ބިލަބޮންގު ސްކޫލްގައި އަވިން ކަރަންޓް ދޭން ފަށައިފި
ފުރާޅުގައި ސޯލާ ޕެނަލް ބަހައްޓައިގެން އިރުގެ އަވިން ހަކަތަ އުފެއްދުމަށް، ރިނިއުބަލް އެނާޖީ މޯލްޑިވްސްގެ ހުށަހެޅުމަށް އެންމެ އަވަހަށް އިޖާބަދިން އެއް ބަޔަކީ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް އެވެ. އެއީ އެ ސްކޫލުގެ މެނޭޖްމަންޓާއި ޓީޗަރުން އަދި ދަރިވަރުން ވެސް އިއާދަކުރަނިވި ހަކަތަ އިން ކަރަންޓް އުފެއްދުމަށް ހުރި ޝައުގުވެރިކަމެއްގެ ބޮޑުކަމުންނެވެ. އިއާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓް ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސް، އެ ސްކޫލުގައި މިހާރު ވަނީ އަވިން ކަރަންޓް އުފައްދަން ފަށައިފަ އެވެ. ބިލަބޮންގް ސްކޫލުގައި އަވިން ކަރަންޓް ދޭން ފެށުން ފާހަގަކުރުމަށް އެ ސްކޫލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ބައިވެރިވެވަޑައިގެންނެވި އެވެ. ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަރަންޓް އުފެއްދުމަށް ބިލަބޮންގުން އެހެން ސްކޫލްތަކަށް ނަމޫނާ ދައްކާފައިވާތީ މިނިސްޓަރު ވަނީ ދަރިވަރުންނާއި މެނޭޖްމަންޓަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ވިދާޅުވީ އެންވަޔަރަމަންޓް މިނިސްޓްރީން އެކަން ބަލައިގަންނަ ކަމަށެވެ. ބިލަބޮންގް ސްކޫލުގައި އެ ޕްރޮޖެކްޓް ކުރިއަށް ގެންދިޔަ ރިނިއުބަލް އެނާޖީ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ޑރ. އިބްރާހިމް ނާޝިދު ވިދާޅުވީ ބިލަބޮންގް ސްކޫލާ އެކު އެއްބަސްވެފައި ވަނީ 100 ކިލޯވޮޓުގެ ކަރަންޓް އުފެއްދުމަށް ކަމަށެވެ. އެހެން ނަމަވެސް ފުރާޅުގެ ޖާގަ ހުރިގޮތުން މިހާރު ބަހައްޓާފައި ވަނީ 70 މެގަވޮޓު ކަރަންޓް އުފެއްދޭގޮތަށެވެ. "މިއިން ކޮންމެ ދުވާލަކަށް އަޅުގަނޑުމެން މި އެސްޓިމޭޓްކުރަނީ 115-350 ޔުނިޓް ނެގޭނެ ކަމަށް. ބިލަބޮންގުގެ [ކަރަންޓް] ބިލަށް ލިބޭ ލުޔެއް އިނގޭނީ މި މަހުގެ ބިލް ލިބުމުން، އަޅުގަނޑުމެން މި ބަލަނީ ގާތްގަނޑަކަށް 22،000-23،000ރ. ގެ ދަށްވުމެއް ލިބޭނެ ކަމަށް،" ނާޝިދު ވިދާޅުވި އެވެ. ބިލަބޮންގުގައި މިހާރު ހަރުކޮށްފައި ވަނީ 301 ޕެނަލެވެ. ނާޝިދު ވިދާޅުވި ގޮތުގައި އަވިން ހަކަތަ އުފެއްދުމަކީ ހުރިހާ ސްކޫލަކަށް ވެސް ކުރެވިދާނެ ކަމެކެވެ. އޭރުން އެ ސްކޫލެއްގައި 30 ޕަސެންޓް ކަރަންޓް ސަލާމަތްކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ބިލަބޮންގް ހިންގާ އައިލެންޑާސް އެޑިއުކޭޝަންގެ ޑިރެކްޓަރު އަދުލީ ރަޝީދު ވިދާޅުވީ އަވިން ކަރަންޓް އުފެދުމަށް ސްކޫލުން ހިންގި ޕްރޮޖެކްޓަކީ ކާމިޔާބު ޕްރޮޖެކްޓެއް ކަމަށެވެ. އަވިން ކަރަންޓް އުފެއްދުމުން ކަރަންޓް ހަރަދު ވަރަށް ބޮޑަށް ސަލާމަތްކުރެވޭނެ ކަމަށް ޔަގީންކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. ތިމާވެއްޓާ ރައްޓެހިގޮތަކަށް ކަރަންޓް އުފައްދަން ފެށުމަކީ ސްކޫލުގެ ދަރިވަރުންނަށް ވެސް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. އެ ސްކޫލްގައި އަވިން ކަރަންޓް ދޭން ފެށުމުގެ ރަސްމިއްޔާތަށް ގޮސް ތިބި ދަރިވަރުންގެ އިހްސާސްތަކުން އެކަން އެނގެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ