ޓީޗަރުންގެ ދުވަހުގެ ހަދިޔާ އަކަށް ހިތަދޫ ސްކޫލް ޓީޗަރުންނަށް ލެޕްޓޮޕް ދީފި
މިއަދު ފާހަގަ ކުރަމުން އަންނަ ޓީޗަރުންގެ ދުވަހުގެ ހަދިޔާގެ ގޮތުގައި ސ. ހިތަދޫ ސްކޫލުގެ ޓީޗަރުންނަށް ލެޕްޓޮޕްތަކެއް ދީފި އެވެ. އެ ސްކޫލްގެ ޕީޓީއޭ އާއި ޑިވެލޮޕް އައްޑޫ އަދި ވެށި ޖަމިއްޔާ ގުޅިގެން އެ ސްކޫލުގެ ޓީޗަރުންނަށް ހަދިޔާކޮށްފައި ވަނީ ޖުމްލަ 20 ލެޕްޓޮޕް ކަމަށް ޕީޓީއޭގެ ނައިބް ރައީސާ ޝިއާރާ މުހައްމަދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިއީ "ސަޕްރައިޒެއް" ކަމަށެވެ. "ޓީޗަރުންގެ ދުވަހާ ދިމާކޮށް ޓީޗަރުންނަށް ވެސް ސަޕްރައިޒެއްގެ ގޮތަށް އަޅުގަނޑުމެން 20 ލެޕްޓޮޕް މި ހަދިޔާ ކުރީ. ސްކޫލުގެ އެއްވެސް ޓީޗަރަކަށް ކުރިއަކުން ނޭނގޭ މިކަހަލަ ކަމެއް ރޭވިފައި އޮތް ކަމެއް. އެ މީހުންނަށް ވަރަށް ބޮޑު ސަޕްރައިޒަކަށް މިކަންވެގެން ދިޔައީ،" ޝިއާރާ ވިދާޅުވި އެވެ. "ވިހި ލެޕްޓޮޕް ހަދިޔާ މި ކުރީ ހަމަ ސްކޫލުގެ ހުރިހާ ޓީޗަރުންނަށް އަމާޒުކޮށް." ޕީޓީއޭ އިން ބުނީ ޓީޗަރުންނަށް ލެޕްޓޮޕްތަކެއް ހަދިޔާކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ކިޔަވައި ދިނުމުގައި ޒަމާނީ ވަސީލަތަތައް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލަ ދީ، ވީހާ ވެސް ފަސޭކަމާ އެކު ޓީޗަރުންނަށް މައުލޫމާތުތައް ހޯދުމުގެ ފުރުސަތު ތަނަވަސްކޮށްދިނުން ކަމަށެވެ. ހިތަދޫ ސްކޫލުގެ ޕްރިންސިޕަލް އަލީ ހާލިދް މިއަދު ވިދާޅުވީ ޕީޓީއޭ އިން އިސްނައިގެން ޓީޗަރުންނަށްޓަކައި މިއަދު ކޮށްދިން އަގުހުރި މަސައްކަތުގެ އަގު ސްކޫލުގެ ހުރިހާ ޓީޗަރުންނާއި މެނޭޖްމަންޓުން ވެސް ވަޒަންކުރައްވާ ކަމަށެވެ. "މިކަމާ ގުޅިގެން ޓީޗަރުންނަށް ވަރަށް ބޮޑު އުފާވެރިކަމެއް ލިބިފައި ވަނީ. މިއީ ޓީޗަރުންނަށް ކިޔަވައި ދިނުމުގައި ވެސް ބޮޑެތި ފަސޭހަތަކެއް ވެގެން ދާނެ ކަމެއް. މިހާރު ކިޔަވައި ދިނުމުގެ ވައްޓަފާޅި މި އަންނަނީ އިލެކްޓްރޯނިކް ސިސްޓަމަކަށް ބަދަލުވެގެން. އެހެންވެ މިކަމުގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް ސްކޫލަށް ލިބިގެން ދާނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ،" ގްރޭޑް 1-8 އަށް ކިޔަވައި ދޭ ސްކޫލާ ބެހޭ ގޮތުން އަލީ ހާލިދު ވިދާޅުވި އެވެ. "ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ވަސީލަތްތަކަކީ ސްކޫލަށް މުހިއްމުވެގެން ދާނެ ތަކެތި. އަދި އަންނަ އަހަރުން ފެށިގެން މި ސްކޫލް އެއް ދަންފަޅި އަށް ބަދަލުވާ އިރު އެފަދަ ވަސީލަތްތަކުގެ މުހިއްމުކަން ބޮޑުވެގެން ދާނީ." އަލީ ހާލިދު ވިދާޅުވީ 786 ދަރިވަރުން މިހާރު ކިޔަވަމުން އަންނަ ހިތަދޫ ސްކޫލުގެ ޕީޓީއޭ އިން މި ކުރި މަސައްކަތަކީ މިހާތަނަށް އެ ސްކޫލުގެ ޕީޓީއޭ އިން ކުރި އެންމެ ބޮޑު އެއް މަސައްކަތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ