަން (ސެޕްޓެމްބަރު 19) - ގަޑިއެއް ހަދައިގެން ސްކޫލަށް ގެންގޮސް ޓީޗަރަށް ދެއްކުމުން އެއީ ބޮމެއް ކަމަށް ހީކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އަހުމަދު މުހައްމަދަށް ވަނީ ސްކޫލް ކުއްޖަކަށް އަދި މިހާތަނަށް ނުލިބޭ ފަދަ ދައުވަތުތައް ލިބެން ފަށައިފަ އެވެ. ރައީސް ބަރަކް އޮބާމާ ވަނީ ވައިޓް ހައުސް އަށް އަހުމަދަށް ދައުވަތު ދެއްވައިފަ އެވެ. ފޭސްބުކަށް ޒިޔާރަތް ކުރުމަށް މާކް ޒުކަބާގް ދައުވަތު ދެއްވާފައިވާއިރު ނާސާ އަށް ޒިޔާރަތް ކުރުމަށް އެސްޓްރޮނޮޓް ކްރިސް ހެޑްފީލް ވަނީ ދައުވަތު ދެއްވައިފަ އެވެ. އަހުމަދު ހެދި ގަޑި: އޭނާ އަކީ އާދަޔާޚިލާފަށް ތޫނުފިލި ކުއްޖެއް. އުމުރުން 14 އަހަރުގެ ޓެކްސަސްގެ ތޫނުފިލި ދަރިވަރު ހެދި ގަޑިއާ ގުޅިގެން އޭނާ ހައްޔަރުކުރި ނަމަވެސް އަހުމަދަށް އޮހޭ ތައުރީފް ދަނީ އިތުރުވަމުންނެވެ. ފޭސްބުކުގެ ބާނީ ޒުކަބާގު ވިދާޅުވީ އަހުމަދު ކަހަލަ ހުނަވެރި ކުއްޖަކު ގަޑިއެއް ހެދުމުން ޖެހޭނީ އޭނާ ހައްޔަރު ކުރަން ނޫން ކަމަށާއި އޭނާ އަށް ތައުރީފް ކުރަން ކަމަށެވެ. އަދި ކުރިމަގު ވަނީ އަހުމަދު ކަހަލަ ކުދިންނާ އެކު ކަމަށް ވިދާޅުވެ ޒުކަބާގު ވަނީ އަހުމަދު ފޭސްބުކުގެ ހެޑްކުއާޓަރަށް ޒިޔާރަތް ކުރުމަށް ދައުވަތު ދެއްވައިފަ އެވެ. ޓްވިޓާ އާއި ގޫގްލް އަށް ޒިޔާރަތް ކުރުމަށް ވެސް އަހުމަދަށް މިހާރު ވަނީ ދައުވަތު ލިބިފަ އެވެ. ބޮކްސްގެ ސީއީއޯ އާރޮން ލެވީ ވެސް ގަބޫލް ކުރައްވާ ގޮތުގައި އަހުމަދަކީ ސޮފްޓްވެއާ އިންޖިނޭރެއް ކަހަލަ ކުއްޖެއް ކަމަށެވެ. މީގެ އިތުރުން އަހުމަދަށް ވަނީ ވަރަށް ޚާއްސަ އެހެން ދައުވަތެއް ވެސް ލިބިފަ އެވެ. އޭނާ އެންމެ ކިޔަވަން ބޭނުންވާ ޔުނިވާސިޓީ މެސަޗޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އިން ވެސް އަހުމަދަށް ވަނީ ދައުވަތު ލިބިފަ އެެވެ. އަހުމަދު ހައްޔަރުކުރި އިރު ވެސް އޭނާ ލައިގެން ހުރީ ނާސާ ޖަހާފައި ހުރި ޓީޝާޓެކެވެ. ސޫދާނުން އެމެރިކާ އަށް ހިޖުރަކޮށްފައިވާ އަހުމަދުގެ ބައްޕަ ބުނީ އެއީ ވަރަށް ތޫނުފިލި ކުއްޖެއް ކަމަށެވެ. ކާރާއި ފޯނާއި ޓީވީ އަދި ކޮމްޕިއުޓަރަށް ދިމާވާ މައްސަލަ ވެސް ރަނގަޅުކޮށް ދެނީ އަހުމަދު ކަމަށް ބުންޏެވެ. އަހުމަދު ބުނީ އޭނާ ކިޔަަވަމުން އަންނަ ޓެކްސަސްގެ މެކްއާތާ ހައި ސްކޫލް ބަދަލު ކުރަން ވިސްނާ ކަމަށެވެ. އެ ފުރުސަތު ވެސް އަހުމަދަށް މިހާރު ވަނީ ލިބިފަ އެވެ. އޭނާ ކިޔަވަން ބޭނުން ސްކޫލަކުން ކިޔެވުމުގެ ޚަރަދު ދޭ ގޮތަށް ވިޔަފާރިވެރިން ދަނީ ހުށަހަޅަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ