ފަނޑިޔާރުން އެހެން ކޯޓުތަކަށް ބަދަލު ކުރެވޭނީ ސުޕްރީމް ކޯޓުގެ ނިންމުމަކުން ކަމަށް ކަނޑައަޅައިފި
ދަށު ކޯޓުތަކުގެ ފަނޑިޔާރުން އެ މަރުހަލާގެ އެހެން ކޯޓުތަކަށް ބަދަލުކުރެވޭނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އެގޮތަށް ނިންމައިގެން ކަމަށް ކަނޑައަޅައި، އުސޫލު އާންމުކޮށްފި އެވެ. ސުޕްރީމް ކޯޓުން މިއަދު އާންމުކޮށްފައިވާ އެކަމާ ބެހޭ އުސޫލު ބުނާގޮތުން ދަށު ކޯޓެއްގެ ފަނޑިޔާރަކު އެ މަރުހަލާގެ އެހެން ކޯޓަކަށް ބަދަލު ކުރެވޭނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާ ނިންމުމެއްގެ މައްޗަށް ބިނާކޮށް ޖުޑިޝަލް ސާވިސް ކޮމިޝަނުންނެވެ. އެގޮތަށް ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކުރަން ސުޕްރީމް ކޯޓުން ނިންމައި، އެކަން ޖޭއެސްސީ އަށް ހުށަހެޅޭނީ ފަސް ހާލަތަކުން ކުރެ ހާލަތެއް މެދުވެރިވުމުން ކަމަށް އެ އުސޫލުގައިވެ އެވެ. އެއީ އެ ފަނޑިޔާރަކު އެގޮތަށް އެދުމާއި ފަނޑިޔާރުގެ ތައުލީމާއި ތަޖްރިބާ އަށް ބަލާއިރު އެހެން ކޯޓެއްގައި މަސައްކަތް ކުރުން މުހިންމު ކަމަށް ފެނުމާއި އެހެން ކޯޓަކަށް އެ ފަނޑިޔާރެއްގެ ބޭނުން ޖެހިފައި ވުމާއި އެއް ކޯޓެއްގައި މާ ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާތީ އެހެން ދާއިރާއެއްގެ ތަޖުރިބާ ހާސިލްކުރުން މުހިންމު ކަމަށް ފެނުން ކަމަށް އެ އުސޫލުގައިވެ އެވެ. އަދި ކޯޓުތަކުގެ ނުވަތަ ފަނޑިޔާރުން އިތުބާރު ދަމަހައްޓަން އެ ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކުރަންޖެހޭ ކަމަށް ފެނުމަކީ ވެސް އެ އުސޫލުގެ ދަށުން ފަނޑިޔާރަކު ބަދަލު ކުރެވޭނެ ސަބަބެއް ކަމަށް އެ އުސޫލުގައިވެ އެވެ. އެ އުސޫލު ބުނާގޮތުން އެ އުސޫލުގެ ދަށުން ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކުރާ ނަމަ އެ ފަނޑިޔާރަކު ބަލަމުންދާ މައްސަލަތަކުގެ ތެރެއިން ހުކުމްކުރަން ތައްޔާރުވެފައިވާ މައްސަލަތައް ނިންމަން އެކަށީގެންވާ މުއްދަތެއް ދޭންޖެހޭނެ އެވެ. ފަނޑިޔާރުން އެހެން ކޯޓުތަކަށް ބަދަލުވާ ނަމަ ސުޕްރީމް ކޯޓުގެ ހުއްދަ ލިބެންޖެހޭ ކަމަށް އެ ކޯޓުން ކަނޑައެޅިއިރު ފަނޑިޔާރުން ޗުއްޓީއަށް ދާއިރު ވެސް އެ ކޯޓުގެ ހުއްދަ ހޯދަންޖެހޭނެ ކަމަށް މިދިޔަ ހަފުތާގައި އެ ކޯޓުން ވަނީ އަންގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ