ގައްޒާފީގެ ވެރިކަން ވެއްޓުމަކީ ލީބިއާއިން މިހާތަނަށް ސޫދާނަށް ލިބުނު އެންމެ ފުރިހަމަ ހަދިޔާ- ރައީސް އުމަރު އަލް ބަޝީރު

ލީބިއާގެ ޒަމާންވީ ލީޑަރު ކާނަލް މުއައްމަރުލް ގައްޒާފީގެ ވެރިކަން ވެއްޓުމަކީ ލީބިއާއިން މިހާތަނަށް ސޫދާނަށް ލިބުނު އެންމެ ފުރިހަމަ ހަދިޔާކަމަށާއި އެކަމަށް ޝުކުރުވެރިވާންޖެހޭ ކަމުގައި ސޫދާނުގެ ރައީސް އުމަރު އަލް ބަޝީރު ވިދާޅުވެއްޖެއެވެ.ރައްޔިތުންގެ އިންގިލާބެއްގައި ގައްޒާފީގެ ވެރިކަން ވައްޓާލިފަހުން ލީބިއާ ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި އެގައުމުގެ ވެރިރަށް ޓްރިޕޮލީ އަށް ވަޑައިގެން ބަޝީރު ވަނީ ގައްޒާފީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ސޫދާން ބައިބައިވެ ހަލާކުވެގެން ދިއުމުގެ އަސްލަކީ ވެސް ގައްޒާފީ ކަމަށެވެ.ގައްޒާފީގެ އަނިޔާވެރިކަމަށް ބަޝީރު ފާޑުވިދާޅުވެފައިވާއިރު އޭނާ އަކީ ވެސް ސޫދާންގެ ގަތުލުއާންމާ ގުޅިގެން ފާޑުކިޔުން އަމާޒުވެފައިވާ ލީޑަރެކެވެ. އެ މައްސަލާގައި އޭނާ ކޯޓަށް ހާޒިރުކުރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން 2009 ވަނަ އަހަރު އަމުރެއް ނެރެފައިވާއިރު ޖަރީމާތައް ހިންގެވި ކަމުގެ ތުހުމަތުގައި މިފަދަ އަމުރެއް ދެން ނެރެފައި ވަނީ ގައްޒާފީއާ ދެކޮޅަށެވެ.ބައިނަލްއަގުވާމީ މުޖުތަމައުން ކުށްވެރިއެއްގެ ގޮތުގައި ބަލަމުން އަންނަ ލީޑަރަކު ލީބިއާގެ އާ ސަރުކާރުން މަރުހަބާ ކިޔުމުން އެމެރިކާގެ ހިއުމަން ރައިޓްސް ވޮޗުން ވަނީ އެ ގައުމަށް ވަރަށް ބޮޑަށް ފާޑުވެސް ކިޔާފައެވެ. ހިއުމަން ރައިޓްސް ވޮޗުން ބުނެފައި ވަނީ މިއީ ލީބިއާގެ އާ ސަރުކާރުން އިންސާނީ ހައްގުތަކަށް އިހްތިރާމްކުރާ ކަމާ މެދު ސުވާލު އުފެދޭ ވަރުގެ ކަމެއް ކަމަށެވެ.ބަޝީރު ވިދާޅުވެފައިވާ ގޮތުގައި ލީބިއާގެ އާސަރުކާރުން އޭނާ އާއެކު ގުޅުން ބޭއްވުމަށް މަސައްކަތްކުރާނަމަ އެކަމުގައި އެޤައުމުގެ އަސްކަރިއްޔާއަށް ހުރިހާ ގޮތަކުން ސޫދާނުގެ އެހީތެރިކަން ފޯރުކޮށް ދެއްވާނެ ކަމަށެވެ. އަދި އެކަން ލީބިއާއިން އުފަލުން ޤަބޫލުކުރާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެފައިވެއެވެ.ބަޝީރަށް ފާޑުކިޔުން އަމާޒުވެފައި ވަނީ ސޫދާނުގެ ހަމަނުޖެހުން ބޮޑު ދާރުފޫރުގެ ލޭ އޮހޮރުވުންތަކާ ގުޅިގެންނެވެ. އެ ހަމަނުޖެހުންތަކުގައި މަދުވެގެން 300،000 މީހުން މަރުވެފައިވާ ކަމަށް އ.ދ. އިން ބުނާއިރު ބަޝީރުގެ ސަރުކާރުން ބުނަނީ މަރުވެފައި ވަނީ ގާތްގަނޑަކަށް 10،000 މީހުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ