ރިޔާސީ އިންތިހާބަށް އެއް ކެންޑިޑޭޓަކު ނެރުމަށް އިއްތިހާދުން ޕާޓީތަކާއެކު މަޝްވަރާތައް ފަށައިފި

ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ސަރުކާރަށް ތާއިދު ކުރާ ޕާޓީތަކުން އެއް ކެންޑިޑޭތަކު ނެރުމަށް މަދަނީ އިއްތިހާދުން އިސްނަގައިގެން ޕާޓީތަކުގެ މެދުގައި މިދިޔަ ހަފްތާގެ ތެރޭގައި މަޝްވަރާތައް ފަށައިފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން މަދަނީ އިއްތިހާދުގެ ނައިބް ރައީސް އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބުދުﷲ މުހައްމަދު މިއަދު ވިދާޅުވީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން ޕާޓީތަކާއި އެކު ވަކިވަކިން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާތަނަށް ޑރ.މުނައްވަރުގެ އެމްއާރއެމްއާ އެކު ބައްދަލުކޮށްފައިވާ ކަމަށާއި، އެއް ކެންޑިޑޭޓަކު ނެރުމަށް އިއްތިހާދުން ގެންގޫޅެ ސިޔާސަތަށް އެޕާޓީން ވަރަށް ބޮޑަށް ތާއިދު ކުރާ ކަމަށް ވެސް އަބުދުﷲ މުހައްމަދު ވިދާޅުވިއެވެ.
އަދި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ސަރުކާރު އިއްތިހާދުގައި ހިމެނޭ އެންމެ ބޮޑު ދެޕާޓީ ޑީއާރޕީއާއި ޕީޕީއެމާއެކު މަޝްވަރާ ކުރާނެ ކަމަށް އަބުދުﷲ މުހައްމަދު ވިދާޅުވިއެވެ.
މީގެ އިތުރުން ޕާޓީތަކާއެކު ނުރަސްމީ ބައްދަލުވުންތަކެއް ވެސް ކުރިއަށްދާ ކަމަށް އަބުދުﷲ މުހައްމަދު ވިދާޅުވިއެވެ.
ޕާޓީތަކާއެކު މަޝްވަރާ ކުރުމަށް މިދިޔަ މަހުގެ ތެރޭގައި މަދަނީ އިއްތިހާދުންވަނީ އެދިފައެވެ. ނަމަވެސް މަދަނީ އިއްްތިހާދުގެ މިއެދުމަށް ލިބިފައިވަނީ ވަރަށް ފިނި މަރުހަބާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ