އަބްދުﷲ ގާޒީ ހައްޔަރެއް ނުކުރަން، އޭނާ ބަލަހައްޓަމުން ދަނީ ގައުމީ ސަލާމަތަށްޓަކައި: ޑިފެންސް މިނިސްޓަރު

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުނުކުރާ ކަމަށާއި ސިފައިން އޭނާ "ބަލަހައްޓަމުން ދަނީ" ގައުމީ ސަލާމަތަށްޓަކައި ކަމަށް ޑިފެންސް މިނިސްޓަރު ތަލްހަތު އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ. މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ރޭ ސިފައިން އަބްދުﷲ ގާޒީ ހައްޔަރުކުރި ފަހުން، މާލޭގައި ހިންގަމުންދާ ހަމަނުޖުންތަކާ ގުޅޭ ގޮތުން، މައުލޫމާތު ސާފުކުރުމަށްޓަކައި ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި، އަބްދުﷲ ގާޒީ ކޯޓަށް ހާޒިރުނުކުރަނީ ކީއްވެތޯ ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ސުވާލުކުރެއްވުމުން ތަލްހަތު ވިދާޅުވީ އަބްދުﷲ ގާޒީ ބަލަހައްޓަމުންދަނީ ގައުމީ ސަލާމަތަށްޓަކައި ކަމަށާއި "އެކަން ޔަގީންވާއިރަށް އޭނާ އަށް އައިސް އެކަން ކުރިއަށް ގެންދެވޭނެ" ކަމަށެވެ. އަބްދުﷲ ގާޒީ ބަލަހައްޓަމުންދަނީ ގައުމީ ސަލާމަތަށްޓަކައި ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވުމުން، އިދިކޮޅު މެމްބަރުން އެކަމުގެ ސަބަބު ސާފުކޮށް ދެއްވުމަށް ތަކުރާރުކޮށް އެދިވަޑައިގެންނެވި އެވެ. ނަމަވެސް އެކަމަށް ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި ތަލްހަތު ވިދާޅުވީ އެމަނިކުފާނު މީގެ ކުރިން ދެއްވާފައިވާ ބަޔާނެއްގައި އެކަންކަން ވަރަށް ސާފުކޮށް ވިދާޅުވެފައި ވާނެ ކަމަށެވެ. އިދިކޮޅު މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ނުދެއްވާ ކަމަށް ވިދާޅުވެ، ރޮޒައިނާ އާއި އޭނާގެ ފިރިކަލުން، އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ކޮމިޓީ ދޫކުރައްވައި ނުކުމެވަޑައިގެންނެވި އެވެ. ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ ކޮންމެ ސުވާލަކަށް ވެސް ތަފުސީލުކޮށް ޖަވާބު ދެއްވާ އިރު އެއީ ރޭވިގެން ކުރައްވަމުން ގެންދަވާ ކަމެއްތޯ ދެ މިނިސްޓަރުންގެ އަރިހުން ނާޝިޒު އެއްސެވި އެވެ. އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން 2010 ގައި ސިފައިން ހައްޔަރުކުރި މައްސަލާގައި މަދަނީ ކޯޓުން ކުރި ހުކުމެއްގައި ބުނެފައި ވަނީ މީހެއްގެ ހައްގުތައް ގެއްލޭ ގޮތަށް ތަނެއްގައި އެކަހެރިކޮށް ގެންގުޅުމަކީ ހައްޔަރުކުރުން ކަމަށެވެ. ކޮމިޓީގައި ތަހްލަތު ވިދާޅުވީ މާލޭގެ އަމާންކަން މުޅިން ގެއްލޭ ހިސާބަށް ބައެއް ރޭރޭ ކަންތައް ހިންގަމުންދާ ކަމަށާއި އަމާންކަން ގާއިމްކުރުމަށް ކުރަން ޖެހުނު ހުރިހާ ކަމެއް ވެސް ސިފައިން ކުރާނެ ކަމަށެވެ. އަދި ޑިމޮކްރެޓިކް ނިޒާމު ހަލާކުވާ ގޮތަށް ސިފައިން މަސައްކަތް ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިދިކޮޅު ފަރާތްތަކުން މުޒާހަރާކުރުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް މުޒާހަރާކުރަންވާނީ ޑިމޮކްރެޓިކް އުސޫލާ އެއްގޮތަށް ކަމަށް ވިދާޅުވެ ބާގާވާތް ހިންގުމަށް ހިތްވަރު ދޭ ގޮތަށް އިދިކޮޅު ފަރާތްތަކުން ވާހަކަ ނުދެއްކުމަށް ތަހްލަތު އެދިވަޑައިގެންނެވި އެވެ. ކޮމިޓީގައި ހޯމް މިނިސްޓަރު ހަސަން އަފީފު ވިދާޅުވީ "އާންމު މަސްލަހަތު ގެއްލިގެންދާ އެންމެ ބޮޑު ސަބަބަކީ ފަނޑިޔާރުން އަމަލުކުރައްވާ ގޮތް" ކަމަށާއި މީހުންނަށާއި މުދަލަށް ގެއްލުންދޭ މީހުން ކޯޓުތަކުން ދޫކޮށްލަމުންދާ ކަމަށެވެ. "މުޒާހަރާއިން ނަގާ މީހުން، މީހުންނަށް އަނިޔާ ދޭ މީހުން، މީހުންގެ މުދާ ހަލާކުކުރާ މީހުން ދޫކޮށްލީމާ އެ މީހުންނަށް ލިބެނީ މާ ބޮޑު ހިތްވަރެއް. އަޅުގަނޑުމެންނަށް މިކަންތައްވާ ގޮތް އެނގޭ،" އަފީފު ވިދާޅުވި އެވެ. މުޒާހަރާގައި އެމްއެންބީސީ ވަންގެ ނޫސްވެރިޔަކަށް ހަމަލާ ދިން ކަމަށް ތުހުމަތުކުރެވޭ މީހާ ވެސް ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ ކަމަށް އަފީފު ވިދާޅުވި އެވެ. ހަމަނުޖެހުން ހިންގާ މީހުން ކޯޓުން ދޫކޮށްލާތީ ހަމަނުޖެހުންތައް އެކަށީގެންވާ ގޮތުގައި ހައްލުކުރުމަށް ދަތިވާ ކަމަށާއި އެކަންކަން ހައްލުކޮށްދެވޭނީ ރައްޔިތުންގެ މަޖިލިހުން ކަމަށް ވެސް އަފީފު ވިދާޅުވި އެވެ. ވަޒީފާ ދޫކޮށްލާފައި ސިފައިންނާއި ފުލުހުން މުޒާހަރާގައި ބައިވެރިވާން ގޮވާލި ނަމަވެސް އެއްވެސް ފުލުހަކު އަދި ސިފައިންގެ މީހަކު ވެސް ވަޒީފާ ދޫކޮށްފައި ނުދާ ކަމަށް ދެ ވަޒީރުން ވެސް ވިދާޅުވި އެވެ. ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ ރޭ ނިންމާލީ، ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދާއި އެ ކޮމިޝަންގެ ކުރީގެ މެމްބަރު އައިޝަތު ވެލެޒިނީ ހާޒިރުކޮށް ސުވާލުކުރަމުން ދަނިކޮށް ޕީޕީއެމްގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ނެންގެވި ނިޒާމީ މައްސަލައިގައި ކޮމިޓީ ހޫނުވެ، މެމްބަރުން ޒުވާބުކުރައްވަން ފެއްޓެވުމުންނެވެ. އަބްދުއްރަހީމް ވިދާޅުވީ ޖޭއެސްސީގެ ރައީސް ގައުމީ ސަލަމަތާ ބެހޭ ކޮމިޓީ އަށް ހާޒިރުނުކުރެވޭނެ ކަމަށާއި އޭނާ ހާޒިރުކުރެވޭނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ކަމަށެވެ. އަދި ބައްދަލުވުން ކުރިއަށް ގެންދެވޭނީ އެކަމަށް ކައުންސެލް ޖެނެރަލްގެ ލަފާ ދެއްވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކޮމިޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ ކޮމިޓީތަކަށް ވެސް ކޮންމެ މީހަކު ވެސް ހާޒިރުކުރެވޭނެ ކަމަށެވެ. އަދި ރޭ ކޮމިޓީގެ ބައްދަލުވުމުގައި ޖޭއެސްސީގެ މަސައްކަތާ ބެހޭ ވާހަކަ ދެއްކޭނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ކައުންސެލް ޖެނެރަލްގެ ލަފާ ހޯއްދެވުމަށް އަލީ ވަހީދުގެ ކިބައިން އަބްދުއްރަހީމް އެދިވަޑައިގަތެވެ. ނަމަވެސް އެގޮތަށް ކަންތައް ނުކުރައްވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ