އަންނަ އާދީއްތަ ދުވަހު އައްޑޫއަށް ވަގުތީ ކަރަންޓު ދެނީ

އައްޑޫ ސިޓީގެ ޖެނަރޭޓަރުތަކަށް މައްސަލަތަކެއް ދިމާވެ ކަރަންޓު ކެނޑޭތީ، ވަގުތީ ހައްލެއްގެ ގޮތުން އެރަށަށް ޖެނަރޭޓަރުތަކެއް ގެންގޮސް އަންނަ އާދީއްތަ ދުވަހު ހިދުމަތް ދޭން ފަށާނެ ކަމަށް ފެނަކަ ކޯޕަރޭޝަން އިން ބުނެފި އެވެ.
ފެނަކަ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޗީފް ޓެކްނިކަލް އޮފިސާ ހުސެން ހަމީޒު ވިދާޅުވީ އައްޑޫ ސިޓީގައި ބޭނުން ކުރަމުން އަންނަ 11 ޖެނަރޭޓަރުގެ ތެރެއިން ހަތަރު ޖެނަރޭޓަރަކަށް ވަރަށް މައްސަލަތަކެއް ދިމާވެގެން އެކަން ހައްލު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން 750 ކިލޯވޯޓުގެ ޖެނަރޭޓަރާއި 1000 ކިލޯވޯޓުގެ ދެ ޖެނަރޭޓަރަށް މައްސަލަ ދިމާވެ ސްޕެއާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި 800 ކިލޯވޯޓުގެ ޖެނަރޭޓަރަށް ދިމާވި މައްސަލާގެ ބޮޑު ކަމުން ބޭނުން ނުކުރެވޭ ހާލަތަށް ގޮސްފައިވާ ކަމަށެވެ.
"އައްޑޫގައި ޖުމުލަ 11 ޖެންސެޓު ގެންގުޅޭ އިރު އޭގެ ތެރެއިން ހަތަރު ސެޓަކަށް ވަރަށް ކައިރިކައިރީގައި މައްސަލަ ދިމާވި، އަދި މިދިޔަ ދުވަސްތަކުގައި މަރާމާތު ކުރެވުނީ އެންމެ ޖެނަރޭޓަރެއް، މި އެއްޗެހީގެ ސްޕެއާއަކީ އާންމުކޮށް މާލޭގައި ލިބޭ އެއްޗެއް ނޫން، އޯޑަރުކޮށްގެން ބޭރުން ގެންނަ އިރު ވެސް ފުދޭވަރަކަށް ދުވަސް ނަގާ،" ހަމީޒު ވިދާޅުވި އެވެ.
އައްޑޫގައި ޖެނަރޭޓަރުތައް މައްސަލަ ޖެހިފައިވާތީ ކަރަންޓު ކަނޑަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. އޭގެ ސަބަބުން ގިނަ ބަޔަކަށް ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.
އެ މައްސަލަތައް ހައްލު ކުރުމަށް ވަގުތީ ހައްލެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެގޮތުން ގދ. ތިނަދޫއަށް ގެންދިޔުމަށް ރާއްޖެ ގެނައި 1.2 މެގަވޯލްޓާއި އެއް މެގަވޯލްޓުގެ ޖެނަރޭޓަރެއް އައްޑޫއަށް މިދިޔަ އާދީއްތަ ދުވަހު ފޮނުވާލާފައިވާ ކަމަށެވެ. އަދި އަންނަ ބުރާސްފަތި ދުވަހަށް އައްޑޫއަށް ފޯރާނެ ކަމަށާއި އޭރުން އާދީއްތަ ދުވަހަށް ޖެނަރޭޓަރު ހަރުކޮށް ވަގުތީ ކަރަންޓު ދެވޭނެ ކަމަށް ހަމީޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ބަލަނީ އިންޖީނު ރަށަށް ލިބޭތާ 24 ގަޑިއިރު ތެރޭގައި އައްޑޫއަށް ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލު ލިބިގެން ދާން، މި އިންޖީނުތައް އިންސްޓޯލްކޮށް ކަރަންޓު ދެވުމުން މިހާރު މި ދިމާވެގެން އުޅޭ މައްސަލައަށް ވަގުތީ ހައްލެއް ނާންނާނެ، އެއްވެސް ތަނަކުން ކަރަންޓު ކަނޑާކަށް ނުޖެހޭނެ،" ހަމީޒު ވިދާޅުވި އެވެ.
ހަމީޒު ވިދާޅުވީ އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެ ރަށަށް ގެންގޮސްފައިވާ 2.6 މެގަވޮލްޓުގެ ދެ އިންޖީނަށް ސީވޯޓާ ކޫލިން ސިސްޓަމެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަންނަ މަަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އަދި ޑިސެމްބަރު މަހުގެ ކުރިން މުޅި މައްސަލަ ހައްލު ކުރެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ހަމީޒު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ