ރައްޔިތުން އިންތިގާލީ ވެރިކަމެއް ބޭނުމެއް ނުވޭ: އަބްދުއްރަހީމް

ރައްޔިތުންނަށް އިންތިގާލީ ސަރުކާރެއް ބޭނުން ނުވާ ކަމަށާއި ރައްޔިތުން ބޭނުންވަނީ ތަރައްގީއާއެކު ކުރިއަށްދާން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު އެއް ކެންޑިޑޭޓެއް ނެރުމަށް ތާއީދު ކުރާކަމަށް ވިދާޅުވެ، ނަޝީދު މިއަދު އާންމު ކުރެއްވި މެސެޖާ ގުޅިގެން އަބުދުއްރަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 7 ފެބްރުއަރީ 2012 ގައި ރައްޔިތުން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަލިކޮށްފަ ކަމަށާއި ދެން އަލަކުން މޮޅެއް ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ދިވެހިން އިންތިގާލީ ސަރުކާރެއް ބޭނުން ނުވާ ކަމަށާއި ރައްޔިތުން ބޭނުންވަނީ ތަރައްގީއާކު ކުރިއަށްގޮސް ރައީސް ޔާމީން އަށް 2018 ޔަގީންކޮށްދޭން ކަމަށެވެ.
ނަޝީދުގެ އަމިއްލަ ހިޔާލުފާޅު ކުރައްވަމުން މިއަދު އާންމު ކުރެއްވި އޯޑިއޯ މެސެޖެއްގައި ނަޝީދު ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ވާނެ އެއްވެސް ފޯމިއުލާއެއް ފެނިވަޑައި ނުގަންނަވާ ކަމަށާއި އެއް ޕާޓީއަކުން ނިކުމެގެން އިންތިހާބު ކާމިޔާބު ކުރެވޭނެ ގޮތެއް ވެސް ނެތް ކަމަށެވެ. އެހެން ކަމުން މިފަދަ ހާލަތެއްގައި އަމަލު ކުރަން ޖެހޭނެ ގޮތެއް ކަމަށް ނަޝީދު ވިދާޅުވީ އިދިކޮޅު ހުރިހާ ޕާޓީތަކުން އެއް ކެންޑިޑޭޓެއް ނެރެ، އެ ކެންޑިޑޭޓަކީ އިންތިގާލީ ސަރުކާރެއް ގާއިމް ކުރާނެ ފަރާތެއް ހެދުން ކަމަށެވެ.
ނަޝީދު ވިދާޅުވީ މިއީ އެމަނިކުފާނުގެ އަމިއްލަ ހިޔާލުފުޅު ކަމަށާއި އެމްޑީޕީ އިން ވެސް އެކަމާ މެދު ހިތްހަމަ ނުޖެހޭ ނަމަ އެމަނިކިފާނާ ހިޔާލުތައް ހިއްސާ ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ނަޝީދުގެ އެކަމަށް ތާއީދު ކުރައްވަ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ޢަބުދުﷲ ރިޔާޒް ވިދާޅުވީ، އަންނަ 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގައި އިދިކޮޅުފަރާތްތަކުން ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ މަޝްވަރާތައް ކުރަން ތައްޔާރަށް ޖުމްހޫރީ ޕާޓީ އޮތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ