ކުނިން ކަރަންޓް އުފައްދަން އަބޫ ދާބީ ފަންްޑުން ހަ މިލިއަން ޑޮލަރުގެ ލޯނެއް ދީފި
ތިމާވެއްޓާ ރަށްޓެހި ގޮތަކަށް ކުނި އަންދައިގެން ކަރަންޓް އުފެއްދުމަށް ހިންގާ މަޝްރޫއަކަށް ގާތްގަނޑަކަށް ހަ މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް އަބޫ ދާބީ ފަންްޑް ފޯ ޑިވެލޮޕްމަންޓް އިން ނިންމައިފި އެވެ. ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ހދ. އަތޮޅުގެ ރަށްތަކާއި ރ. ވަންދޫގެ އިތުރުން އައްޑޫގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއަށް ލޯން ދިނުމާ ގުޅޭ އެއްބަސްވުމުގައި ސަރުކާރާއި އަބޫ ދާބީ ފަންޑާ އެކު އިއްޔެ ވަނީ ސޮއިކޮށްފަ އެވެ. ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ސޮއިކުރެއްވިއިރު، އަބޫ ދާބީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ ޑިރެކްޓަރު ޖެެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. މަޝްރޫއު ފަަށާތާ ފަސް އަހަރު ދުވަސް ފަހުން ދައްކަން ފަށަންޖެހޭ، ދެ ޕަސެންޓްގެ އިންޓަރެސްޓް ރޭޓެއް ހިމެނޭ މި ލޯން ދައްކާ ހަލާސްކުރަންޖެހެނީ، ފިނޭންސުން ބުނި ގޮތުގައި، 20 އަހަރުދުވުހުގެ ތެރޭގަ އެވެ. އަދި ބުނީ އިންޓަރެސްޓުގެ އިތުރަށް ލޯނުގެ 0.5 ޕަސެންޓް އިދާރީ ފީގެ ގޮތުގައި ދައްކަންޖެހޭ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ހދ. އަތޮޅުގެ ރަށްތަކާއި ރ. ވަންދޫ އަދި އައްޑޫގައި ގާއިމްކުރުމަށް ހަމަޖެހިފައި ވަނީ ތިމާވެއްޓާ ރަށްޓެހި ގޮތަކަށް ކަރަންޓް އުފައްދާ ޕްލާންޓެކެވެ. އެ ޕްލާންޓުން ކަރަންޓް އުފައްދަން ބޭނުންކުރަނީ ކުނީގެ ގޮތުގައި އުކާލެވޭ ބާވަތްތައް އެންދުމުން އުފެދޭ ހޫނެވެ. އެހެން ނަމަވެސް، މި މަޝްރޫއު ފަށާނެ ވަކި ދުވަހެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ