ޝައިހް އާދަމް ނިޝާންގެ ބަންދު ހައި ކޯޓުން ދަމަހައްޓައިފި
ބައިނަލްއަގްވާމީ ޔޯގާ ދުވަހު ހިންގި ހަމަނުޖެހުންތަކުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ އައްޝައިހް އާދަމް ނިޝާން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލް ކުރަން ޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ.ހައިކޯޓުގައި އިސްތިއުނާފްކުރި، މި މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ. ދެން ތިއްބެވީ ކޯޓުގެ އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި، ފަނޑިޔާރު ހުސައިން ޝަހީދެވެ. ކްރިމިނަލް ކޯޓުގެ އަމުރު ދެމެހެއްޓީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.ޝާން ބަންދުކުރަން ފުލުހުން އެދުނީ އެކަށީގެންވާ ކޮންމެވެސް މިންވަރަކަށް ހެކި ހުރި ކަމަށް ބުނެ އެވެ. އެގޮތުން އިންޓެލިޖެންސް ރިޕޯޓާއި އެދުވަހު ވީޑިއޯ ސްނެޕްޝޮޓްތަކެއް ހިމެނެ އެވެ. މި ހެކިތަކަށް ބަލާއިރު އެދުވަހު ޖިނާއީ ކުށެއްގައި ނިޝާން ބައިވެރިވެފައިވާކަން އެނގޭ ކަމަށާއި މި މައްސަލައަކީ ވެސް ޖިނާއީ ބޮޑު ކުށެއް ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އަދި ނިޝާން ހިންގި އަމަލުގެ ނަތީޖާއަކީ މުޖުތަމައަށް ނުރައްކާ އޮތުމާއި އާންމު މަސްލަހަތު ނަގައިލައި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިގެން ދިއުން ކަމަށްވާތީ އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރަކީ ސައްހަ އަމުރެއް ކަމަށް ކަނޑައަޅާފައިވެ އެވެ. ފަނޑިޔާރުގެ ހުޒައިފާގެ ރައުޔަ އިއްވަވަމުން ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން މީހަކު ބަންދުގައި ބަހައްޓައިގެން ކުރިއަށް ގެންދިއުމަށް ޓަކައި، ތުހުމަތު ކުރެވޭ ވަރަށް ހެކި ހުންނަން ބަޔާންކޮށްފައިވީ ނަމަވެސް ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވަނީ ތުހުމަތު ކުރެވޭ ވަރަ ކޮންމެވެސް ވަރަކަށް ހެކި ހުރި ކަމަށެވެ.އެހެންވިޔަސް އެއީ އިޖުރާއީ ގޯހެއް ގޮތުގައި ފަނޑިޔާރު ހުޒައިފާ ދެކެވަޑައިގަންނަވަ އެވެ. މި ގޮތުން ހެކި ވަޒަންކޮށް ލިޔެފައިވާއިރު އެންމެ ރަނގަޅު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓްގެ އިތުރަށް ވީޑިއޯ ސްނެޕްޝޮޓްތައް ވެސް ހުށަހަޅާފައިވާ ކަން ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ."ޝައްކަށް ވުރެ މަތީ ދަރަޖައަކަށް ޖިނާއީ ހަރަކާތެއް ހިނގާފައިވާ ކަން އެބަ އެނގޭ، ހަމައެކަނި އެ ސަބަބަށް ޓަކައި އަމުރުގެ ސައްހަކަން ނެތް ކަމަށް ކަނޑައެޅޭނެ ކަމަށް ނުދެކެން،" ފަނޑިޔާރު ހުޒައިފާ ވިދާޅުވި އެވެ.އެ ރައުޔައަށް އިސް ފަނޑިޔާރު ހާތިފް ހިލްމީއާއި ފަނޑިޔާރު ހުސައިން ޝަހީދު ވެސް ވަނީ ތާއީދު ކުރައްވައިފަ އެވެ.ނިޝާންގެ ބަންދު މުރާޖައާ ކުރުމަށްފަހު ކޯޓުން ނެރުނު އިތުރު ތިން އަމުރެއް ވެސް ހައިކޯޓުގައި ވަނީ އިސްތިއުނާފްކޮށްފަ އެވެ. އެ އަމުރުތަކާ ގުޅޭ އަޑުއެހުންތައް މިހާރު ނިންމާލާފައިވާއިރު، ދެން އޮންނާނީ ހުކުމް ކުރުމެވެ. ހުރިހާ އަމުރެއްގައި ވެސް ހުށަހަޅާފައި ވަނީ އެއް ނުކުތާތަކެކެވެ.ޔޯގާ ދުވަސް ފާހަގަރަން މާލޭގައި ބޭއްވި ހަރަކާތުގެ ތެރެއަށް ބަޔަކުވަދެ ހަމަނުޖެހުން ހިންގާ އެތަނުގައި ހުރި ތަކެއްޗަށް ގެއްލުންދީ މީހުންނަށް ހަމަލާދީފައިވާއިރު، މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުން އަންނަ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ