އީސީގެ މެމްބަރުންގެ މައްސަލަ ސުޕްރީމް ކޯޓުން ބެލުމަކީ ގާނޫނު އަސާސީގެ ރޫހާ ހިލާފު ކަމެއް: ފުއާދު
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މައްޗަށް ސުޕްރީމް ކޯޓުން އަމިއްލައަށް ދައުވާކޮށް، މައްސަލަ އަމިއްލައަށް ބެލުމަކީ ގާނޫނު އަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށް ވިދާޅުވެ އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ސުޕްރީމް ކޯޓަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ. "އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މައްޗަށް ދައުވާކުރާ ސުމޯޓޯ ނިޒާމަކީ ވެސް އަޅުގަނޑުގަނޑަށް އެނގިފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފު ނިޒާމެއް،" ރައްޔިތުން މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީގެ ބައްދަލުވުމުގައި ފުއާދު ވިދާޅުވި އެވެ. ކޮމިޓީގެ ބައްދަލުވުން ނިންމާލުމަށް ފަހު ފުއާދު "ހަވީރަ"ށް ވިދާޅުވީ އަމިއްލަ އަށް މައްސަލަ ހުށަހަޅައިގެން ބެލުމަކީ ގާނޫނު އަސާސީގެ އިތުރުން އިސްލާމީ ޝަރީއަތުގެ އުސޫލެއް ވެސް ނޫން ކަމަށެވެ. "ގާނޫނު އަސާސީގެ ރޫހެއް ނޫން، އަމިއްލަ އަށް ދައުވާކޮށް، އަމިއްލައަށް ހުކުމް ކުރުމަކީ. އަދި އިސްލާމީ ޝަރީއަތުގައި ވެސް ދައުވާއެއް ކުރެވެންޏާ ހާކިމަކީ ތަފާތު މީހަކަށް [ދައުވާކުރާ މީހާ ނޫން އެހެން މީހަކަށް] ވާން ޖެހޭ،" އޭނާ ވިދާޅުވި އެވެ. ފުއާދު ވިދާޅުވީ އިންޑިއާ އާއި ޕާކިސްތާނު ފަދަ ގައުމުތަކުގައި ސުޕްރީމް ކޯޓުން ސުމޯޓޯ ގަވާއިދު ހަދައި މައްސަލަތައް ބަލަނީ އެ ގައުމުތަކުގެ ގާނޫނު އަސާސީން އެ ބާރު ކޯޓަށް ދީފައިވާތީ ކަމަށާއި ނަމަވެސް ރާއްޖޭގެ ގާނޫނު އަސާސީން އެ ބާރު ދީފައި ނެތް ކަމަށެވެ. "ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ހެދިފައި މިއޮތީ ސުމޯޓޯ ފަދަ ގަވާއިދުތަކަށް ޖާގަ ނުލިބޭ ގޮތަށް. ގާނޫނީ ވަކީލަކަށް ނުވިޔަސް އަޅުގަނޑަށް ވެސް އެކަން އެނގޭ،" ފުއާދު "ހަވީރަ"ށް ވިދާޅުވި އެވެ. ސުޕްރީމް ކޯޓުގެ ހުރުމަތް ނަގާލި ކަމަށާއި ކޯޓުގެ އަމުރުތަކަށް ނުކިޔަމަންތެރި ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މައްސަލަ ބަލަމުން ދާއިރު، ފުއާދު ވިދާޅުވީ ޖިނާއީ މައްސަލައެއްގައި ދައުވާ ކުރެވޭނީ ޕްރޮސެކިއުޓަ ޖެނެރަލަށް ކަމަށެވެ. ނަމަވެސް މި މައްސަލާގައި ޕީޖީގެ ޝާމިލްވުމެއް ނެތް ކަން އޭނާ ފާހަގަކުރެއްވި އެވެ. ރިޔާސީ އިންތިހާބު ބާތިލުކުރުމަށް ފަހު، އިންތިހާބުތައް ބޭއްވުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން އެކުލަވާލި ގައިޑްލައިންގެ ސަބަބުން އިލެކްޝަންސް ކޮމިޝަންގެ މިނިވަންކަން ގެއްލިފައިވާ ކަމަށް އިޝާރާތް ކުރައްވަމުން ފުއާދު ކޮމިޓީގައި ވިދާޅުވީ މަޖިލީހުން ގާނޫނުތައް ހަދާއިރު އެ ގާނޫނުތަކާ ހިލާފަށް އަމަލުކުރުމަށް ސުޕްރީމް ކޯޓުން އަންގާ ކަމަށެވެ. "އެހެންވީމާ މައިސޯބު އެނބުރޭ ގޮތަކަށް ދެން ހުންނަ ސޯބުތައް ނޭނބުރޭނެއެކޭ ވެސް ނުދެންނެވޭނެ،" މަޖިލީހުގެ އިންތިހާބު ބަޖެޓްގެ ދަތިކަން ކުރިމަތިވެފައިވާތީ މާލިއްޔަތު ގާނޫނާ ހިލާފަށް ވެސް ހަރަދުކުރަން ޖެހިދާނެ ކަމަށް އިޝާރާތް ކުރައްވަމުން ފުއާދު ވިދާޅުވި އެވެ. ގާނޫނާ ހިލާފުވެއޭ ކިޔާފައި އިންތިހާބު ބޭއްވުމަށް ހަރަދުކުރުން ހުއްޓާލައިފި ނަމަ އެކަމުގެ ގެއްލުން ލިބޭނީ ރައްޔިތުންނަށް ކަމަށާއި މަޖިލީހުގެ އިންތިހާބު ވެސް ނުބޭއްވިދާނެ ކަމަށް ފުއާދު ވިދާޅުވި އެވެ. "އެހެންވެ އަޅުގަނޑުމެން މިދަނީ އެކަމެއް އެ ވަގުތެއްގައި ކުރެވެން އޮތް ގޮތަކަށް ކުރަމުން،" އޭނާ ވިދާޅުވި އެވެ. ސުޕްރީމް ކޯޓުގެ ގައިޑްލައިނަށް އަމަލުކުރަން ފެށި ހިސާބުން އިލެކްޝަންސް ކޮމިޝަނަކީ މިނިވަން ކޮމިޝަނެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ފުއާދު ވިދާޅުވި އެވެ. އެއީ އެ ކޮމިޝަންގެ ބައެއް ބާރުތައް އެހެން ފަރާތްތަކަށް ދީފައިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ވޯޓާސް ލިސްޓް ތައްޔާރުކުރުމުގައި ޑީއެންއާރުގެ ޑޭޓާބޭސް އަސްލަކަށް ބެލުމާއި ވޯޓް ފޮށިތަކާއި ވޯޓް ކަރުދާސް ފުލުހުންގެ ބެލުމުގެ ދަށުން އުފުލުމާއި ވޯޓާސް ލިސްޓްތަކުގައި ހުރިހާ ކެންޑިޑޭޓުން ސޮއިކުރަން ޖެހުމަކީ ނުފޫޒެއް ކަން ފުއާދު ފާހަގަ ކުރެއްވި އެވެ. ގައިޑްލައިނާއެކު މަސައްކަތް ކުރަމުން ދާއިރު، ފައިސާގެ ދަތިކަން ފޯރުމަކީ އަނެއް މައްސަލަ ކަމަށާއި އެކަމުގެ ސަބަބުން ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ. ސުޕްރީމް ކޯޓުން ބަލަމުންދާ އިލެކްޝަން ކޮމިޝަންގެ މައްސަލައަށް ފުއާދު ފާޑުވިދާޅުވިއިރު، އެ މައްސަލާގައި އެ ބޭފުޅުންނަށް އަދަބެއް ދޭނެ ގާނޫނެއް ނެތް ކަމަށް ގާނޫނީ ވަކީލުން ވިދާޅުވާ ކަމަށް އެ ކޮމިޝަންގެ މެމްބަރު އަލީ މުހައްމަދު މަނިކު ކޮމިޓީގައި ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ