ދެ އަހަރު ނުވާ ކުއްޖާއަށް އިހުމާލުވި ކަމުގެ ތުހުމަތުގައި މަންމަ އާއި ބައްޕަގެ މައްސަލަ ޕީޖީ އަށް ފޮނުވައިފި

ގއ. ކަނޑުހުޅުދޫގައި ކާފައާއި މުނިކާފަގެ ފަތާރުން ޖިންސީ ގޯނާ ލިބުނު ކުއްޖާ ބެލުމުގައި އިހުމާލުވި ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ މަންމަ އާއި ބައްޕަގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ. މިއަދު ފުލުުހުން ބުނީ، ދެ އަހަރު ނުފުރޭ ކުޑަކުއްޖަކަށް ކުއްޖާގެ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާ ކުރިކަން އެނގި ތިބެ އެކަން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ނުގެނައި މައްސަލައިގައި އެ ދެ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް މިދިޔަ އާދީއްތަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން އެ ކުއްޖާގެ ކާފަ ގއ. ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހީމް ދީދީ، 62، އާއި މުނިކާފަ ގއ. ކަނޑުހުޅުދޫ، އަންނާރުމާގެ، ހަސަން މޫސާދީދީ، 82، ގެ މައްޗަށް ވަނީ ދައުވާކޮށްފައެވެ. އެ ދެ މީހުންގެ މައްޗަށް ކުރީ އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ. މިހާރުވެސް އެ ދެ މީހުން ތިބީ ބަންދުގައެވެ. އެކަމަކު ކުއްޖާގެ ބައްޕަ އިއްޔެ ފުލުހުން ވަނީ ބަންދުން ދޫކޮށްލައިފައެވެ. އެ ދެ މީހުން ދޫކޮށްލީ، ޕީޖީއާ މަޝްވަރާ ކުރުމަށް ފަހު ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ