ތޫފާން ދަނީ ދުރަށް، އާދިއްތައަށް މޫސުން ރަނގަޅުވާނެ: މެޓް

"ގޯޚީ"ގެ ނަން ދީފައިވާ ތޫފާން ދަތުރުކުރަމުން ދަނީ އިންޑިއާ ދިމާލަށް ކަމަށާއި އާދިއްތަ ދުވަހުން ފެށިގެން ރާއްޖެއަށް މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
އެ އިދާރާގެ އޮފިޝަލަކު ވިދާޅުވީ، ތޫފާން ރާއްޖެއާ ދުރަށް ދަތުރުކުރަމުންދާ ކަމަށާއި ނަމަވެސް މިރޭ އާއި މާދަމާ އަދި ހޮނިހިރު ދުވަހު އޭގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށެވެ. ރާއްޖެއަށް މޫސުން ރަނގަޅު ވާނީ އާދިއްތަ ދުވަހު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ތޫފާން ދަތުރުކުރަމުން ދަނީ ރާއްޖެއާ ދުރަށް ކަމަށްވީ ނަމަވެސް ތޫފާނުގެ ވިލާތައް ދަތުރުކުރަމުން ދަނީ ވަރަށް ލަސްލަހުން ކަމަށް އެ އިދާރާއިން ބުންޏެވެ. އެހެންވެ ރާއްޖެއަށް ވިއްސާރަކުރަމުންދާނެ ކަމަށެވެ.
މިރޭ ފަތިހުން ފެށިގެން އިތުރަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. އެހެންވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
މިހާރު ވެސް ހއ އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ. ޔެލޯ އެލާޓް ނެރެނީ ކަނޑު ދަތުރުފަތުރު ނުކުރުމަށް އިލްތިމާސްކުރުމުގެ ގޮތުންނެވެ. އަދި ދިމާވެދާނެ ނުރައްކަލަކަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިބެން އެންގުމަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ ނެޝަނަލް މީޓޮރޮލޮޖިކަލް ސެންޓަރުން ވަނީ މިރޭ ދަންވަރު 1:00 އާ ހަމައަށް ހއ. އިން ފެށިގެން ވ، އަތޮޅަށް ޔެލޯ އެލާޓް ނެރެފަ އެވެ. އަދި މޫސުން އިތުރަށް ގޯސްވެ ބޯކޮށް ވާރޭވެހި ގަޑިއަކު 30 މޭލާއި 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ. ލ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ހަމައަށް ނެރެފައިވަނީ ވައިޓް އެލާޓެވެ. އެ އަތޮޅުތަކަށް 50 މޭލް ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.
ތޫފާން އިތުރަށް ވަރުގަދަ ވަމުން ދާއިރު މިހާރު މިސްރާބު ހުރީ ލަކްޝަދްވީޕްއާ ދިމާލަށް ކަމަށެވެ. ލަކްޝަދްވީޕް އާކިޕެލަގޯގައިވާ މައި ރަށް ތަކަކީ މަލިކާއި ކަރަވައްޓީއާއި އަގައްޓީއާއި އަމީނީއެވެ. ތޫފާން މިހާރު ހުރީ މަލިކުގެ އިރު ދެކުނުން 700 ކިލޯމީޓަރު ދުރުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ