ޝަރުއީ ނިޒާމް ހަރުދަނާކޮށް، އެންމެންނަށް ހަމަހަމަކަން ހޯދައިދޭން ޖެހޭ: ގާސިމް
ޝަރުއީ ދާއިރާއާ ގުޅޭ ކޯސްތައް ނިންމައި ނިކުންނަ އެ ދާއިރާގެ ފަންނީ މީހުން ވެސް މަސައްކަތްކޮށްގެން އަދުލު އިންސާފު ގާއިމްކުރުމުގެ ދާއިރާ ހަރުދަނާކޮށް އެންމެންނަށް ހަމަހަމަކަން ހޯދައިދޭން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ. ވިލާ ކޮލެޖު ކިއު އައި ކެމްޕަސްގައި ބޭއްވި އެ ކޮލެޖުގެ ތިން ކޯހެއްގެ ގްރެޖުއޭޝަންގައި ގާސިމް ވިދާޅުވީ މިއީ ރާއްޖޭގެ ޝަރުއީ ނިޒާމާ މެދު ތަފާތު ދިމަދިމާއިން ފާޑުކިޔަމުންދާ ދުވަސްވަރެއް ކަމަށެވެ. މިފަދަ ދުވަސްވަރެއްގައި މާސްޓަ އޮފް ޝަރީއާ ކޯސް ފުރިހަމަކޮށްގެން 42 ދަރިވަރަކު ނިކުތުމަކީ ޝަރުއީ ދާއިރާގެ ހުސްކަން ފިލުވާލުމަށް ލިބޭ ފުރުސަތެއް ކަމަށް ވިދާޅުވި އެވެ. "މިކަން [ޝަރުއީ ނިޒާމް ހަރުދަނާ] ކޮށްދޭން ތިބި އެއް ބަޔަކީ އަދުލު އިންސާފު ގާއިމްކުރުމުގެ މުއައްސަސާތަކުގައި ތިއްބެވި ފަންނީ ބޭފުޅުން. ޝަރުއީ ދާއިރާގައި މަސައްކަތް ކުރެއްވުމަށް ފުރުސަތު ލިބިވަޑައިގަންނަވާ ބޭފުޅުން. އެ ބޭފުޅުން އެބަ ޖެހިވަޑައިގަންނަވާ ޝަރުއީ ނިޒާމް ހަރުދަނާކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވުމަށް. ތިމާމެންގެ އަމިއްލަ ކަންކަމަށް ވުރެ ގައުމީ މަސްލަހަތު އިސްކުރައްވަން. އެންމެންނަށް ހަމަހަމަކަމާ އެކު ހިދުމަތް ކޮށްދެއްވަން،" ވިލާ ކޮލެޖުގެ ފައުންޑަ ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކޯސްތައް ނިންމައި ނިކުންނަ ދަރިވަރުންނަކީ ވަފާތެރިކަމާ އެކު ގައުމަށް ހިދުމަތްކޮށް، ގައުމުގެ މަސްލަހަތު ހިފަހައްޓަން ޖެހޭ ބައެކެވެ. އަދި ގައުމުގައި ސުލްހަވެރި ވެއްޓެއް ގާއިމްކޮށްދިނުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. ގްރެޖުއޭޓްވި ކުދިންނަށް ގާސިމް ނަސޭހަތް ދެއްވަނީ: ވިލާ ކޮލެޖުން ގްރެޖުއޭޓްވި ހުރިހާ ދަރިވަރުން ވެސް ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފަން ޖެހޭ ކަމަށް ވިދާޅުވި. --ނިޝާން އަލީ ގާސިމް ވިދާޅުވީ މީގެ އަށް އަހަރު ކުރިން ވިލާ ކޮލެޖު އުފެއްދީ ރާއްޖޭގައި ތިބެގެން ދިވެހިންނަށް މަތީ ތައުލީމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ. ވިހި ކުދިންނާ އެކު ވުޖޫދަށް އައި ވިލާ ކޮލެޖް ކުރިއަރަމުން އައިސް މިހާރު އެ ކޮލެޖުގައި 3،000 އަށް ވުރެ ގިނަ ދަރިވަރުން ތިބި ކަން އޭނާ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އަތޮޅުތަކުގައި ހުޅުވާ ކެމްޕަސްތަކާ އެކު ރަށްރަށުގައި ތިބި ދަރިވަރުންނަށް ވެސް މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު އަންނަނީ ފަހިވަމުންނެވެ. ބޭބީ ނާސަރީ ފެންވަރަށް ކިޔަވައިދެވެން ނެތް ރަށްރަށުގައި މިހާރު މާސްޓާސް ލެވެލްގެ ކޯސްތައް ހިންގަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ގާސިމް ވިދާޅުވި ގޮތުގައި އޭނާގެ މަސައްކަތަކީ ގައުމުގެ ތަރައްގީ އަށް ބޭނުންވާ ގާބިލް މީހުން އުފެއްދުމެވެ. އަތޮޅުތަކުގެ ދަރިވަރުންނަށް ވެސް ކުރިން ނުލިބޭ އެތައް ފުރުސަތުތަކެއް ފަހިވެފައިވާ ކަން ފާހަގަކުރައްވައި އެ ފުރުސަތު ނަގާނުލުމަށް އޭނާ އެދިވަޑައިގެންނެވި އެވެ. "އަޅުގަނޑުގެ ލޮބުވެތި މައިންބަފައިން ކިތަންމެހައި ވެސް ބޭނުންވެލެއްވި އަޅުގަނޑަށް ވެސް ރަނގަޅު ތައުލީމެއް ދެއްވަން. އަދި އަޅުގަނޑު ވެސް ބޭނުންވި ކިޔަވައިގެން މޮޅު މީހަކަށް ވާން. އެކަމަށްޓަކައި މާލެ އައިސް އެ ވަގުތަކު ނިދާލަން ލިބުނު އައްޓެއްގެ މަތީ ނިދާލައިގެން ވެސް ކެތްކުރިން. އެކަމަކު އޭރު ރާއްޖޭގެ ހާލަތު ހުރި ގޮތުން އެ ހުރިހާ ފުރުސަތުތަކެއް ނުލިބުނު،" ގާސިމް ވިދާޅުވި އެވެ. "އެކަމަކު މިއަދު ތިޔަ ދަރިވަރުންނަށް މަދަރުސީ ތައުލީމާއި ޔުނިވަސިޓީ ތައުލީމު ލިބޭނެ ހުރިހާ މަގެއް ވަނީ ފަހިވެފައި. އަދި ނުވިތާކަށް ރާއްޖޭގައި ތިބެގެން ޕީއެޗް.ޑީ ހެދޭވަރަށް ވެސް ދިވެހި ރާއްޖެ މިދަނީ ތަރައްގީވަމުން." ވިލާ ކޮލެޖުގެ ތިން ކޯހަކުން ޖުމްލަ 71 ދަރިވަރުން މިއަދު ވަނީ ގްރެޖުއޭޓްވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ